އަފްޣާން ރައީސު އަޝްރަފް ޣަނީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމުގެ މަގުމަތީގައި

އަފްޣާނިސްތާނުގެ ރައީސު އަޝްރަފް ޣަނީ

އަފްޣާނިސްތާނުގެ ރައީސު އަޝްރަފް ޣަނީއަށް ފާއިތުވި ސެޕްޓެންބަރު މަހު 28 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި %50.64 ވޯޓު ލިބިވަޑަގެންފައިވާ ކަމަށް އިންޑިޕެންޑެންޓް އިލެކްޝަން ކޮމިޝަން (އައިއިސީ) ގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޢަބްދުﷲ ޢަބްދުﷲ އަށް ލިބިވަޑައިގެންފައި ވަނީ %39.52 ވޯޓެވެ. ތިންވަނައިގައި އުޅުއްވަނީ ކުރީގެ މުޖާހިދީންގެ ކޮމާންޑަރު ގުލްބުއްދީން ހިކްމަތުޔާރުއެވެ. އޭނާއަށް ލިބިވަޑައިގަތީ %3.85 ވޯޓެވެ.

ރަސްމީ ނަތީޖާ އަންނަ އިރު މި ނަތީޖާ ބަދަލުނުވެ އޮވެއްޖެނަމަ، ވޯޓުލުމުގެ ދެވަނަ ދައުރެއް ބާއްވަން ނުޖެހި، އަޝްރަފު ޣަނީ ހޮވިވަޑައިގަންނަވާނެއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރަން އޮތީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ކަމަށް ވިޔަސް، ވޯޓު އޮޅުވާލުމުގެ ތުހުމަތުތަކާ، ވޯޓު ގުނުމުގައި ދިމާވި ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން ނަތީޖާ އިއުލާންކުރުން ލަސްވެގެން ދިޔައީއެވެ.

"އަހަރުމެން މިވަނީ އަހަރުމެންގެ ވާޖިބާއި މަސްއޫލިއްޔަތު އަމާނާތްތެރިކަމާއެކު އަދާކޮށްފައި." ވަގުތީ ނަތީޖާ އިއުލާންކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އައިއިސީގެ ރައީސާ ޙައްވާ އާލަމް ނޫރިސްތާނީ ވިދާޅުވިއެވެ.

އަޝްރަފް ޣަނީއާއި އޭނާގެ ވާދަވެރިޔާ ޢަބްދުﷲ ޢަބްދުﷲ މިހާރު ތިއްބަވަނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ބައިވެރިންގެ ގޮތުގައެވެ. އަޝްރަފް ޣަނީ ރައީސެއްގެ ގޮތުގައި ހުންނަވާއިރު، ޢަބްދުﷲ އަކީ ޗީފް އެގްޒެކެޓިވްއެވެ.

އިލެކްޝަނުން ކޮމިޝަނުން ނޮވެންބަރު މަހުގެ ތެރޭގައި ވޯޓު އަލުން ގުނަން އުޅުމުން ވެސް ޢަބްދުﷲ ޢަބްދުﷲ ވަނީ އެކަމަށް ހުރަސްއަޅުއްވާފައެވެ. އޭނާ ވިދާޅުވީ ވޯޓު ގުނާތަން ބެލުމަށް އޭނާގެ އޮބްޒާވަރުން ނުފޮނުއްވާނެ ކަމުގައެވެ. އެހެންނަމަވެސް، ޢަބްދުﷲ ވަނީ މި ޑިސެންބަރު މަހުގެ ކުރީކޮޅު ވޯޓު ގުނަން ފެށުމަށް ދެކޮޅު ނަހައްދަވާނެ ކަމަށް ވިދާޅުވެފައެވެ.

ވަގުތީ ނަތީޖާ އިއުލާންކުރުމާއެކު ޢަބްދުﷲ ޢަބްދުﷲ ވަނީ ނަތީޖާ އޮޅުވާލާފައިވާ ކަމަށާއި، ނަތީޖާ ގަބޫލުފުޅުނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

"އަހަރުމެން އަނެއްކާވެސް އަހަރުމެންނަށް ތާއީދުކުރާ މީހުންނަށާއި، އާއްމު ރައްޔިތުންނަށާއި، އިލެކްޝަން ކޮމިޝަނަށާއި، އަހަރުމެންގެ ބައިނަލްއަގުވާމީ ބައިވެރިންނަށް ޔަގީންކޮށްދޭން ބޭނުން ވަނީ، އަހަރުމެން އެދޭ، ސައްހަ އެދުންތަކަށް އިޖާބަނުދެނީސް މި އޮޅުވާލާފައިވާ އިންތިޚާބުގެ ނަތީޖާ އަހަރުމެން ގަބޫލުނުކުރާނެކަން." ޢަބްދުﷲ ގެ ޓީމުން ނެރުނު ބަޔާނެއްގައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.