ރައީސް ޔާމީންގެ ވެރިކަމުގައި ނުފެނުނު، ރައީސް ސޯލިޙުގެ ވެރިކަމުގައި ފެނުނު ރީތި މަންޒަރު

މިނިވަން މުއައްސަސާތައް އެންމެ ބޮޑަށް ޚަރާބު ވެގެންދިޔަ ދުވަސްވަރަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ދުވަސް ކަމުގައި ބުނުމަކީ ކިތަންމެހާވެސް ބޮޑު ތެދެކެވެ. ބަޔަކު ގަބޫލު ކުރިޔަސް އަދި ނުކުރިޔަސް މި މަންޒަރު ދޮގެއް ނުކުރެވޭނެއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މިނިވަން މުއައްސަސާތައް ހުރީ ހަމައެކަނި މިނިވަން ކަމުގެ ނަން ބޯޑެއް އަޅުވާފައެވެ. އެ ހުރިހާ ތަނެއް ކޮންޓްރޯލްކޮށް، ހިންގާތީ ފެނުނީ ސަރުކާރުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މިނިވަން މުއައްސަސާތަކުގެ ގިނަ މެމްބަރުން އުޅުއްވިތަން ފެނުނީވެސް ސަރުކާރު ޕްރޮމޯޓް ކުރައްވާށެވެ. ބަޔެއް ބޭފުޅުން "އަރުވާ ޖައްސަވައިގެން" ހެސްކިޔާފައި ރައީސް ޔާމީނާއި، ސަރުކާރު ހިންގާ މައި ޕާޓީގެ ކެމްޕޭނުގައި ވަރަށް ފުޅާކޮށް އުޅުއްވިއެވެ. ސަރުކާރު ޖަލްސާތަކުގައި ގޮނޑި ޖެއްސެވުމާއި، ކެމްޕޭނުގެ ޕާރުސަލް ބަންދު ކުރެއްވުމާއި، މުލީއާގޭގައި އޮންނަ ޕާޓީގެ ހަރަކާތްތައް ހިންގާ ތަފާތު ކޮމިޓީތަކުގައިވެސް މިނިވަން މުއައްސަސާތަކުގެ މެމްބަރުން އަވަދިނެތި އުޅުއްވަމުން ގެންދެވީ ބިރެއް، ސިހުމެއް ނެތިއެވެ. އެނޫން ގޮތަކަށް ކިރިޔާ އަތަކަށް އަޅާލި މެމްބަރަކަށްވެސް ރައީސް ޔާމީންގެ ސަރުކާރުން ފެނުނީ އަދަބު ދެއްވިތަނެވެ. މަގާމު ގެއްލުވާލި ތަނެވެ. އޭރު މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މަގާމު ގެއްލެނީ ސަރުކާރާ އެއްކޮޅަށް ނާރުއްވައިފި ނަމެވެ. ނަމަވެސް ހަގީގަތަކަށް ވާންޖެހޭނީ އެއެއްނޫނެވެ.

ދެން އޮތީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ ވާހަކަތައް މީޑިޔާއަށް ތިލަވާ މިންވަރެވެ. މިނިވަން މުއައްސަސާތަކުގެ މެމްބަރުން ސިޔާސީ ސަކަރާތް ޖެއްސެވުމުގައި އަވަދިނެތި އުޅުއްވިއިރު، އޭރުގެ ސަރުކާރަށް ތާއީދު ކުރާ މީޑިޔާތަކާއި، ސަރުކާރަށް ތާއީދުކުރާ ނޫސްވެރިންވެސް ތިބިތަން ފެނުނީ ސަރުކާރާއި މިނިވަން މުއައްސަސާތައް ގުޅިގެން ހިންގަމުންދިޔަ "ޖަރީމާތައް" ދިފާއު ކުރުމުގައެވެ. އެފަދަ ކަންކަން ދިފާއުކޮށް ޚަބަރާއި ރިޕޯޓު އަދި ޕްރޮގްރާމްތައް ގެނެސް ދެމުންދިޔައެވެ. އެކަމުގައި އެންމެ ބޮޑު ރޯލެއް ކުޅުނުތަން ފެނުނީވެސް މިނިވަން ތަނެއްގެ ގޮތުގައި ހިންގަން މަޖުބޫރު ދައުލަތުގެ ޓީވީ އިންނެވެ. ދައުލަތުގެ ޓީވީ ހިންގަވަން ތިއްބެވި ވެރިންނާއި ހަމައިން އެ މަސައްކަތް އޮތީ ހައްދެއް ނެތި ދޫކޮށްލާފައެވެ. ސަރުކާރަށް ތާއީދު ކުރާ އަމިއްލަ މީޑިޔާތަކުންވެސް އެފަދަ ކަންކަން ދިފާއުކޮށް ވަރަށްގިނަ މަސައްކަތް ކުރިތަން ފެނުނެވެ.

