ނިއުދިއްލީގެ ޖާމިއާ މިއްލިއްޔާ އިސްލާމިއްޔާއަށް ފުލުހުން ވަދެގެންފި

އިންޑިޔާ ސަރުކާރުން ނިއުދިއްލީގައި ހިންގާ މުސްލިމް ޔުނިވަސިޓީއެއް ކަމުގައިވާ، ޖާމިއާ މިއްލިއްޔާގެ ކޭމްޕަސް ތެރެއަށް ފުހުލުން ވަދެގަނެ، ކަރުނަ ގޭސް ޖަހައި، ލަޓިބުރިން ދަރިވަރުންނާއި ލެކްޗަރާއިންގެ ގައިގައި ތަޅައިފިއެވެ. އަދި ބައެއް ޚަބަރުތައް ބުނާގޮތުގައި ޔުނިވަސިޓީ ކެމްޕަސް ތެރެއިން ބަޑީގެ އަޑުވެސް ވަނީ އިވިފައެވެ. ކްލާސްރޫމުތަކުގައި ތިބި ކިޔަވާކުދިން ބަޑީގެ އަޑަށް ކޮޅުކޮޅަށް ދުވެ ޑެސްކްތަކުގެ ދަށަށް ވަންނަ މަންޒަރު ފެންނަ ވީޑިޔޯ ވަނީ މީސް މީޑިޔާގައި އާއްމުވެފައެވެ.

ޔުނިވަސިޓީ ކޭމްޕަސް ތެރެއަށް ފުލުހުން ވަދެގެންފައި ވާތީ އެކަން ކުށްވެރިކުރައްވައި ވާހަކަފުޅުދައްކަވަމުން ޔުނިވަސިޓީގެ ޕްރޮކްޓާ ވަސީމް އަޙްމަދު ޚާން ވިދާޅުވީ ފުލުހުން ވަދެގަތީ އެއްވެސް އަމުރެއް ނުވަތަ ހުއްދައެއް ނެތި ގަދަ ބާރުން ކަމުގައެވެ. އަދި ބައެއް ދަރިވަރުން ހައްޔަރުކޮށްގެން ގޮސްފައިވާ ކަމުގައެވެ.

އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުން ފާސްކުރި ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާމެދު ނުރުހުން ފާޅުކުރުމަށް އިންޑިޔާގެ ކަންކޮޅުތަކުގައި އެތައްހާސް ބަޔަކު ދަނީ މަގުތަކަށް ނުކުމެ މުޒާހަރާކުރަމުންނެވެ. އިއްޔެ ޖާމިއާ މިއްލިއްޔާ އިސްލާމިއްޔާގެ ދަރިވަރުން ވެސް މުޒާހަރާކޮށްފައި ވެއެވެ.

ދިއްލީ ފަޔާ ސާވިސް އިން ބުނެފައިވާ ގޮތުގައި އެ ޔުނިވަސިޓިގެ ދަރިވަރުން ވަނީ އަލިފާން ނިވާ ލޮރީއެއް މަޑުކުރުވައި އެއަށް ގެއްލުންދީ އަލިފާން ނިވާ ދެ މީހަކު ޒަޚަމްކޮށްލާފައެވެ. އެހެންނަމަވެސް، ޔުނިވަސިޓީގެ ދަރިވަރުންނާއި އިސް ދަރިވަރުން ވަނީ މިކަން ދޮގުކޮށްފައެވެ. ޔުނިވަސިޓީ ކޮމިޓީންވެސް ފުލުހުންގެ ވާޙަކަ ދޮގުކުރެއެވެ.

"އަހަރުމެންގެ އިހުތިޖާޖުތަކަކީ ސުލްހަވެރި، އަނިޔާވެރި އަމަލުތަކެއް ނުހިމެނޭ އިހުތިޖާޖުތަކެއް ކަމުގައި އަހަރުމެން ވާނީ ތަކުރާރުކޮށް ބުނެފައި. އަހަރުމެން މިތިބީ މި އުސޫލުގެ މަތީގައި އަދި އަނިޔާވެރިކަން އިސްކުރާ ފަރާތްތައް ކުށްވެރިކުރަން." ޖާމިއާ މިއްލިއްޔާ ޔުނިވަސިޓީ ކޮމިޓީން ނެރުނު ބަޔާނެއްގައި ވެއެވެ.

ޖާމިއާ މިއްލިއްޔާ އިސްލާމިއްޔާ ޔުނިވަސިޓީއަކީ އިންޑިޔާގެ މުސްލިމް ލީޑަރުންތަކެއް އިސްނަންގަވައިގެން 1920 ވަނަ އަހަރު އަލީގަޅްގައި އުފެއްދި ޔުނިވަސިޓީއެކެވެ. 1935 ވަނަ އަހަރު އެ ޔުނިވަސިޓީ ދިއްލީއަށް ބަދަލުކުރެވުނެވެ. އަދި 1988 ވަނަ އަހަރުން ފެށިގެން އެ ޔުނިވަސިޓީއަކީ އިންޑިޔާގެ މަރުކަޒީ ސަރުކާރުން ހިންގަމުން އަންނަ ޔުނިވަސިޓީއެކެވެ. އެ ޔުނިވަސިޓީގައި 23 ހާސް ދަރިވަރުން ތައުލީމު ހާސިލުކުރަމުން ދެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.