އަލަށް ރިސޯޓުހަދާ ރަށްތައް މިނިސްޓަރ ޢަލީ ވަހީދު އިޢުލާން ކޮށްދެއްވައިފި

ރިސޯޓުތަކުގެ ގޮތުގައި އަލަށް ތަރައްގީ ކުރާނެ ރަށްތައް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު އިޢުލާން ކޮށްދެއްވައިފިއެވެ. މިރަށްތައް އެމަނިކުފާނު އިޢުލާންކޮށްދެއްވީ އަންގާރަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި "ބުރަބި" ޖަލްސާގައެވެ. އަލަށް ފަތުރުވެރިކަން ތަރައްގީ ކުރުމަށް 29 ރަށެއް މިނިސްޓަރ އިޢުލާން ކުރެއްވިއެވެ.

މިނިސްޓަރ ވަނީ ފަތުރުވެރިކަން ތަރައްގީ ކުރާނެ ވަކިރަށްތަކާއި މީހުންއުޅޭ ރަށްރަށުގެ ތެރެއިން ވެސް ފަތުރުވެރިކަމަށް ބިންދޫކުރައްވާނެ ރަށްތައް އިޢުލާން ކުރައްވައިފައެވެ. މީހުން އުޅޭ ރަށްރަށުގެ ތެރޭގައި އައްޑޫ ސިޓީ، ފުއްވައްމުލައް ސިޓީ، ގދ. ވާދޫ ލ. ގަން، ހދ. ނޮޅިވަރަންފަރު، ހއ. ކެލާ، އެއަތޮޅު އުގަން ހިމެނެއެވެ.

ފަތުރުވެރިކަން ތަރައްގީ ކުރުމަށް އަލަށް އިޢުލާން ކުރި ރަށްތައް

އައްޑޫސިޓީން ފަތުރުވެރިކަމަށް 16 ހެކްޓަރުގެ ބިންވަނީ ދޫކުރައްވަން ނިންމަވައިފައެވެ. ފުވައްމުލަކުން ކަނޑައަޅައިފައިވަނީ 2 ހެކްޓަރު ބިމެވެ. ގދ. ވާދޫއިން ކަނޑައަޅާފައިވަނީ 0.5 ހެކްޓަރު ބިމެވެ. ލ.ގަމުން 19 ހެކްޓަރުގެ ބިމެވެ. ނޮޅިވަރަންފަރުން 0.5 ހެކްޓަރުގެ ބިމެވެ. ކެލާ އިން 8.5 ހެކްޓަރުގެ ބިމެވެ. އުލިގަމުން ކަނޑައަޅާފައިވަނީ 23 ހެކްޓަރެވެ.

ވަކިވަކި ރަށްތަކާއި ބިންތަކުން ޖުމްލަ 13،720 އެނދު އިތުރުވެގެންދާނެއެވެ. އަދި 18،672 ވަޒީފާ އުފެދޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ރަށްތަކާއި ބިންތައް އިޢުލާން ކުރެއްވި ކައުސިލްތަކާއި، ހުރިހާ މިނިސްޓްރީތަކާއި އިކޮނޮމިކް ކައުންސިލްގެ ޚިޔާލާއި ރުހުން ހޯއްދަވައިގެން ކަމަށެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ވެސް ބަލައި ދޫކޮށްލަންޖެހޭ ރަށްތައް ދޫކޮށްލައިފައިވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެއީ ތިމާއްތާގުޅުންހުރި ރަށެއް ކަމަށްވާނަމަ ކޮންސަލްޓެންޓުންގެ ލަފާގެ މަތީން އެރަށެއް ދޫށްލައިފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން މިނިސްޓަރ ދެއްކެވީ ގދ. ހައޮޑިގަލާއެވެ.

އަލަށް އިޢުލާންކުރި ރަށްތައް އަންނައަހަރު ފުރަތަމަ ހަ މަސްތެރޭގައި "ބިޑް ޕްރޮސެސް" ނިންމައި މަސައްކަތް ފެށޭވަރުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.