މުސްލިމުންގެ ނަމުގައި ހިންގާ ބައެއް ނޭދެވޭ ކަންކަން އެއީ ހަގީގީ އިސްލާމް ދީން ނޫންކަން ބުނެދިނުމުގައި އީމާމުންގެ ދައުރު މުހިންމު ކަމަށް އިނގިރޭސީ ވިލާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވިދާޅުވެއްޖެއެވެ.
އިނގިރޭސި ސަފީރު ކެރޮން ރޮސްލާ މިހެން ވިދާޅުވީ އައްޑޫސިޓީގެ ހުކުރު ކުރާ މިސްކިތްތަކުގެ އިމާމުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވެފައިވަނީ އެކަމަށްޓަކައި މީޑިއާތަކުންވެސް ރަނގަޅު ގޮތުގައި ރިޕޯޓުތައް ގެނެސްދިނުން މުހިންމު ކަމަށެވެ.
ސަފީރެއްގެ ހައިސިއްޔަތުން ތަފާތު ފިކުރުތައް ދެނަގެނެ އެއްކޮށް މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށް ރޮސްލާ މިބައްދަލުވުމުގައި ވިދާޅުވި އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.
އިނގިރޭސި ސަފީރުގެ މިބައްދަލުވުމަކީ އިމާމުންގެ މަސައްކަތް ކުރިއަށްދާގޮތް އޮޅުންފިލުއްވުމަށާއި މުޖުތަމަޢުގައި އެމީހުންގެ ދައުރު އަދާކުރާގޮތާއި ހުރި ދަތިތައް އޮޅުންފިލުއްވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެއް ކަމަށްވެސް ކައުންސިލުން ވިދާޅުވެފައިވެއެވެ.
ޒުވާނުން ނޭދެވޭ ކަންކަމަށް އަރައިގަނެ ކުށް ކުރުމަށް ދިމާވާ ސަބަބުތަކާ ގުޅޭގޮތުން ސަފީރު ވަނީ މިބައްދަލުވުމުގައި މަޢުލޫމާތު ހޯއްދަވައިފައެވެ. އެފަދަ ޒުވާނުން ރަނގަޅު މަގަށް ގެނެސްދިނުމުގައި އިމާމުންގެ މަސައްކަތާ ގުޅޭގޮތުންވެސް އޭނާ ސުވާލުކުރެއްވިއެވެ.
އިމާމުންނާއެކު ބޭއްވެވި މިބައްދަލުވުމަށްފަހު އެކަމަނާ ވަނީ މިސްކިތަކަށް ވަޑައިގެން މިސްކިތް ބައްލަވާލައްވާފައެވެ.