ދެން ތިބީ އޭރު ނޫސްވެރިންގެ ބޮލަށް ފައްތާފައި އޮތް އަބުރުގެ ޤާނޫނުގެ ދަށުގައިވެ، ބިރު ދައްކާފައިތިބި ނޫސްވެރިންނެވެ. ނަމަވެސް އަބުރުގެ ޤާނޫނު އޮތަސް، އަދި ސަރުކާރުން ކިތަންމެ ބިރެއް އޭރު ނޫސްވެރިންނާއި މީޑިޔާތަކަށް ދެއްކިޔަސް، އެކަންކަމަށް ފަރުވާލެއް ނުބަހައްޓައި ބަޔެއް މީޑިޔާތަކާއި، ބަޔެއް ނޫސްވެރިން މިނިވަން މުއައްސަސާތަކާއި، ސަރުކާރާއި، ރައްޔިތުންގެ މަޖިލިސްވެސް ގުޅިގެން ހިންގަމުންދިޔަ ޚުދުމުޚްތާރު ކަންކަމުގެ ވާހަކަތައް ތިލަކޮށް، ފާޑު ކިޔަމުން ދިޔައެވެ. އޭރުގެ ސަރުކާރާއި، މިނިވަން މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހަށް ކިރިޔާވެސް ވަރެއްވީ އެގޮތަށް ބަޔެއް މީޑިޔާތަކުން ކަންކަން ކުރީތީއެވެ.

ރައީސް ޔާމީންގެ ސަރުކާރު ނިމިއްޖެއެވެ. މިހާރު މިއޮތީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙުގެ ސަރުކާރެވެ. ދެން ބަލާލަންވީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރާއި، މިސަރުކާރުގެ ދުވަސްވަރު މިނިވަން މުއައްސަސާތަކުން އަމަލު ކުރަމުންދާ ދިޔުމާއި، އެކަމުގައި ދެ ސަރުކާރުން ފެންނަ ތަފާތެވެ. ބަޔެއް ޙާދިސާ މިހާރުވެސް ހިނގާފައި ހުރުމާއެކު ތަފާތު ކިޔާލުމަކީ މިހާރު ފަސޭހަ ކަމެކެވެ.

ރައީސް ސޯލިޙުގެ ސަރުކާރު އައިސް ގިނަ ދުވަސްތަކެއްނުވެ، ރައްޔިތުންގެ މަޖިލިސްގެ ސާފު މެޖޯރިޓީވެސް ސަރުކާރަށް ލިބުނެވެ. އެއާއެކު ފެނުނީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު މުޑުދާރު ކޮށްފައި ހުރި މިނިވަން މުއައްސަސާތައް ސާފު ކުރުމުގެ މަސައްކަތް ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ކުރަން ފެށިތަނެވެ. ފަހަރަކު މުއައްސަސާއެއް މަޖިލީހަށް ހާޒިރުކޮށް މައްސަލަތައް ބަލަން ފެށިތަނެވެ. އެއާއެކު ގިނަ މުއައްސަސާތަކެއްގެ މެމްބަރުންވެސް މަޖިލިސް ތެރެއިން ބަދަލުކޮށް، އާކޮށްލި މަންޒަރެވެ. އެއާއެކު މިނިވަން މުއައްސަސާތަކާމެދު ރައްޔިތުންގެ އުންމީދު އާވިއެވެ. މިނިވަން ކަމާއެކު އެ މުއައްސަސާތައް ހިނގާނެ ކަމުގެ އިތުބާރު ބޮޑުވިއެވެ.

