ބޭރު ޤައުމެއްގައި ހުންނަވާ ފުރަތަމަ ދިވެހި ކޮންސުލް ޖެނެރަލަކަށް އަންހެން ބޭފުޅެއް

އިންޑިއާގެ ޓްރިވެންޑްރަމް (ތިރުވަނަންތަޕޫރަމް)ގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގެ، ކޮންސުލް ޖެނެރަލްގެ މަޤާމަށް އާމިނަތު އަބްދުﷲ ދީދީ ޢައްޔަން ކުރައްވައިފިއެވެ.

އޭނާ އެމަގާމަށް އައްޔަން ކުރެއްވުމަށްފަހު މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވަނީ ލެޓަރ އޮފް އެޕޮއިންޓްމަންޓް އޭނާއާ ޙަވާލުކުރައްވައިފައެވެ.

މިއީ ދިވެހިރާއްޖެއިން ބޭރު ޤައުމެއްގައި ޤާއިމްކުރި ފުރަތަމަ ކޮންސިއުލޭޓް ޖެނެރަލްއަށް އައްޔަންކުރެއްވި ފުރަތަމަ ކޮންސުލް ޖެނެރަލްއެވެ.

މިމަޤާމަށް ޢައްޔަންކުރެއްވި އާމިނަތު އަބްދުﷲ ދީދީ މަޤާމާ ޙަވާލުވެވަޑައިގަތުމާއި ހަމަޔަށް ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގް ޕާމަނަންޓް ސެކްރެޓަރީގެ މަޤާމުގައެވެ. އަދި އޭގެ އިތުރުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރކަމާއި އެހެން ބައެއް މަޤާމުތަކުގައި 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚާރިޖީ ދައިރާއަށް އޭނާ ވަނީ ޚިދުމަތް ކުރައްވައިފައެވެ.

ކޮންސުލް ޖެނެރަލް އާމިނަތު އަބްދުﷲ ދީދީ ވަނީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން އިންޑިއާގެ ބެންގަލޯރ ޔުނިވަރސިޓީއިން ބެޗެލަރސް ޑިގްރީ ހާސިލްކުރައްވައިފައެވެ. އޭގެ އިތުރަށް އޭނާވަނީ އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ޙާސިލްކުރައްވާފައެވެ.

ދިވެހިރާއްޖެއިން ބޭރު ޤައުމެއްގައި ޤާއިމްކުރި ފުރަތަމަ ކޮންސިއުލޭޓް ޖެނެރަލްގެ ކޮންސުލް ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަންކުރައްވާފައިކަން މިނިސްޓްރީން ވެސް ފާޖަގަކޮށްފައިވަނީ ހިތްހަމަ ޖެހުމާއެކުގައެވެ. ދިވެހިރާއްޖެއިން ބޭރުގައި ޤާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ 17 ޑިޕްލޮމެޓިކް މިޝަންގެ ތެރެއިން 8 މިޝަންއެއް ހިންގަވަން ތިއްބެވީ އަންހެން ބޭފުޅުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.