މަރިޔަމް ވަޙީދާއަށް: މިހާރު ތިއީ މިނިވަން މުއައްސަސާއެއްގެ ރައީސް، ޕްރެޒެންޓަރ މަރީއެއްނޫން!

ރާއްޖޭގައި ތިއްބެވި އެންމެމޮޅު ޓީވީ ޕްރެޒެންޓަރުންގެ ތެރޭގައި މަރިޔަމް ވަޙީދާ ހިމެނެއެވެ. މީޑިޔާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއިރު މަރިޔަމް އެ ދާއިރާގައި މުޅިންވެސް ކުރެއްވި ކަމަކީ ތަފާތު ޝޯތައް ހުށަހަޅައިދެއްވުމާއި ޚަބަރު ވިދާޅުވެ ދެއްވުމެވެ. އެހެންވެ މަރީއަށް އެކަމުގައި ދެވިފައިވާ ދިގު ދަތުރުގައި ތަޖުރިބާގެ އަލީގައި އޭނާގެ ހުށަހެޅުންތައް ހަމަ ވަރަށް ހިތްގައިމެވެ. ޝައުގުވެރިއެވެ.

މަރީއަކީ އެއްއިރެއްގައި މޮޅު ޕްރެޒެންޓަރެއް ކަމަކު އެވާހަކަ ދައްކާކަށް ބޭނުމެއް ނެތެވެ. މިއީ އޭނާގެ މަރީގެ ހުށަހަޅައިދިނުމުގެ މޮޅު ކަމަށް ތައުރީފު ކުރަންވީ ވަގުތެއްނޫނެވެ. މިހާރު އައިސްފައި މިއޮތީ މަރީއަށް ތައުރީފު ކުރުމުގެ ބަދަލުގައި ފާޑުކިޔަންވީ ވަގުތެވެ. މަރީއަށް މިހާރު ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވަމުންނެވެ. ނަމަވެސް ފާޑު ކިޔުން އަމާޒު ވެގެން މިއުޅެނީ ޕްރެޒެންޓަރު މަރީއަކަށްނޫނެވެ. މިނިވަން މުއައްސަސާއެއް ކަމަށްވާ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މަރީއަށެވެ. މީގެކުރިން އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުގައި ހުންނެވި ފާތިމަތު ޒައިނާއަށް އަމާޒުވި ގޮތަށެވެ.

އެހެންކަމުން މިއަދު މި ފެންނަނީ ޒައިނާ އޭރު ދިފާއުކުރި މީހުން މިއަދު މަރީއަށް ފާޑު ކިޔާ މަންޒަރެވެ. އަނެއްކޮޅުން ޒައިނާއަށް ފާޑުކިޔައި އޭނާ މަގާމުން ދުރުކުރުމަށް ގޮވާލި ބަޔެއް ފަރާތްތަކުން މިއަދު މި ފެންނަނީ މަރީގެ ދިފާއުގައި ވާހަކަ ދައްކައި އުޅޭތަނެވެ. މި ދެގޮތްވެސް ގޯހެވެ. ޒައިނާވެސް އެހެއްދެވީ ވަރަށް ބޮޑު ގޯހެކެވެ. މަރީވެސް އެ ހެއްދެވީ ވަރަށް ބޮޑު ގޯހެކެވެ. ކުރެއްވި ކަންތަކުގެ ސަބަބުން އަދަބު ދެއްވަންޖެހޭނަމަ ޒައިނާ އާއި މަރީއަށްވެސް އަދަބު ދެއްވަން ޖެހެއެވެ

ބްރޯޑްކާސްޓިންގ ކޮމިޝަނަކީ މިނިވަން މުއައްސަސާއެކެވެ. މިވަރުގެ ކޮމިޝަނެއްގެ މެމްބަރު ކަމުގެ ހުވާ ކުރެއްވުމާ ހަމައަށް ވަޑައިގަތުމުގެ ކުރިން ވަރަށް ބޮޑު އިޤްރާއްގައިވެސް ސޮއި ކުރައްވައެވެ. އަދި ކޮމިޝަނުގެ ޤާނޫނުގައިވެސް އަދި ކޮމިޝަނުގެ ގަވައިދު ތަކުގައިވެސް މެމްބަރުންގެ ކިބައިގައި ހުރުން ލާޒިމް ސިފަތަކާއި، މެމްބަރުން ކޮށްގެން ނުވާނެ ކަންތަކާއި، ކުރެވޭނެ ކަންކަން ވަރަށް ސާފުކޮށް ކަޅާއި ހުދުން ލިޔެފައި ވެއެވެ. މާލީ މަންފާއެއް ލިބެން އޮތް ކޮންމެ ދޮރަކުން ވަނުމުގެ ފުރުޞަތު ލިބޭއިރަށް އެ މެމްބަރުންނަށް އެ ދޮރުން ވަނުމުގެ ފުރުޞަތެއް ނެތެވެ.