މިހާތަނަށް މިނިވަން މުއައްސަސާތަކަށް މި ސަރުކާރު އައިފަހުން އައްޔަން ކުރެއްވި މެމްބަރުންގެ ތެރެއިން މަދު މެމްބަރެއްގެ ވާހަކަ ނޫނީ ގޯސްކޮށް ސުރުޚީ އަކަށް ނާރައެވެ. އެގޮތުން އެންމެގިނަ ބަޔަކު ލޮލުގައި އަޅައިގަނެ، އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވިތަން މި ފެނުނީ ރައީސް ޔާމީންގެ ދުވަސްވަރުވެސް އެންމެ ބޮޑަށް ފާޑުކިޔުން އައި ބްރޯޑްކާސްޓިންގ ކޮމިޝަނެވެ. ފާޑުކިޔުން އަމާޒުވީ އޭރުވެސް އަމާޒުވި ފާޑުކިޔުމެކެވެ. އެއީ ސަރުކާރުގެ ރަސްމިއްޔާތުތައް ހުށަހެޅުމާއި، އެފަދަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވުމެވެ.

މައްސަލަ އައީ ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަޙީދާ ވަޑައިގެން ޓޫރިޒަމް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއް ހުށަހަޅުއްވައި ދެއްވި ހިސާބުންނެވެ. މަރިޔަމް ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ދެއްކެވި ވާހަކަފުޅާއި ހަމައިންނެވެ. ހަމަ މިޒާތުގެ ކަންކަން ރައީސް ޔާމީންގެ ވެރިކަމުގައި ބްރޯޑްކޮމްގެ ބަޔެއް މެމްބަރުންނާއި، ދައުލަތުގެ ޓީވީގެ އިސްވެރިންގެ ފަރާތުންވެސް ފެނިފައިވެއެވެ. އޭރުވެސް އެކަންކަމަށް އައީ ހޫނު ފާޑުކިޔުން ތަކެކެވެ. ނަމަވެސް އޭރު ހުރިހާ މީހުން އެ ކަންކަމަށް ފާޑެއް ނުކިޔައެވެ. އެއްބަޔަކު އެކަމަށް އަތްޖެއްސި މަންޒަރުވެސް ފެނުނެވެ.

ބުނަން މިއުޅެނީ މިފަދަ ކަންކަމުގައި ދެ ސަރުކާރުގެ މެދުގައި ފެނުނު ތަފާތެއްގެ ވާހަކައެވެ. ފެނިގެންދިޔަ ރީތި މަންޒަރެއްގެ ވާހަކައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ބޮޑެތި ސިޔާސީ ޖަލްސާތައް ދައުލަތުގެ ޓީވީގެ ވެރިން ވަޑައިގެން ހެސްކިޔާފައި ތައުރީފު ކުރައްވައި ހުށަހަޅައި ދެއްވިއިރުވެސް، އަދި ސަރުކާރާއި ޕާޓީ ގުޅިގެން ބާއްވާ ރަސްމިއްޔާތު ތަކުގައި މިނިވަން މުއައްސަސާތަކުގެ މެމްބަރުން ވަޑައިގެން ގޮނޑި ޖެއްސެވިއިރުވެސް، އަދި ކެމްޕޭނުގައި އުޅުއްވި އިރުވެސް އޭރުގެ ސަރުކާރަށް ތާއީދު ކުރާ އެކަކަށްވެސް އެއީ މައްސަލައަކަށް ވެގެން ބަހެއް ނުބުނެއެވެ. އެންމެންވެސް ތިބީ އެކަމަށް އާނއެކޭބުނެ ފުއްދާލައިގެންނެވެ.

