އދ ގެ އިންސާނީ ހައްގުތަކާ ބެހޭ މަންދޫބު ޔަންގީ ލީ މިޔަންމާއަށް ދަތުރުފުޅެއް ފަށްޓަވައިފި

މިޔަންމާގެ ރޮހިންޖާ މުސްލިމް މައިނޯރިޓީ ޖަމާއަތުގެ ރައްޔިތުންނާ ދެކޮޅަށް ސަރުކާރު ސިފައިން އާދަޔާޚިލާފް ހަރުކަށި އަމަލްތައް ހިންގަމުން ގެންދާކަމަށް ލިބޭ ހަބަރުތަކާ ގުޅިގެން އދ ގެ ހިއުމަން ރައިޓްސް އެންވޯއީ ޔަންގީ ލީ އެގައުމަށް ކުރައްވާ ދަތުރު ފުޅެއްފައްޓަވައިފިއެވެ. ބާރަދުވަހުގެ މިދަތުރުފުޅުގައި ލީފުރަތަމަ ވަޑައިގެންފައިވަނީ އުތުރުގެ ކަޗިން ސްޓޭޓަށެވެ.

ރޮހިންޖާ މުސްލިމުންނާ ސަރުކާރުސިފައިންނާދެމެދު ކުރިމަތިލުންތައް ފެށިފައިވަނީ މިޔަންމާ ބަންގްލާދޭޝް ގުޅުނު އިމާ ކައިރިހިސާބެއްގައި އޮކްޓޯބަރު ނުވަވަނަ ދުވަހު ހަމަލާތަކެއްދީ ސިފައިންގެ ނުވަމީހުން މަރާލި ހާދިސާއާ ގުޅިގެންނެވެ. ސަރުކާރުން ބުނަނީ މިހަމަލާތައް ދިނީ ރޮހިންޖާ މުސްލިމުންކަމަށެވެ. އަދި އެމީހުންނާ ދެކޮޅަށް ވަރުގަދަ ސެކިއުރިޓީ އޮޕަރޭޝަން އެއް ފަށާފައިވެއެވެ. އެދުވަހުން ފެށިގެން ރޮހިންޖާ މުސްލިމުންގެ މަދުވެގެން އަށްޑިހަހަތަރު މީހުން މަރުވެފައިވެއެވެ. އަދި ތިރިސް ހަތަރު ހާހެއްހާ މީހުން ސަރަހައްދީ އިން ހުރަސްކޮށް ބަންގްލާދޭޝް އަށް އެތެރެވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.  އާންމުން މައުލޫމާތު ދޭ ގޮތުގައި ހުޅަގު އުތުރު ރަޚީން ސްޓޭޓް ގައި ސިފައިން ރޮހިންޖާ މުސްލިމުން މަރާ ، ރޭޕްކޮށް އަދި ކުށެއްނެތި ހައްޔަރު ކުރަމުން ގެންދެއެވެ. އަދި މުސްލިމުންގެ އަވަށްތައް ހުރިގޮތަށް އަންދާލަމުން ގެންދާ ކަމަށް އެފަރާތްތަކުން މައުލޫމާތުދެއެވެ.  ސަރުކާރުން ބުނަނީ އަސްކަރިއްޔާއިން ކުރިޔަށް ގެންދަނީ ހަރުކަށިކަންދައްކަމުންގެންދާފަރާތްތަކާ ދެކޮޅަށް ، ގާނޫނީގޮތުން ބާރުލިބިގެން ކުރިޔަށްގެންދާ ހަރަކާތެއް ކަމުގައެވެ.

ލީ ގެ ދަތުރުފުޅުގައި މަސްއަލަ ބޮޑު ސަރަހައްދުތަކަށް ވަޑައިގަންނަވާއިރު ރައްކާތެރިކަން އެރުވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.