ޚާޝުޤްޖީގެ މަރާ ގުޅުން އޮތް ސައޫދީ ކުރީގެ ޑިޕްލޮމޭޓަކު އެެމެރިކާއަށް އެރުން މަނާކޮށްފި

ސައޫދީ ނޫސްވެރިޔާ އަދްނާނު ޚާޝުޤްޖީ ރަހުމްކުޑަ ގޮތަކަށް މަރާލި މައްސަލައާއި ގުޅުން އޮތް މީހަކަށްވާތީ  ސައޫދީ އަރަބިއްޔާގެ ކުރީގެ ޑިޕްލޮމޭޓަކު އެމެރިކާއަށް ވަނުން މަނާކޮށްފިއެވެ.

2018 ވަަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ޚާޝުޤްޖީ މަރާލާފައި ވަނީ ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓުގައެވެ. މި މައްސަލައާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން (ޚާރިޖީ ވުޒާރާއިން) އެމެރިކާއަށް ވަނުން މިއަދުން ފެށިގެން މަނާކުރީ އިސްތަންބޫލުގެ ސައޫދީ ކޮންސިއުލޭޓުގައި އޭރު ކޮންސުލް ޖެނެރަލްއަކަށް ހުންނެވި މުޙައްމަދު އަލްޢުތައިބީއެވެ.

"ޚާޝުޤްޖީ މަަރާލުމަކީ ބަލައިނުގަނެވޭނޭ، އަނިޔާވެރިކަން ބޮޑު ޖަރީމާއެއް." އަލްޢުތައިބީ އެމެރިކާއަށް ވަނުން މަނާކުރިކަން ހާމަކުރަން ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ވެއެވެ. އަދި  މި ޖަރީމާގައި ބައިވެރިވާ އެންމެންގެ މައްޗަށް "ފުރިހަމަ، ދެފުށް ފެންނަ ޝަރީއަތެއް ހިންގުމަށް ސައޫދީ ސަރުކާރަށް ބާރުއަޅަމުން ދާނެކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

"އަދި (ޚާޝުޤްޖީ) މަރާލުމުގައި ބައިވެރިވާ އެންމެން އެކަމުގެ ޒިންމާ އުފުލަން ޖެހޭ ގޮތް ހެދުމަށް، ކަމުގެ ހުރިހާ ހަގީގަތެއް ހޯދައި، ކޮންގްރެސްއާ މަޝްވަރާކޮށް، އެހެން ގައުމުތަކާއެކު މަސައްކަތް ކުރުމުގައި އަަހަރުމެން ކުރިޔަށް ދާނަން." ސްޓޭޓް ޑިޕާޓްމަންޓްގެ ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ.

އެމެރިކާގެ ދާއިމީ ވަޒަންވެރިއެއް (ޕާމަނެންޓް ސިޓިޒެން) އެއްގެ ގޮތުގައި ހުރެ ސައޫދީ ސަރުކާރަށް ފާޑުވިދާޅުވެ ވޮޝިންޓަން ޕޯސްްޓް ނޫހުގައި ލިއުއްވަމުން ގެންދެވި އަނިޔާވެރިގޮތަކަށް މަރާލުން ވެގެން ދިޔައީ މުޅި ދުނިޔެ ސިއްސުވާލި ޖަރީމާއަކަށެވެ. މުޙައްމަދު އަލް ޢުތައިބީއަކީ އެ ޖަރީމާއަށް މަގުފަހިކޮށް ދިނުމުގައި އިސް ދައުރެއް އަދާކުރި ފަރާތެއް ކަން ތުރުކީ ފުލުހުންގެ ތަހުގީގުތަކުން ވަނީ އެނިގިފައެވެ.

ޚާޝުޤްޖީ މަރާލުމުގެ ފަހަތުގައި ހުންނެވީ ސައޫދީ ވަލީއަހުދު އަމީރު މުޙައްމަދު ބިން ސަލްމާންކަން އެމެރިކާގެ ސީއައިއޭއިން ހޯދި ހޯދުންތަކުން އެނގުނު ނަމަވެސް، ސައޫދީ ސަރުކާރާ އޮތް ގުޅުމަށް ބުރޫ އަރާފާނެތީ ރައީސު ޓްރަމްޕް ވަނީ މި މައްސަަލައިގައި ފިޔަވަޅު އެޅުއްވުމަށް ދެކޮޅުހައްދަވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.