ތެޔޮ ޓޭންކަރެއްގައި ތިބި އިންޑިޔާގެ 20 ފަޅުވެރިއަކު ރަހީނުކޮށްފި

ރަހީނުކުރި މީހުން ދަތުރުކުރި ތެޔޮ ޓޭންކަރު 'ޑިއުކް'

އެފްރިކާގެ ހުޅަނގު ބިތުން ދަތުރުކުރަމުން ދިޔަ ތެޔޭ ޓޭންކަރެއްގައި ތިބި އިންޑިޔާގެ 20 ފަޅުވެރިއަކު ރަހީނުކޮށްފި ކަމުގައި އިންޑިޔާއިން ބުނެފިއެވެ.

"އަބޫޖާ (ނައިޖީރިޔާގެ ވެރިރަށް) ގައި ހުންނަ އަހަރުމެންގެ މިޝަނުން ވަނީ ނައިޖީރިޔާގެ ކަމާބެހޭ ފަރާތްތަކަށާއި، އެ ގައުމާއި އަވަށްޓެރި ގައުމުތަކަށް މައްސަލަ ހުށަހަލާފައި." އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެއެވެ.

ކަނޑު ދަތުރުފަތުރުގެ ޚަބަރު ގެނެސްދޭ ދަ މެރިޓައިމް އެކްޒެކަޓިވް އިން ބުނެފައިވާ ގޮތުގައި މާޝަލް އައިލޭންޑްސްގައި ރަޖިސްޓަރި ކޮށްފައިވާ 'ޑިއުކް' ނަމަކަށް ކިޔާ ޓެންކަރަށް ކަނޑުފޭރޭ ހަ މީހަކު އަރާފައި ވަނީ އެ އުޅަނދު އެންގޯލާގެ ލުއަންޑާއިން، ޓޯގޯގެ ލޯމޭއަށް ދަތުރުކުރަނިކޮށެވެ. އަދި ލޯމޭގެ ހުޅަނގު ދެކުނުން 115 ނޯޓިކަލް މޭލު ދުރުގައި އޮއްވާ ޓޭންކަރަށް އެރި ކަނޑުފޭރޭ މީހުން ވަނީ އެންމެ ފަޅުވެރިއަކު ފިޔަވައި އެ ޓޭންކަރުގައި ތިބި ހުރިހާ ފަޅުވެރިން ރަހީނުކޯށްފައެވެ. އެއީ އިންޑިޔާ ރައްޔިތުންނެވެ. ރަހީނުނުކޮށް ދޫކޮށްލީ ނައިޖީރިޔާގެ ރައްޔިތެއް ކަމަށް ބެލެވެއެވެ.

މިއީ އެފްރިކާގެ ކަނޑުގެ ސަރަހައްދުއި މިއަހަރު ތެރޭގައި ހިނގި ރަހީނުކުރުމުގެ އެންމެ ބޮޑު ހާދިސާއެވެ.

ޓޭންކަރުގެ ވެރި ފަރާތް، ޔުނިއަން މެރިޓައިމް އިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ކަނޑުފޭރޭ މީހުން އެ އަޅަނދަށް އެރީ ޓޯގޯގެ ލޯމޭއަށް ގެންދާ ތެޔޮ ބަރުކޮށްގެން ދަނިކޮށެވެ. އަދި އެ ކުންފުނިން ދަނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންނެވެ.

އެ ޓޭންކަރު ދުއްވާ ކުންފުނި ވީ ޝިޕްސް މެނޭޖްމަންޓް (އިންޑިޔާ) އިން ބުނެފައި ވަނީ ޑިސެންބަރު މަހުގެ 15 ވީ އާދީއްތަ ދުވަހުއްސުރެ ޓޭންކަރާއި ގުޅުން ކެނޑިފައިވާ ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.