މައުރަޒަކަށް ޒިޔާރަތްކުރި ފަންނާނަކު 120 ހާސް ޑޮލަރުގެ ދޮންކެޔޮވައް ކާލައިފި

އެމެރިކާގެ މަޔާމީ ބީޗްގައި ކުރިއަށްދާ އާޓް ބޭޒިލް މައުރަޒަށް ޒިޔާރަތް ކުރި މީހަކު، 120 ހާސް ޑޮލަރުގެ ދޮންކެޔޮ ވަކެއް ކާލައިފިއެވެ.

މި ދޮންކެޔޮ ވައް ކާލީ ޕާފޯމަންސް އާޓިސްޓެއް ކަމުގައިވާ ޑޭވިޑް ޑަޓޫނާ އެވެ. އޭނާ ކާލީ އިޓަލީގެ ފަންނުވެރިޔާ މޮރީޒިއޯ ކެޓެލަން 'ކޮމޭޑިއަން' ގެ ނަމުން ނަން ދީފަިއވާ ދޮންކެޔޮވަކެކެވެ. އެ ދޮންކެޔޮވައް ހުރީ ޑަކްޓް ޓޭޕު އަޅައި ފާރުގައި ތަތްކޮށްފައެވެ.

ޑަޓޫނާ ފާރުން ދޮންކެޔޮވައް ނައްޓައިގެން ނޮޅައިގެން ކާލީ އެވަގުތު އެ މައުރަޒަށް ގޮސްތިބި ގިނަބައެއްގެ ކުރިމަތީގައެވެ. އިންސްޓެގްރާމްގައި މީހަކު ޝެއަރ ކުރި ވީޑިއޯއެއްގައި އޭގައި އަތް ނުލެވޭނެ ކަމަށް މީހަކު ބުނުމުން ޑަޓޫނާ ބުނީ އެެއީ އާޓް ޕާފޯމަންސެއް ކަމަށެވެ. އަދި އެ ޕާފޯމަންސްގެ ނަމަކީ 'ހަންގްރީ އާޓިސްޓް' ކަމަށެވެ. ކެޓެލަން އަކީ އޭނާއަށް ވަރަށް ކަމުދާ އާޓިސްޓެއް ކަމަށާއި އެއް ފަންނުވެރިއަކު އަނެއް ފަންނުވެރިޔަކު ކާލުމަކީ މަޖާ ކަމެއް ކަމަށް ޑަޓޫނާ ބުނިކަމަަށް ދަ ޕޯސްޓުން ރިޕޯޓުކޮށްފައިވެއެވެ.

މި މައުރަޒު ހުޅުވުމާއެކު މި ދޮންކެޔޮ ވަކަށް ވަނީ މީޑިއާގެ ސަމާލުކަން ލިބިފައެވެ. ޑަކްޓް ޓޭޕުން ފާރުގައި ތަތްކޮށްފައިވާ ދޮންކެޔޮވަކަކީ އާޓެއް ކަމަށް ގިނަބަޔަކު ގަބޫލު ނުކުރި ނަމަވެސް ފަރަންސޭސިވިލާތުގެ މީހަކު ވަނީ 120،000 ޑޮލަރަށް ދޮންކެޔޮވައް ގަނެފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.