ޓްރަމްޕް ގެ އިތުރު މަސްއަލަ ތަކެއް ފެންމަތިވެއްޖެ

އެމެރިކާގެ ރައީސް ކަމާ ހަވާލުވެވަޑައިގެންނެވުމަށް ތައްޔާރުވަމުންދާ ޑޮނަލްޑް ޓްރަމްޕް އާބެހޭ ޒާތީ ސިއްރު މައުލޫމާތުތަކެއް ، ރަޝިޔާއިންހޯދާފައިވާކަމަށް ބުނެ އެމެރިކާގެ މީޑިއާގައި ފަތުރަމުންދާ ޚަބަރުތައް ޓްރަމްޕް ދޮގުކުރައްވައިފިއެވެ. މީޑިޔާ ރިޕޯޓްތައް ތުހުމަތު ކުރާގޮތުގައި ޓްރަމްޕްއާބެހޭ ބަޔެއްކަހަލަ ލަދު ހުތުރު މައުލޫމާތުވެސް ރަޝިޔާއިން ވަނީ ހޯދާފައެވެ. މިޚަބަރުތަކާ ގުޅިގެން ޓްރަމްޕް ޓްވީޓް ކުރައްވާފައިވަނީ އެއީ "ފޭކް" ޚަބަރު ކަމަށާ ސިޔާސީގޮތުން މަގްސަދެއްހާސިލް ކުރުމަށް ބަޔަކުފަތުރަމުންގެންދާ ޚަބަރުތަކެއްކަމަށެވެ. އެމެރިކާގެ އިންޓެލިޖަންސް އޭޖެންސީތަކުން މިހާރުވަނީ ރަޝިޔާގެ ކިބައިގައި ހުރިކަމަށްބުނާ ޓްރަމްޕްގެ ޒާތީ މައުލޫމާތު ރައިސް ބަރަކް އޮބާމާ އަށާ ޓްރަމްޕަށްވެސް ހިއްސާ ކޮށްފައެވެ.

އެމެރިކާގެ ރައީސްކަމާ ޓްރަމްޕް ހަވާލުވެވަޑައިގެންނެވުމަށް ނުވަދުވަހަށް ވެފައިވާއިރު ، ބުދަދުވަހުގެ ވަގުތެއްގައި ޓްރަމްޕް ނޫސްކޮންފަރެންސެއްވެސް ދެއްވުމަށްވަނީ ހަމަޖެހިފައެވެ.    އެމެރިކާގައިބޭއްވުނު ރިޔާސީ އިންތިޚާބް ވަކިއަތަކަށް ފުރޮޅާލުމަށް ރަޝިޔާއިން ދައުރެއް އަދާކޮށްފައިވާކަމަށްބުނެ އެމެރިކާގެ އިންޓެލިޖަންސްއޭޖެންސީ ތަކުން ރިޕޯޓެއް ނެރެފައި ވީނަމަވެސް ޓްރަމްޕް ރަސްމީގޮތުން އަދި އެރިޕޯޓަށް ތާއީދު ކުރައްވާފައެއްނުވެއެވެ. އަދި ރަޝިޔާއާއެކުއޮންނަ ގުޅުންތަކަށް ތާއީދު ނުކުރާ ފަރާތްތަކަކީ "ސޭކުން" ކަމަށް ޓްރަމްޕްވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބް ޑޮނަލްޑް ޓްރަމްޕަށް ކާމިޔާބު ކޮށްދިނުމަށް ވޯޓް ނިޒާމްހެކް ކުރުމާ، އިދިކޮޅު ޑިމޮކްރެޓިކްޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަންގެ އީމެއިލްތައް ހެކް ކުރުންފަދަ ކަމެއް ކޮށްފައި ނުވާނެކަމަށް ރަޝިޔާއިންދަނީ ބުނަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.