ޔޫރަޕްގެ ފުރަތަމަ ތިމާވެއްޓާ ރަށްޓެހި މިސްކިތް ރައީސު އެރްދޮޣާން ހުޅުއްވައިދެއްވައިފި

ރައީސު އެރްދޮޣާން ކެމްބްރިޖް ސެންޓްރަލް މޮސްކް ހުޅުއްވައިދެއްވަނީ

އިރުމަތީ އިންގްލޭންޑްގެ ކެމްބްރިޖްގައި ބިނާކޮށްފައިވާ ރީތި މިސްކިތް، ކެމްބްރިޖް ސެންޓްރަކް މޮސްކް ތުރުކީގެ ރައިސު ރަޖަބް ޠައްޔިބް އެރްދޮޣާން މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. ރައީސު އެރްދިޣާން މިވަގުތު އުޅުއްވަނީ ނޭޓޯގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.

ޔޫރަޕްގައި ބިނާކުރެވުނު ތިމާވެއްޓާ ރަށްޓެހި ފުރަތަމަ މިސްކިތް ކަމުގައިވާ ސެންޓްރަލް މޮސްކް ހުޅުއްވައިދެއްވުމަށް ރައީރު އެރްދޮޣާނަށް ދައުވަތު އެރުވީ އެ މިސްކިތް ބަލަހައްޓާ ޓްރަސްޓްގެ ވެރިޔާ، ޔޫސުފު އިސްލާމެވެ. ޔޫސުފު އިސްލާމަކީ ކުރީގެ މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ކެޓް  ސްޓީވަންސް އެވެ.

ކެމްބްރިޖް ސެންޓްރަލް މޮސްކް މަތިން ފެންނަ ގޮތް

23 މިލިއަން އިނގިރޭސި ޕައުންޑު (468 މިލިއަން ދިވެހި ރުފިޔާ) ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ މި މިސްކިތަކީ 1000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ މިމިސްކިތަށް ބޭނުންވާ ކަރަންޓު އުފައްދަނީ ސޯލާ ޕެނަލްތަކުންނެވެ. އަދި މިސްކިތުގައި ބޭނުންކުރެވެނީ ތާނގީތަކުގައި ރައްކާކުރެވޭ ވާރޭ ފެނެވެ. އަދި ދުވާލު މިސްކިތަށް އަލިކޮށްދެނީ އިރުގެ އަލި މިސްކިތަށް ވަންނަ ގޮތަށް ފަރުމާކޮށްފައިވާ ބިޔަ 'ސްކައިލައިޓް'ތަކުންނެވެ.

މި މިސްކިތް މިއަދު ރަސްމީކޮށް ހުޅުވި ނަމަވެސް ފާއިތުވި އެޕްރީލް މަހުއްސުރު މި މިސްކިތުގައި ނަމާދުކުރެއެވެ. އަދި މިސްކިތުގެ މަސައްކަތް މުޅިން ނިންމާލެވިފައި ވަނީ ފާއިތުވި ސެޕްޓެންބަރު މަހުގެ ތެރޭގައެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އަޅުކަންކުރުމަށް ބިނާކުރެވުނު މިތަން ވެގެންދާނީ އިސްލާމްދީނާ ދެކޮޅަށް ކުރެވޭ މަސައްކަތަށް ދެވޭ އެންމެ ރަނގަޅު ރައްދަށް." މިސްކިތް ހުޅުއްވައިދެއްވަމުން ރައީސު އެރްދޮޣާން ވިދާޅުވިއެވެ.

"(މިސްކިތް ބިނާކުރުމަށް) މައިގަނޑުގޮތެއްގައި އެހީވީ ތުރުކީގެ ސަރުކާރުގެ ކުންފުނިތައް ހިމެނޭ ކޮންސޯޓިއަމަކުންނާއި، ތުރުކީގެ އަމިއްލަ ކުންފުންޏެއް ކަމުގައިވާ 'ޔަޕީ މަރްކަޒީ' އާއި ޤަޠަރު ނޭޝަނަލް ފަންޑުންނެވެ." މިސްކިތުގެ ވެބްސައިޓުގައި ލިޔެފައި ވެއެވެ.

2019 ވަނަ އަހަރުގެ ވުޑް އެވޯޑްސްގައި އެޑިޔުކޭޝަން އެންޑް ޕަބްލިކް ސެކްޓާ ޕްރައިޒް އަދި އޭޖޭ އާކިޓެކްޗާ އެވޯޑް ހާސިލުކޮށްފައިވާ ކެމްބްރިޖް ސެންޓްރަލް މޮސްކް ފަރުމާކުރީ މާކްސް ބާރފީލްޑް އޭނާގެ އަންހެނުން ޖޫލިއާ ބާރފީލްޑްއެވެ. އެ ދެ މީހުންގެ ކުންފުންޏަކީ ލަންޑަން އައި ފަރުމާކުރި ކުންފުންޏެވެ.

ކެމްބްރިޖް ސެންޓްރަލް މޮސްކް ބިނާކުރުމަށް 2008 ވަނަ އަހަރު އުފެއްދި ކެމްބްރިޖް މޮސްކް ޓްރަސްޓްގެ އިސް ބޭފުޅުންނަކީ، ކެމްބްރިޖް މުސްލިމް ކޮލެޖްގެ ޑީން ޑރ. ޢަބްދުލް ޙަކީމް މުރާދު (އިސްލާމްވުމުގެ ކުރިން ޑރ. ޓިމޮތީ ވިންޓާ) އަދި ޔޫސުފު އިސްލާމް (އިސްލާމްވުމުގެ ކުރިން ކެޓް ސްޓީވަންސް) އެވެ. ތުރުކީއާއި ޤަޠަރުގެ އެހީގެ އިތުރަށް މި ޓްރަސްޓަށް 10 ހާހަށްވުރު ގިނަ މީހުން ވަނީ ފައިސާ ހަދިޔާކޮށްފައެވެ.

މިސްކިތް ރީތިވެގެން މިސްކިތް ބަލާލަން ދާން ބޭނުންވާ ޣައިރު މުސްލިމުންގެ އަދަދުވެސް ދަނި އިތުރުވަމުންނެވެ. މިހާރުވެސް 2 ހާހެއްހާ މީހުން ކިޔޫގައި ތިބިކަމަށް ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.