އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައި.އެލް.އޯ) އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު މެމޮރަންޑަމްއޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި މިއަދު ސޮއި ކުރައްވައިފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރައްވައިފައިވަނީ އައި.އެލް.އޯ އަށް ސަތޭކަ އަހަރު ފުރޭ ސެންޓީނެރީ ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ. މި އެމް.އޯ.ޔޫގައި އައި.އެލް.އޯގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ ޑިރެކްޓަރ ސިމްރިން ސިންގެވެ. އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ފައްޔާޒް އިސްމާޢީލެވެ.
މި އެއްބަސްވުމާ ބެހޭ ގޮތުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިއީ ރާއްޖޭގެ ލޭބަރުންގެ ހައްގުތައް ހިމާޔަތް ކުރުމާއި ރާއްޖެއިން އައިއެލްއޯއަށް ދެވިދާނެ ސަޕޯޓާއި އަދި އައިއެލްއޯއިން ރާއްޖެއަށް ކޮށްދެވިދާނެ ފަދަ ކަންކަން ހިމެނޭ އެއްބަސް ވުމެއް ކަމަށެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް މިސްނިސްޓަރ ވިދާޅެއް ނުވެއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ ފައްޔާޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގައި މިނިމަމް ވޭޖެއް ނުވަތަ އެންމެ ކުޑަ މުސާރައެއް ކަނޑައަޅައިފި ނަމަ އޭގެ ނޭދެވޭ އަސަރު އިގްތިސާދަށް ކުރާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެކަމަށް ހެދި ދިރާސާތަކުގެ ރިޕޯޓު މިހާރުވަނީ ލިބިފައި ކަމަށެވެ. އެރި ދެ ޕޯޓު ކެބިނެޓަށް ހުށަހެޅުމަށްފަހު ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ތަފްސީލްތައް ފަހުން ހާމަކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.