މިކަން ޒައިނާއަށްވެސް މަރީއަށްވެސް އޮޅިވަޑައިގެންފައި އޮވެގެން ނުވާނެއެވެ. ކޮމިޝަނުގެ މެމްބަރު ކަމުގައި ހުންނަވައި ޒައިނާ ކުރެއްވި ކަމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ބޭއްވި ރަސްމިއްޔާތެއްގައި ގޮނޑި ޖެއްސެވުމެވެ. އެއާއެކު ޒައިނާ ހޫނު ފެނަށް ދިޔައެވެ. ނަމަވެސް ފެނުނީ މަގާމުން ވަކިކުރެއްވުމާ ހަމައަށްވެސް އެކަން ޒައިނާވެސް ދިފާއު ކުރެއްވި ތަނެވެ. އެއީ ގޯހެއް ކަމަށް އަމިއްލަފުޅަށް ގަބޫލު ނުކުރެއްވި މަންޒަރެވެ. ޒައިނާ އޭރު އެކަން ކުރެއްވީ ކޮމިޝަނުގެ މެމްބަރު ކަމުގައި ހުންނަވައެވެ. ނައިބު ރައީސް ކަމަށް ވަޑައިގަތީ މާފަހުންނެވެ. މަރީ ކުރެއްވި ކަމަކީ މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއް ހުށަހަޅައި ދެއްވުމެވެ. ޕްރެޒެންޓަރެއްގެ ޙައިސިއްޔަތުން ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފުވެސް ކުރެއްވިއެވެ.

މަރީއަކީ ވަރަށްގިނަ ރަސްމިއްޔާތުތައް ހުށަހަޅައި ދެއްވި ފަރާތެކެވެ. ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ރަސްމިއްޔާތު ތަކެވެ. އެހެންވެ ރަސްމިއްޔާތުތައް ހުށަހަޅައި ދެއްވުން އެދި މީގެކުރިން މަރީއަށް އަންނަ ދައުވަތުތައް ގަބޫލު ކުރުމުގައި އިމެއް، މިނެއް، ނުގެންގުޅުއްވި ނަމަވެސް މިހާރު މަރީއަކަށް އެހެން ކަންތަކެއް ނުކުރެއްވޭނެއެވެ. ސަބަބަކީ މަރީއަކީ މިހާރު މިނިވަން މުއައްސަސާއެއްގެ ރައީސް ކަމުގެ ގޮނޑީގައި އިންނެވި ފަރާތަކަށްވުމެވެ. އެހެންވެ އެފަދަ ދައުވަތެއް ލިބުމާއެކު މަރީ އެކަން ގަބޫލު ކުރައްވައި، އެކަށް އަގު ކަނޑައަޅުއްވައި، އެކަން ކުރެއްވުމަކީ އެވަރުގެ މަސްއޫލިއްޔަތެއްގެ ޒިންމާ އެނގިވަޑައިނުގެން ކުރެއްވި ކަމެއް ކަމަށްވާނަމަ މަރީއާމެދު އެހެން ސުވާލެއް ކުރުމުގެ ފުރުޞަތުވެސް ހުޅުވިގެންދާ ކަމެކެވެ.

