ޕާކިސްތާނުގެ ކުރީގެ ރައީސު އަދި ސިފައިންގެ ވެރިޔާ ޖެނެރަލް (ރިޓާޔަޑް) ޕަރްވޭޒް މުޝައްރަފު ގައުމަށް ޣައްދާރުވުމުގެ ކުށުގައި އިއްޔެ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވުމާ ގުޅިގެން ޕާކިސްތާނުގެ އަސްކަރިއްޔާއިން، އެ ހުކުމާމެދު ހިތާމަކުރާކަން ހަމަކޮށްފިއެވެ.
"ޚާއްސަ ކޯޓުން ޖެނެރަލް ޕަރްވޭޒް މުޝައްރަފު، ރިޓާޔަޑް، އާ މެދު ނިންމި ނިންމުން ޕާކިސްތާނުގެ އަސްކަރިއްޔާގެ ހުރިހާ ރޭންކުތަކުން ބަލައިގަތީ ފުން ހިތާމައާއި ހިތްދަތިކަމާ އެކު. އެއްގަމުގެ ސިފައިންގެ ވެރިއެއް، ޖޮއިންޓް ޗީފް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަނެއް އަދި ޕާކިސްތާނުގެ ރައީސެއް ގެ ގޮތުގައި ހުންނަވައިގެން، 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގައުމަށް ޚިދުމަތްކުރައްވައި، ގައުމުގެ ދިފާއުގައި ހަނގުރާމަކުރެއްވި ބޭފުޅަކު ޔަގީނުންވެސް، ދުވަހަކުވެސް ޣައްދާރަކަށް ނުވާނެކަން ކަށަވަރު." ޕާކިސްތާނުގެ ބާރުގަދަ އަސްކަރިއްޔާގެ އިންޓަރ ސާވިސަސް ޕަބްލިކް ރިލޭޝަންސްގެ ޑިރެކްޓާ ޖެނެރަލް މޭޖާ ޖެނެރަލް އާސިފު އަބްދުލްޣަފޫރު ނެރުއްވި ބަޔާނެއްގައި ވެއެވެ.
އަސްކަރިއްޔާގެ ބަޔާނުގައި ވަނީ ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތާމެދުވެސް ސުވާލު އުފައްދާފައެވެ.
"(މި ޝަރީއަތް ކުރިއަށް ގެންދިޔައިރު) 'ޑިއު ލީގަލް ޕްރޮސެސްއަށް ސަމާލުކަން ދީފައި ނުވާކަމަށް ބެލެވެނީ. އެއީ، ސްޕެޝަލް ކޯޓުގެ ގާނޫނަށް ބެލުމެއް ނެތި، އަމިއްލަ ނަފުސު ދިފާއުކުރުމެ ފުރުސަތު ނުދީ، ވަކި މީހަކަށް ވީމާ ވަކި ޚާއްސަ ގޮތަކަށް ކުރިއަށް ގެންގޮސް، އަވަސް އަވަހަށް ޝަރިއަތް ނިންމާލާފައި ވާތީ." އަސްކަރިއްޔާގެ ބަޔާނުގައި ވެއެވެ.
އަސްކަރިއްޔާގެ ބަޔާން ނިންމާލާފައި ވަނީ މުޝައްރަފަށް އިންސާފުލިބޭނެ ކަމަށް އުއްމީދުކުރަމުންނެވެ.
"އަސްކަރިއްޔާއިން އުއްމީދުކުރަނީ ޕާކިސްތާނުގެ އިސްލާމީ ޖުމްހީރިއްޔާގެ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އިންސާފުލިބިދެވެނޭ ކަމަށް." ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއަކީ ސިޔާސީ ގޮތުންވެސް އެގައުމުގައި އެންމެ ބާރުގަދަ މުއައްސަސާއެވެ. ޕާކިސްތާނު މިނިވަން ގައުމެއްގެ ގޮތުގައި ހޭދަކުރި 72 އަހަރުގެ ތެރެއިން 32 އަހަރު ހޭދަކޮށްފައި ވަނީ އަސްކަރީ ވެރިކަމުގެ ދަށުގައެވެ. ބުނެވޭ ގޮތުގައި ޕާކިސްތާނުގެ އަސްކަރިއްޔާގެ ރުހުމާ ނުލައި އެ ގައުމުގައި އެއްވެސް މަދަނީ ސަރުކާރަކަށް ދެމިނުއޮވެވެއެވެ.
ޖެނެރަލް (ރިޓާޔަޑް) ޕަރްވޭޒް މުޝައްރަފު ވަނީ 1999 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުގައި ވެރިކަންކުރައްވާފައެވެ. އޭނާގެ މައްޗަށް އިއްޔެ ހުކުމް އިއްވާފައިވަނީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމުގެ އަމަލެއް ހިންގަވާފައި ވާތީ، ގައުމަށް ޣައްދާރުވުމުގެ ކުށުގައެވެ.