ޚާއްސަކޮށް އެފަދަ ކަންކަން އޭރުގެ ސަރުކާރަށް ތާއީދުކުރާ މީޑިޔާތަކުންވެސް ދިފާއުކޮށް ހެދީއެވެ. ރައީސް ޔާމީންގެ ސަރުކާރަށް މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިސްއިންވެސް އެފަދަ ކަންކަމުގައި ކަހާތަން ހިރުވާވެސް ނުލިއެވެ. މަޖިލީހުންވެސް ދިނީ އެއްބާރުލުމެވެ. ކުރީ ތާއީދެވެ. އެފަދަ ކަމަކަށް ބަހެއް ބުނި ނޫސްވެރިންނަށްވެސް އޮތީ ސަރުކާރުން ދެމުންދިޔަ "ހަންމުށީގެ އަދަބު" އާ ކުރިމަތި ލުމެވެ. ރައީސް ޔާމީންގެ ސަރުކާރަށް ތާއީދުކުރާ އާންމު ސަޕޯޓަރުންވެސް އެފަދަ ކަންކަމަށް "އޯކޭ" ޖަހައި، "ލައިކް" އަށް ފިތަމުން ދިޔައެވެ.

ނަމަވެސް މިއަދު ރައީސް ސޯލިޙުގެ ވެރިކަމުގައި މިފެންނަނީ ތަފާތު ކޮށެވެ. އައު ރައްޔިތުންގެ މަޖިލީހާއި ނޫސްވެރިންގެ ފަރާތުންވެސް މިއަދު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ރީތި މަންޒަރެކެވެ. ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަޙީދާ ސަރުކާރުގެ ރަސްމިއްޔާތެއްގައި ސަރުކާރަށް ތައުރީފު ކުރައްވައި، ހުށަހަޅައި ދެއްވުމާއެކު، ރައީސް ސޯލިޙުގެ ސަރުކާރަށް ތާއީދުކޮށް ވާހަކަ ދައްކަމުން އައި މީޑިޔާތަކާއި، އެފަދަ ނޫސްވެރިންވެސް މަރިޔަމްގެ އެ އަމަލަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. ހުރިހާ މީޑިޔާއަކަށްވެސް އެކަންވީ ގޯހެވެ. އެކަން ރަނގަޅުވި އެއްވެސް މީޑިޔާއެއް، އަދި އެއްވެސް ނޫސްވެރިޔަކުވެސް މިއަދު ނުފެނުނެވެ.

ދެން އޮތީ ރައްޔިތުންގެ މަޖިލީހެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރު ރޮޒައިނާ އާދަމް މިކަމަށް ވަރަށް އަވަހަށް ޖަވާބު ދެއްވައިފިއެވެ. މަޖިލިސް ޗުއްޓީ އިން އެނބުރި އައުމާއެކު މަރިޔަމް ވަޙީދާގެ މައްސަލަ ކޮމިޓީން ބަލާނެކަމުގެ ޔަގީންކަން ރޮޒައިނާ ދެއްވީ އަމިއްލަފުޅަށެވެ. ނޫސްވެރިން އެވާހަކައިން ސުވާލު ނުވެސްކޮށް އުޅެނިކޮށެވެ. އޭރު ބްރޯޑްކޮމް އިން ނޫސްވެރިންނާއި މީޑިޔާތައް މިލިޔަނުން ޖޫރިމަނާކޮށް، ކޮމިޝަނުގެ މެމްބަރުން ގޮނޑި ޖެއްސެވިއިރު، މަޖިލީހުގައި ތިއްބެވި ސަރުކާރަށް ނިސްބަތްވާ މެމްބަރުން އެކަންކަން ދިފާއު ކުރައްވައި އެކަމަށް ހިތްވަރު ދެއްވި ނަމަވެސް މިއަދު މަޖިލިސްއިންވެސް މި ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ދެން އޮތީ މަޖިލީހުން މިކަމުގައި އަމަލު ކުރާނެ ގޮތެއް ބެލުމަށް އިންތިޒާރު ކޮށްލުމެވެ.

