އެމެރިކާގެ މުދައްރިސަކު އޭނާގެ "ހަފްތާގެ ބަހަ"ކަށް ދިވެހިބަސް ހަދައިފި

ކޮންމެ ހަފްތާއަކު ވަކި ބަހެއް ޓްވިޓަރގައި ފީޗަރ ކުރަމުން އަންނަ އެމެރިކާގެ މުދައްރިސަކު މި ހަފްތާގެ ބަހަކަށް އޭނާގެ ޓްވިޓަރ އެކައުންޓު (@Inomla) ގައި  ފީޗާރ ކުރަނީ ދިވެހިބަހެވެ.

ހަފްތާގެ ބަހަކަށް ދިވެހި ބަސް ޚިޔާރުކުރި ސަބަބު އޮޅުންފިލުވައިލުމަށް އޭނާ އާ ވަހަކަ ދައްކާލީމެވެ.

ހަފްތާގެ ބަހަކަށް ދިވެހި ބަސް ޚިޔާރު ކުރީ ގިނަ ސަބަބުތަކަކާ ހުރެ ކަމަށް އޭނާ ބުންޏެވެ. އޭގެތެރެއިން އެއް ސަބަބަކީ ދިވެހި ބަހަކީ ވަރަށް ތަފާތު ބަހަކަށްވެފައި ދިވެހި ބަހުގައި އަމިއްލަ ހަށަނަރަބަޅަ އެއް އޮންނަ ބަހަކަށް ވުމެވެ. ދެވަަނަ ސަބަބަކީ ދިވެހި ބަހަކީ ބަވަނަ ދުނިޔޭގައި އެހާ އާއްމުބަހަކަށް ނުވުމެވެ. އެހެންކަމުން އެނާގެ ފޮލޯވަރުންގެ ސަމާލުކަމަށް ދިވެހި ބަސް ގެންނާން ބޭނުންވީއެވެ. އަދި ޓްވިޓަރގައި އުޅޭ ދިވެހީންގެ އާބާދީ އާ އެމީހުން އާއްމުކޮށް ޓްވީޓުކުރަނީ ކޮން ބަހަކުންތޯ ބަލައިލާންވެސް އޭނާ ޝައުުގެވެރިވީއެވެ. އޭނާއަށް ފާހަގަކުރެވުނު ގޮތުގައި ދިވެހީން އާއްމުކޮށް ޓްވީޓުކުރަނީ އިނގިރޭސި ބަހުންނެވެ. ދިވެހި ބަހުން ޓްވީޓުކުރާ މީހުން ނިސްބަތުން ވަރަށް މަދެވެ.

އޭނާގެމަޤްޞަދަކީ ބަހާއި މެދު އާއްމުންގެ ހޭލުންތެރިކަން އިތުރުކޮށް ބަހަށް ލޯބި ޖެއްސުމެވެ. އޭނާ ދެކޭގޮތުގައި ބަހަކީ އެބައެއްގެ ތަރިކަ އާ ތާރީޚާއި އޮންނަ ގުޅުން ރަމްޒުކޮށްދޭ މައިގަނޑު އަސާސެވެ. އޭނާވަނީ އަމިއްލަ މަސައްކަތުން ތަފާތު ބަސް ބަސް އުނގެނިފައެވެ. އޭނާއަށް ދިވެހި ބަސް ވެސް ކޮންމެވެސް ވަރަކަށް (ލިޔަން އަދި ކިޔަން) އެނގެއެވެ. ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް އެކި ބަސްބަހުން އޭނާ ޓްވީޓެއް ކުރެއެވެ. މިހަފުތާ ބަންދާ ދިމާކޮށް އޭނާ ކުރާ މަލްޓިލިންގުއަލް ޓްވީޓުގައި ދިވެހިބަސް ވެސް އެކުލެވޭނެއެވެ. މި ޓްވީޓުގެ ދިވެހި ބައި ލިޔަން އޭނާވަނީ ބައެއް ދިވެހީންގެ އެހީ ހޯދާފައެވެ.

ހޯމަދުވަހުން ފެށިގެން އޭނާގެ ޓްވިޓަރ އެކައުންޓުގައި ދިވެހީންގެ ޓްވީޓުތައް ރީޓްވީޓު ކޮށްފައިވެއެވެ. އަދި ދިވެހި ބަހުގެ އެކެޑަމީގެ ޓްވިޓަރ ހެންޑްލް (@DhivehiAcademy) އޭނާގެ ފޮލޯވަރުންނާ ހިއްސާކޮށްފައިވެއެވެ. ދިވެހިބަހުގެ އެކެޑަމީގެ ރައީސާ މެންބަރުންނާއެކު އިންޑިއާގެ ހައިކޮމިޝަނަރު ނަގާފައިވާ ފޮޓޯތަކެއްވެސް އޭނާވަނީ ރިޓްވީޓުކޮށްފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.