ސަލްމާން ޚާނާއި އަކްޝޭ ކުމާރް އާ ކަރަން ޖޯހަރު ގުޅިގެން ފިލްމެއްގެ މަސައްކަތް ކުރާ ކަމަށް މި ތިން މީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ހާމަކޮށްފިއެވެ.
ޓްވިޓަރ އަދި ފޭސްބުކުގައި ކަރަން އާ އަކްޝޭ އާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރަމުން ސަލްމާނު ލިޔެފައިވަނީ ކަރަން ޖޯހަރު ކޯ ޕްރޮޑިއުސްކުރާ އަދި އަކްޝޭ ކުމާރު ބަޠަލެއްގެ ރޯލު އަދާ ކުރާ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރުމަށް ތިން މީހުން އަތުގުޅާލަނީ ކަމަށެވެ. މި ފިލްމު ސިނަަމާތަކަށް އަންނާނީ 2018 ވަނަ އަހަރުއެވެ. އަކްޝޭ އާ އެކު ސަލްމާނު ސްކްރީނުން އެކުގައި ނުފެނުނެ ކަމުގައި ވިއަސް މިއީ ވަަރަށް މޮޅުު ޕްރޮޖެކްޓަކަށްވާނެ ކަމުގައި ބެލެވެއެވެ.
މި ފިލްމު ޑައިރެކްޓް ކުރާނީ އަނޫރާގް ބާސޫ އެވެ.
ސަލްމާނާ ކަރަން ޓެގްކޮށް އިންސްޓެގްރާމުގައި އަކްޝޭ އޭނާގެ ސަޕޯޓަރުންނާ ހިއްސާކުރި ފޮޓޯގެ ކެޕްޝަނުގައި ލިޔެފައިވަނީ ރަހްމަތްތެރީން ޕްރޮޑިއުސް ކުރާ ފިލްމެއްގެ މަސައްކަތް ފަށަން އުޅޭ ކަމަށެވެ.
އަކްޝޭގެ ގިނަ ފިލްމުތަކެއް މިއަަހަރު ސްކްރީނަށް އަންނާނެއެވެ. އޭގެ ތެރެއިން ފުރަތަމަ ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ދިހަވަނަ ދުވަހުއެވެ. މި ފިލްމުގެ ނަމަކީ ޖޮލީ އެލްއެލްބީ ޓޫ އެވެ. މިއީ 2013 އަހަރު ރިލީޒުކުރި ޖޮލީ އެލްއެލްބީ ގެ ސީކުއަލްއެކެވެ. މިއީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ ކޮމެޑީ ޑްރާމާ ފިލްމެކެވެ. ދެވަނަ ފިލްމަކީ ދިވާލީގައި ނެރުމަށް ހަމަ ޖެހިފައިވާ 2.0 (ޓޫ ޕޮއިންޓް ޒީރޯ) އެވެ. އަދި ޖޫން މަހުގެ ދެވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ޓޮއިލެޓް އެކް ޕްރޭމް ކާތާ އެވެ. މިއީ ޕޭ ޓޮއިލެޓެއްގެ ވެރިޔާ އާ އެ ފާޚާނާ ބޭނުންކުރާ މީހާކާ ދެމެދު އުފެދޭ ލޯބީގެ ވާހަކައެކެވެ. ހާމަކަން ބޮޑުތަންތަ ފާޚާނާ ކުރަން ޖެހުމުން އާއްމުންނަށް ދިމާވާ އިޖްތިމާޢީ ތަފާތު މައްސަލަތައް މި ފިލްމުން ފެނިގެންދާނެއެވެ.
ހަތަރު ވަނަ ފިލްމަކީ އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާގެ ޕްރޮޑަކްޝަން ހައުސް 'ފަނީ ބޯންސް' ގެ ފުރަތަމަ އުފެއްދުން ކަމުގައިވާ ޕެޑް މޭން އެވެ. މި ފިލްމުގައި އަކްޝޭ ކުޅޭނީ އަރުނަޗަލަމް މުރުގަނަންތަމް ގެ ރޯލެވެ. މުރުގަނަންތަމް އަކީ އިންޑިއާގެ ރަށްފުށުގައި އުޅޭ ފަގީރު އަންހެން ކުދީންނަށް ހެޔޮ އަގުގައި ޕެޑް ފޯރުކޮށް ދިނުމަށް މަސައްކަތްކުރާ މީހެކެވެ. އޭނާ މި މަސައްކަތް ކުރަނީ އެކަމަށް ޚާއްޞަ މެޝިނަރީ އުފައްދައިގެންނެވެ. މުރުގަނަންތަމް އަކީ ފާސްނުވެގެން ކޮއިމްބަތޫރުގެ ސުކޫލަކުން ވަކިކޮށްފައިވާ ކުއްޖެކެވެ. އިންޑިއާ އަދި އިންޓަނޭޝަނަލް މީޑިއާއިން ވަނީ މުރުގަނަންތަމްގެ މަސައްކަތް ޑޮކިޔުމެންޓު ކޮށްފައެވެ. އަދި ޓްވިންކަލްގެ ދެވަނަ ފޮތުގައި "ދަ ސެނިޓަރީ މޭން ފްރޮމް އަ ސޭކަރޑް ލޭންޑް" ގެ ނަމުގައި އޭނާގެ ވާހަކަ ލިޔެފައިވެއެވެ. އޭނާ މަޝްހޫރުވަފައިވަނީ "އިންޑިއާސް މެންސްޓްރުއަލް މޭން" ގެ ނަމުންނެވެ. އިންޑިއާގެ އައިއައިޓީ އާ އައިއައިއެސް ގެ އިތުރުން އޭނާ ހާވރޑް ޔުނިވަރސިޓީގައިވެސް ތަގުރީރު ކުރެއެވެ. އިންޑިއާ ސަރުކާރުންވަނީ މުރުގަނަންތަމް ގެ ޚިދުމަތުގެ އަގު ވަޒަންކޮށް 2016 އަހަރު ޕަދްމާ ޝްރީ އެވޯޑް ދީފައެވެ. އަދި ހަމަ އެހަރު ޕޯޗުގަލް ސަރުކާރުންވަނީ އިންޑިއާގެ ވިޔަފާރި ލީޑަރު ނަމުގައި އެވޯޑެއް ދީފައެވެ. މިއަހަރު ނެރޭ އަކްޝޭގެ ފިލްމުތަކުގެ ތެރެއިން މި ފިލްމަކީ ފާހަގަކޮށްލެވޭ މޮޅު ފިލްމަކަށްވާނެއެވެ.