ދެން ތިބީ ރައީސް ސޯލިޙުގެ ސަރުކާރަށް ތާއީދުކުރާ އާންމު ސަޕޯޓަރުންނެވެ. އަދި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ސަޕޯޓަރުންނެވެ. އެފަދަ ސަޕޯޓަރުންގެ ފަރާތުންވެސް މިފަހަރު ފެނުނީ ރައީސް ޔާމީންގެ ސަރުކާރަށް ތާއީދުކުރި ފަރާތްތަކުގެ ކިބައިން ފެނުނު މަންޒަރުގެ އިދިކޮޅެވެ. މަރީގެ އެ އަމަލު ސަރުކާރަށް ތާއީދުކުރާ އާންމުންވެސް ކުށްވެރިކުރި މަންޒަރު ފެނުނެވެ. މަރީ މަގާމުން ވަކިކުރަންވެސް އެފަދަ ބަޔެއް މީހުން ސޯޝަލް މީޑިޔާގައި ވާހަކަ ދައްކާފައި ހުއްޓެވެ. އަދި "ސިސްޓަމް ފެއިލް ކުރަން ނޫޅެ ގޭގައި ހުރުމަށް" ވެސް ރައީސް ސޯލިޙުގެ ސަރުކާރަށް ތާއީދު ކުރާ ބަޔެއް އާންމުން ސޯޝަލް މީޑިޔާގައި ލިޔެފައި ހުރިތަން ފެނުނެވެ.

މިފެންނަނީ ރައީސް ޔާމީންގެ ވެރިކަމާއި ރައީސް ސޯލިހުގެ ވެރިކަމުގެ ތަފާތެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައިވެސް މި ފެންނަނީ މުޅިން ތަފާތު ރީތި މަންޒަރެކެވެ. މީޑިޔާތަކާއި ނޫސްވެރިންނާއި ރައްޔިތުންގެ މަޖިލިސް އިންވެސް މިފެންނަނީ މިކަހަލަ ކަންކަމުގައި މުޅިން ތަފާތު މަންޒަރެކެވެ. އަދި އޭރު ރައީސް ޔާމީންގެ ސަރުކާރަށް ތާއީދުކުރި ސަޕޯޓަރުންނާއި، ރައީސް ސޯލިޙުގެ ސަރުކާރަށް ތާއީދުކުރާ ސަޕޯޓަރުންގެ މެދުގައިވެސް މިފެންނަނީ ވަރަށް ބޮޑު ތަފާތެކެވެ. މިނިވަން މުއައްސަސާތަކުގެ ކަންތަކުގައި ޚުދު މި ދެރައީސުންގެ މެދުގައިވެސް ފެނިގެން ދިޔައީ ވަރަށް ބޮޑު ތަފާތެކެވެ. މިއީ ރައީސް ޔާމީންގެ ވެރިކަމުގައި އުޅެއުޅެވެސް ނުފެނު، އެކަމަކު ރައީސް ސޯލިޙުގެ ސަރުކާރުގައި ފެނުނު ރީތި މަންޒަރެކެވެ. މިއީ ހެޔޮ ފާލެކެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

6 ޚިޔާލު

  1. Igthisaadhuge maikattakee dhefuh fenun, karpshan.mi sarukaarugai kuraa kankan engay fenay. vahkkan kuraathaneh nifenay.yaameenu dhiyaee sarukaaruge faisaa geashaai amilla ekauntah jamaakoh ehalaal ehcheh kamah vakaalaathu kuramun.
    tizOatakugai sarukaaru hudhayaaeku budhu behetti.bkk ah gos faisaa dheegen kuraa zinay akee halaal kamehkamah vakaalaathukuri.

  2. Kureega thibi meehun goasvegen aabayaku genaee.ehenveema ekuh thakuraaru kuraakah nujehey.ekamaku hama kuraakan ebakurey mihaaruves.MDP meehungothah halhey lavaa adu gadha kuraane bayaku nethee idhikolhuga.yamin dhauruga jalah gaidhee aku niyaavejjetha ekahala ehen kameh vejjetha.MDP ismeehun heevaanee ehen kamehhen.fahathun nikunnaane hageegaiy nubalaa jehihaa berakah nashaa meehun.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.