ކޮރަޕްޝަންގެ މައްސަލައިގައި އަލްޖީރިޔާގެ ކުރީގެ ދެ ބޮޑުވަޒީރުންގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުުކުމް

އަލްޖީރިޔާގެ ކުރީގެ ދެ ބޮޑުވަޒީރުން ކަމުގައިވާ ޢަބްދުލްމާލިކު ސައްލާލު (ކ) އަދި އަޙްމަދު އޫޔަޙްޔާ (ވ)

ކޮރަޕްޝަނާއި، ކުރީގެ ރައީސު ޢަބްދުލްޢަޒީޒު ބޫތަފްލީޤާގެ އިންތިޚާބީ ކެމްޕޭނަށް ސިއްރު ގޮތުގައި ފައިސާ ހޭދަކުރުމުގެ ކުށުގައި އަލްޖިީރިޔާ (އަލްޖަޒާއިރު) ގެ ކުރީގެ ދެ ބޮޑުވަޒީރުން ކަމުގައިވާ އަޙްމަދު އޫޔަޙްޔާއާއި ޢަބްދުލްމާލިކު ސައްލާލު ދިގު މުއްދަތަކަށް ޖަލަށްލުމަށް އަލްޖިއާސްގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އަލްޖިއާސްގެ މަޙްކަމަތުލް ޖުނަޙް (ކްރިމިނަލް ކޯޓު) އިން އޫޔަޙްޔާ 15 އަހަރަށް ޖަލަށް ލުމާއެކު 16 ހާސް އެމެރިކާ ޑޮލަރުން ޖުރުމާނާކުރުމަށް ހުކުމްކޮށްފައި ވާއިރު، ސައްލާލުގެ މައްޗަށް ހުކުމްކޮށްފައި ވަނީ 12 އަަހަރަށް ޖަލަށް ލުމާއެކު 8 ހާސް އެމެރިކާ ޑަޮލަރުން ޖުރުމާނާކުރުމަށެވެ. ކޮރަަޕްޝަންގެ މައްސަލައިގައި ކުރީގެ ސަރުކާރުގެ އިސް އެހެން ބޭފުޅުންގެ މައްޗަށްވެސް ހުކުމް އައިސްފައި ވެއެވެ.

ކުރީގެ މިނިސްޓަރ އޮފް އިންޑަސްޓްރީޒް ޢަބްދުއްސަލާމް ބޫޝޫރާބް 20 އަހަރަށް ޖަލަށްލުމަށް ޣައިރު ހާޒިރުގައި ހުކުމްކޮށްފައި ވާއިރު އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސްވެެސް ވަނީ ނެރެފައެވެ. އަދި މިނިސްޓަރ އޮފް އިންޑަސްޓްރީޒްކަން ކުރިން ކުރައްވާފައިވާ ދެ ބޭފުޅުން ކަމުގައިވާ ޔޫސުުފު ޔޫސުފީއާއި މަޙްޖޫބު ބައްދާގެ މައްޗަށް 10 އަހަރަށް ޖަލަށް ލުމުގެ އިތުރަސް 10 ހާސް އެމެރިކާ ޑޮލރުން ޖުރުމާނާ ކުރުމަށް ހުކުމްކޮށްފައިވާއިރު، ކުރީގެ މިނިސްޓަރ އޮފް ޓޫރިޒަމް ނޫރިއްޔާ ޔަމީނާ ޒަރްހޫނީ 5 އަހަރަށް ޖަލަށް ލުމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރަށް ސަރުކާރުގެ ކުރީގެ ބައެއް މަސްއޫލުވެރިންނާއި، ވިޔަފާރިވެރިން ހިމެނޭ ގޮތަށް ޖުމްލަ 19 ބޭފުޅެއްގެ މައްޗަށް ވެސް އެކި މުއްދަތުގެ ޖަލު ހުކުމް ވަނީ އިއްވާފައެވެ. މިހުރިހާ ބޭފުޅުންނަށްވެސް 10 ދުވަހުގެ ތެރޭގައި ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމުގެ ހައްގު ލިިބިގެން ވެެއެވެ.

ހުކުމް އިއްވި އިރު ކޯޓުގެ ކުރިމަތީގައި މުޒާހަރާކުރަމުން ދިޔަ މީހުން ވަނީ "ގޭންގްލީޑަރުންގެ ގޭންގެ"ކޭ ގޮވައި އަޑުގަދަ ކޮށްފައެވެ. މުޒާހަރާކުރި ގިނަ ބަޔަކު ތިބީ އަލްޖީރިޔާގެ ގައުމީ ދިދަ ހިފައިގެންނެެވެ.

ދިގު މުއްދަތުގެ ޖަލު ހުކުމް މިއަދު އިއްވި ކުރީގެ ދެ ބޮޑުވަޒީރުންނަކީ ވެސް އިސްތިއުފާދެއްވި ރައީސު ބޫތަފްލީޤާއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ދެ ބޭފުޅުންނެވެ.

އޫޔަޙްޔާއާއި ސައްލާލު އަދި ކުރީގެ ވަޒީރުންވެސް ވަނީ އެބޭފުޅުންގެ މައްޗަށް އުފުލި ދައުވާއަށް އިންކާރުކުރައްވާފައެވެ. އަދި ޙުކުމް އިއްވުމުން ކުރީގެ ބޮޑުވަޒީރު ސައްލާލު ވަނީ ބާރަށް ކީރިތި ކުރައްވަމުން އޭނާ "ގައުމަށް ޚިޔާނާތްތެރި ނުވާ" ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

މިއީ 1962 ވަނަ އަހަރު ފްރާންސުގެ އަޅުވެތިކަމުން މިނިވަންވީ ފަހުން އަލްޖީރިޔާގައި ކުރީގެ ބޮޑުވަޒީރެއްގެ މައްޗަށް ޖަލު ހުކުމެއް އިއްވުނު ފުރަތަމަ ފަހަރެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.