ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެންދީނަކަށް ފުރުޞަތުދޭން ކުރަމުންގެންދާ މަސައްކަތްތަކާމެދު އިތުރަށް ހޭލުންތެރިވެވަޑައިގަތުމަށް، ދިވެހި ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި

ދިވެހިންގެ ދީނީ ޢަޤީދާ ބަލިކަށިކޮށްލައި، ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެންދީނަކަށް ފުރުޞަތުދޭން ކުރަމުންގެންދާ މަސައްކަތްތަކާމެދު އިތުރަށް ހޭލުންތެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެންމެހައި ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، ރާއްޖޭގެ ރައްޔިތުންނަކީ، ހަމައެކަނި މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާގައި ފައިތިލަ ސާބިތުކޮށްގެންތިބި ބަޔަކަށްވާތީ، މިއީ ރާއްޖެއާދޭތެރޭ ބޭރުގެ ބައެއް ފަރާތްތަކުން ވަރަށް ކަންބޮޑުވާ މައްސަލައަކަށް ވެފައިވާކަން، ހިތާމައާއެކު ފާހަގަކުރެއްވިއެވެ. އަދި، ރާއްޖޭގައި ހުރިހާ ދީނަކަށް އުޅުމުގެ މިނިވަންކަން ނެތީތީ، ރާއްޖެއާ ދޭތެރޭ ބައެއްފަރާތްތަކުން ބައެއް ކަންކަމުގައި ތަފާތުތައް ގެންގުޅެމުންދާކަން އެއީ، އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭނޭ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް އެއްވެސް ޖާގައެއް ނޯންނާނެކަމަށާއި، ބޭރުން ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރުވި ކަމުގައި ވިޔަސް، ދިވެހިން ތިބޭނީ އިސްލާމްދީނުގެ މަތިވެރި ޢަޤީދާގެ މަތީގައިކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވިގޮތުގައި، ދިވެހިރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ސިއްރަކީ، އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ލިބިފައިވުންކަމަށާއި، އިސްލާމީ މުޖްތަމަޢެއްގައި އެންމެބޮޑު އިސްކަމެއްދެނީ، ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ، މުޖްތަމަޢުގެ މަޞްލަޙަތައްކަމުގައެވެ. އަދި، މުޖްތަމަޢުގެ މަޞްލަޙަތު ރައްކާތެރި ކުރެވޭނީ، އެ މުޖްތަމަޢެއްގެ އަފްރާދުންގެ ޙައްޤުތައް ރައްކާތެރި ކުރެވިގެންކަމަށާއި، ދިވެހިންނަކީ، އެއްދީނަކަށް ތަބާވެގެންތިބި، އެއްބަހަކުން ވާހަކަދައްކާ މުސްލިމުންކަމުގައި ވީހިނދު، ދިވެހިންގެ މެދުގައި އޮންނަންވާނީ އުޚުއްވަތްތެރިކަމުގެ ވަރަށް މަތިވެރި ގުޅުމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތިގައި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.