ދެކުނު ފެސިފިކްގެ ޖަޒީރާ ސަރަހައްދެއް ކަމުގައިވާ ބޯގެންވިލްގެ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް ޕަޕުއާ ނިއުގިނީގެ ދަށުން މިނިވަންވެ ވަކި ގައުމަކަށް ވުމަށް ތާއީދުކޮށްފިއެވެ.
ޕަޕުއާ ނިއުގިނީގެ ދާޚިލީ މިނިވަންކަން ލިބިފައިވާ ސަރަހައްދެއްގެ ގޮތުގައި މިހާރު އޮތް ބޯގެންވިލްގައި ފާއިތުވި ނޮވެންބަރު މަހުގެ 23 އިން ފެށިގެން މި ޑިސެންބަރު މަހުގެ 7 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދިޔަ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ މިއަދު އިއުލާންކުރި އިރު ވޯޓުލީ މީހުންގެ 176،928 މީހުން (%98) ވަނީ މިނިވަންވުމަށް އާއެނކޭ ބުނެފައެވެ. ނޫނެކޭ ބުނެފައި ވަނީ 2043 މީހުން (%2) އެވެ.
ސަރަހައްދުގެ ވެރިރަށް ބުކާގައި ބޯގެންވިލް ރެފެރެންޑަމް ކޮމިޝަންގެ ރައީސު ބާޓީ އަހާން ނަތީޖާ އިއުލާންކުރެއްވުމާއެކު އެއްވެ ތިބި މީހުން ވަނީ އުފާފާޅުކުރަން ފަށާފައެވެ.
މިއަދު ނަތީޖާ އިއުލާންކުރި ފެންނަ ނުފެންނަ ވޯޓަކީ، ޕަޕުއާ ނިއުގިނީގެ ސަރުކާރާ، ބޯގެންވިލް މިނިވަންކުރުމަށް ހަނގުރާމަކުރަމުން ދިޔަ މީހުންނާ ދެމެދު 2001 ވަނަ އަހަރު ވެވެނު ސުލްހައިގެ އެއްބަސްވުމުގެ ދަށުން، ޕަޕުއާ ނިއުގިނީ ސަރުކާރުގެ ރުހުމާއެކު ލެވުނު ވޯޓަކަށް ވިޔަސް، އެއީ އޭގެ ނަތީޖާއާ އެއްގޮތަށް އަމަލުކުރުން ލާޒިމު ވޯޓެއް ނޫނެވެ.
އެހެންކަމުން ވޯޓަށް ފަހު ބޯގެންވިލް މިނިވަން ގައުމަކަށް ނުވާނެއެވެ. ދެން އޮތީ މަޝްވަރާކުރުމުގެ މަރުހަލާއެވެ. ޕަޕުއާ ނިއުގިނީ އަންނަނީ ބޯގެންވިލް މިނިވަންކުރުމަށް ދެކޮޅުހަދަމުންނެވެ. އަދި ވޯޓުގެ ނަތީޖާ ގަބޫލުނުކުރުމުގެ އިޚްތިޔާރު އެ ގައުމުގެ ސަރުކާރަށް އެބައޮތެވެ. ނަތީޖާ ގަބޫލުކުރުމާ މެދު ގޮތެއް ނިންމާނީ ޕަޕުއާ ނިއުގިނީގެ ގާނޫނުހަދާ މަޖިލީހުންނެވެ. އެކަމަށް އަދި އަހަރުތަކެއް ނެގުން އެކަށީގެން ވެއެވެ.
އެހެންނަމަވެސް، ބޮޑު އަޣުލަބިއްޔަތެއް މިނިވަންކަމަށް ތާއީދުކުރުމުން ޕަޕުއާ ނިއުގިނީއަށް ކުރިމަތިވާ ފިއްތުން ވަރަށް ބޮޑުވާނެއެވެ. އެގައުމަށް އޮތީ އުނދަގޫ ދެގޮތުން އެއް ގޮތް އިޚްތިޔާރުކުރުމެވެ. އެއް ގޮތަށް ވޯޓުގެ ނަތީޖާ ގަބޫލުނުކުރުމެވެ. އެހެން ނިންމައިފިނަމަ ލޭ އޮހޮރުން ބޮޑު ދާޚިލީ ހަނގުރާމައެއް ފެށުމުގެ ފުރަސަތު ބޮޑެވެ. ވޯޓުގެ ނަތީޖާ ގަބޫލުކޮށް ބޯގެންވިލްއަށް މިނިވަންކަން ދީފިނަމަ އެ ސަރަހައްދު ފަދަ، ނަސްލީ ގޮތުން ތަފާތު އެހެން ސަރަހައްދުތައްވެސް ޕަޕުއާ ނިއުގިނީގެ ދަށުން މިނިވަންވުމަށް މަސައްކަތްކުރުމުގެ ފުރުސަތު ބޮޑެވެ.
"ވޯޓުގެ ނަތީޖާއަކީ ގަބޫލުކުރެވޭ ނަތީޖާއެއް. އެހެންނަމަވެސް، ޕަފުއާ ނިއުގިނީގެ އެހެން ސަރަހައްދުތަކަށް މި ނަތީޖާއާ މެދު ގޮތެއް ނިންމަން ވަގުތު ބޭނުންވޭ." ޕަޕުއާ ނިއުގިނީގެ މިނިސްޓަރ ފޯ ބޯގެންވިލް އެފެއާޒް ޕުކާ ޓެމޫ ވިދާޅުވިއެވެ.
ބޯގެންވިލްއަކީ ޕަޕުއާ ނިއުގިނިގެ އިރު ދުކުން އޮންނަ ޖަޒާރާތަކެއްގެ މައްޗަށް އެކުލެވޭ ސަރަހައްދެކެވެ. 10 ހާސް އަކަކިލޯމީޓަރު ބޮޑު މި ސަރަހައްދުގެ އާބާދީއަކީ 2 ލައްކަ 43 ހާހެވެ.