ބަޔެއް މީޑިޔާތަކުގައި ޓޫރިޒަމް މިނިސްޓްރީއާ ހަވާލާ ދެއްވައި ބުނެފައި ވަނީ މިނިސްޓްރީގެ އެ ރަސްމިއްޔާތު ހުށަހަޅައި ދެއްވުން އެދި ރާއްޖޭގެ މަޝްހޫރު ތިން ޕްރެޒެންޓަރުންގެ ކިބައިން އަގު ދެއްވަން އެދުނު ކަމަށެވެ. އޭގެތެރޭގައި މަރީވެސް ހިމެނޭ ކަމަށެވެ. އަނެއް ދެބޭފުޅުންނަކީ ޕްރެޒެންޓަރު މޫސާ ވަސީމާއި، އަމީނާއެވެ. މީގެތެރެއިން މިނިސްޓްރީއަށް އަގު ދެއްވީ މަރީ އާއި މޫސަ ކަމަށެވެ. އަމީނާއަށް އެވަގުތު ދެއްވެން ނެތް ކަމަށެވެ. މޫސަ އަގަކަށް ކިޔުއްވީ 10 ހާސް ރުފިޔާ ކަމަށާއި، މަރީ ކިޔުއްވީ 3500 ރުފިޔާ ކަމަށްވެސް މިނިސްޓްރީއާ ހަވާލާ ދެއްވައި ބަޔެއް މީޑިޔާތަކުގައި ބުނެފައި ހުއްޓެވެ. މަރީވެސް އާންމުކޮށް އެކަން ކުރައްވަނީ 10 ހާސް ރުފިޔާއަށް ކަމަށްވެއެވެ. އަގުތައް ދެއްވުމުން މިނިސްޓްރީން ނިންމެވީ މަރީއަށް އެކަން ހަވާލު ކުރަން ކަމަށްވެސް މީޑިޔާ ތަކުގައި ޓޫރިޒަމް މިނިސްޓްރީއާ ހަވާލާ ދެއްވައި ލިޔެފައި ހުއްޓެވެ.

މިކަން މިހެން ވެފައިވާނަމަ މަރީއަށް މިނިވަން މުއައްސަސާއެއްގެ ރައީސް ކަމުގައި ހުންނަވައި ދައުލަތުގެ އިދާރާއަކުން މާލީ މަންފާއެއްވެސް އެއޮތީ ހޯދިފައެވެ. މިއީ މަރީއަށް އޮޅިގެންވީ ކަމެކޭ ބުނެ ފުއްދާލެވޭކަށް ނެތެވެ. މިވަރުގެ އޮޅުމެއް އެވަރު ކޮމިޝަނެއްގެ ރައީސަކަށް އޮޅިވަޑައިގެންފިނަމަ ދެން ދައްކާނެ ވާހަކައެއް ނެތެވެ.

މަރީއަށްވެސް އޮޅުނީއެވެ. ޒައިނާއަށްވެސް އޮޅުނީއެވެ. މިދިޔަ ފަސް އަހަރު ބްރޯޑްކޮމްއިން މީޑިޔާތަކާއި ނޫސްވެރިން ޖޫރިމަނާ ކުރީވެސް އޮޅިގެން ކަމަށްބުނެ ފުއްދާލަންވީ ހެއްޔެވެ. މިއިން ކޮންމެ ކަމަކީވެސް ގަސްތުގައި ކުރެއްވި ކަންކަމެވެ. އޮޅިގެނެއްނޫނެވެ. އެވަރުގެ ކަންކަން އޮޅޭވަރުގެ ބޭފުޅުން މިނިވަން މުއައްސަސާ ތަކަށް ކުރިމަތިވެސް ލެއްވުމަކީ ގޯހެކެވެ. ކުރިންވެސް އެންމެން އެއްއަޑަކުން ދެއްކީ ބްރޯޑްކޮމްގެ މިނިވަންކަން ގެއްލުނު ވާހަކައެވެ. މެމްބަރުން ގޮނޑި ޖެއްސެވި ވާހަކައާއި، މެމްބަރުން ސަރުކާރުގެ ތެރޭގައިވެސް "ފިލާކުޅުއްވި" ވާހަކައެވެ. މިއަދު އެ ތުހުމަތު ބޮޑުކޮށް މި ކުރެވުނީ މުޅިން އަލަށް އެ ކޮމިޝަނަށް އައްޔަން ކުރެއްވުނު ރައީސަށެވެ. ރައީސްކަމާ ހަވާލުވިތާ ގިނަދުވަސް ތަކެއްނުވަނީހެވެ.

ބްރޯޑްކޮމްގެ މެމްބަރުންނަށް މަގާމުގައި ތިއްބަވައިގެން ކުރެއްވޭނެ ކަންތަކާއި ނުކުރެއްވޭނެ ކަންކަން ނޫސްވެރިން ނުކުމެ އެބޭފުޅުންނަށް ކިޔައިދޭ ހިސާބަށް ދިޔައީމާ ޒައިނާ ކުރެއްވިޔަސް، މަރީ ކުރެއްވިޔަސް ނުވަތަ އެހެން މެމްބަރުން ކުރެއްވިޔަސް އޭތި "ކަޑަ" އެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.