ފްލޮރިޑާގެ އަސްކަރީ ވައިގެ މަރުކަޒެއްގައި ސައޫދީ އަސްކަރީ ދަރިވަަރަކު ބަޑިޖަހައި ތިން މީހުން މަރާލައިފި

ނޭވަލް އެއާ ސްޓޭޝަން، ޕެންސަކޯލާ، ފްލޮރިޑާ

ފްލޮރިޑާގެ ޕެންސަކޯލާގައި ހުންނަ ނެވަލް އެއާ ސްޓޭޝަންގައި ތަމްރީނު ހޯދަމުން ދިޔަ ސައޫދީ ދަރިވަރަކު އެތަނުގެ ތެރޭގައި ބަޑިޖަހައި ތިން މީހުން މަރާލައިފިއެވެ. ބަޑިޖެހި މީހާއަކީ ސައޫދީ ރޮޔަލް އެއާ ފޯސްގެ ސިފައިންގެ މީހެެއްކަމަށް ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސާންޓިސް ވަނީ ވިދާޅުވެފައެވެ.

"މި ފަރުދަކީ ބޭރު މީހަކަށް ވުމާއި، އޭނާއަކީ ސައޫދީ ވައިގެ ސިފައިންގެ މީހަކަށް ވުމާއި، އޭނާ އަަހަރުމެންގެ ފަސްގަނޑުގައި ތަމްރީނު ހޯދަމުން ދިޔުމާމެދު ކުރަން ޖެހޭ ވަރަށް ގިނަ ސުވާލު ހުރިކަން ޔަގީން." ގަވަރުނަރު ޑިސާންޓިސް ވިދާޅުވިއެވެ.

"މި އަމަލުގެ ޝިކާރައަކަށް ވި މީހުންނަށް ސައޫދީ ސަރުކާރުން ކަންތައްތައް ރަނގަޅު ކޮށްދޭން ޖެހޭނެ. މިއީ އެމީހުން ދަރާފައިވާ ދަރަންޏެއް. އެކަން ކުރި މީހާއަކީ އެމީހުންގެ މީހަކަށް ވާތީ." ގަވަރުނަރު އިތުރަށް ވިދާޅުވެފައި ވެއެވެ.

ސައޫދީ އަސްކަރީ ދަރިވަރު ބަޑިޖަހާފައި ވަނީ ހުކުރު ދުވަހު ހެނދުނު ކްލާސްރޫމެއްގެ ތެރޭގައެވެ.

އެސްކެމްބިއަ ކައުންޓީގެ ޝެރިފް ވިދާޅުވޮތުގައި ބަޑިޖެހުމުގެ ސަބަބުން 12 މީހުން ޒަަޚަމްވިއެވެ. ޒަޚަމްވީ މީހުންގެ ތެރޭގައި ޝެރިފްގެ ދެ ނާއިބުންވެސް ހިމެނެއެވެ. އެތަނުން އެކަކު ވަނީ ބަޑިޖެހި މީހާގެ ގަޔަށް ބަޑިޖަހައި އޭނާ މަރާލާފައެވެ.

ނަން ހާމަކުރަން ބޭނުންނުވާ އޮފިޝަލަކު ބައެއް ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ބަޑިޖެހި ސައޫދީ މީހާއަކީ ސައޫދީ ރޮޔަލް އެއާ ފޯސްގެ ސެކަންޑް ލެފްޓިނެެންޓެއްގެ މަގާމުގައި ހުރި މީހެކެވެ. ސައޫދީ އަސްކަރީ މީހުން ތަމްރީނުކުރުގައި އެމެރިކާއަކީ މުހިއްމު ގައުމެކެވެ.

ބަޑިޖެހުމުގެ އަމަލު ހިނގާފައި ވަނީ ކްލާސްރޫމުގެ ތެރޭގައި އެކަންޏެވެ. ބޭނުންކޮށްފައިވަނީ ހޭންޑް ގަންއެކެވެ. އަސްކަރީ މަރުކަޒުގެ ކޮމާންޑަރު ކެޕްޓަން ޓިމް ކެންސެލާ ވިދާޅުވިގޮތުގައި ތަމްރީނު މަރުކަޒު ތެރޭގައި އަމިއްލަ ހަތިޔާރު ގެންގުޅުމަކީ މަނާ ކަމެކެވެ.  

މި ހާދިސާއާ ގުޅިގެން ސަލްމާން ރަސްްގެފާނު ވަނީ ރައީސު ޓްރަމްޕްއަށް ގުޅުއްވައި ތައުޒިޔާ ވިދާޅުވެފައެވެ. ރައީސު ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ސަލްމާން ރަސްގެފާނު ވަނީ އެ ހައްދު ފަހަނައަޅާފައިވާ އަމަލު ކުށްވެރިކުރައްވައި، އެކަން ކުރި މީހާއަކީ ސައޫދީން ތަމްސީލުކުރާ މީހެއް ނޫންކަން ޔަގީންކޮށްދެއްވައި، ސައޫދީން ތިބީ އެކަމާ ވަރަށް ބޮޑަށް ރުޅިއައިސްފައި ކަން ހާމަކުރައްވާފައެެވެ.

ޕެންސަކޯލާ އެއާ ސްޓޭޝަނަކީ އެމެރިކާގެ ކަނޑުގެ ސަފައިންގެ ވައިގެ މަރުކަޒެކެވެ. އެތަނުގައި 16 ހާސް ސިފައިން ތިބެއެވެ. އެ މަަރުކަޒަކީ އެމެރިކާގެ އެކުވެރި ގައުމުގެ ތަަކުގެ ގިނަ އަދަދެއްގެ އަސްކަރީ ދަރިވަރުން ތަމްރީނު ހޯދާ ތަނެކެވެ. ކޮންމެ އަހަރަކު އެތައް ސަތޭކަ ސައޫދީ އަސްކަރީ ދަރިވަރުން އެމެރިކާ ސިފަންނާއެކު ތަމްރީނު ހަދައެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.