މަޢުރިފަތުގެ މަތީ ދަރަޖައަކަށް ވާސިލު ނުވެވެނީ ކީއް ވެގެން؟

ކީރިތި ޤުރްއާނުގައި ބަޔާން ވެގެން ވާ ގޮތުގައި މަތިވެރި ދަރަޖަ އަކަށް ﷲ މަޢުރިފާ ކޮށް ގަނެވެނީ ﷲ އާ މަތިވެރި ދަރަޖައަކަށް ގާތް ގުޅުމެއް ބާއްވާ މީހަކަށެވެ. ﷲ އާ މަތިވެރި ގުޅުމެއް ބޭއްވޭ ކަމުގެ އެއް ހެއްކަކީ ﷲ ދެކެ ވަރަށް ބޮޑަށް ލޯބި ވުމެވެ. (ބަޤަރާ ސޫރަތުގެ 165 ވަނަ އާޔަތް) ދެވަނަ ހެއްކަނީ ﷲ ދެކެ ވަރަށް ބޮޑަށް ބިރު ގަތުމެވެ. (އައްތަވްބާ ސޫރަތުގެ 18 ވަނަ އާޔަތް) މީހެއްގެ ހިތުގައި ﷲ އާ މެދު މި ދެ ޝުޢޫރު ވަރުގަދައަށް އަށަގެންފި ނަމަ އެ މީހެއްގެ ކިބައިގައި ގިނަގިނައިން ޒިކުރު ކުރުމުގެ ނުވަތަ ގިނަގިނައިން ﷲ ހަނދުމަ ކުޅައުމުގެ ސިފަ އަށަގެންފާނެއެވެ. (އަލްއަޙްޒާބް ސޫރަތުގެ 41 ވަނަ އާޔަތް)  އެ ފަދަ މީހަކު ތާއަބަދު ﷲ ހަނދުމަކުޅައުން މަތީ ދެމި ހުންނާނެއެވެ. އެހެން ކަމެއް ހަނދާން ކުޅަޔަސް ކުރާނީ ﷲ އަށް ޓަކައެވެ. ﷲ އާ އޭނާޔާ ދެމެދު އޮންނަ ގުޅުމުގެ އެންމެ އިންސައްތައަކަށް ބުރޫ އެރިޔަސް އޭނާއަށް މަޢުރިފަތެއް ހާސިލެއް ނުކުރެވޭނެއެވެ.

ޔަހޫދީންނަށް ވީ ގޮތަކީ އެއީ އެވެ. އެ މީހުން ﷲ އާ ގުޅުން ކަނޑައިލީއެވެ. ނުވަތަ އެ މީހުންނާއި ﷲ އާ ދެމެދު އިހަށް އޮތް ގުޅުން ކުޑަ ވެގެން ދިޔައީއެވެ. އެ މީހުން ގުޅުން ބާއްވަން ފެއްޓީ ރާހިބުންނާއި ކަހީނުންނާއެވެ. ނަތީޖާއަށް ވީ އެ މީހުން ﷲ ގެ މަޢުރިފަތުން މަޙްރޫމް ވުމެވެ. މި ޒަމާނުގެ މުސްލިމުންނަށްވެސް ޖެހިގެން އުޅޭ ދަތުރަކީ މިއީއެވެ. މުސްލިމުންގެ ކޮންމެ ޖަމާޢަތެއްގައިވެސް "ބޮޑެތި" މީހުންތަކެއް އެބަ އުޅެއެވެ. "ކުދި" މީހުން އެނބުރެނީ އެ މީހުންގެ ފަހަތުންނެވެ. ބޯ ލަނބަނީ އެ މީހުންނަށެވެ. ﷲ ތަޢާލާ އަކަށް ނޫނެވެ. މި ދެންނެވުނު "ބޮޑެތި" މީހުންނަށް އެ މީހުން އެކި ކަހަލަ ނަންނަމުން މުޚާޠަބް ކުރެއެވެ. އިމާމް، މުއްލާ، ޝެއިޚް މިހެން ގޮސް އެތައް ނަމަކުންނެވެ. މި މީސްމީހުންނާއި، އާދައިގެ މުސްލިމުންނާ ދެމެދު އޮންނަ ގުޅުމަކީ ހިތުގެ އަޑީގައި އުފެދިފައިވާ ވަރުގަދަ ގުޅުމެކެވެ. އާދަޔާ ޚިލާފު ލޯތްބެކެވެ. އެއިން މީހަކާ ދެކޮޅަށް ދައްކާ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރާނެއެވެ. އެއިން މީހަކަށް ފާޑު ކިޔައިފި ނަމަ ރުޅި އައިސް ފުފިގެންފަތެވެ.

މިއީ ﷲ ނޫން ފަރާތެއް ދެކެ އިންތިހާ ދަރަޖައަށް ލޯބި ވުމެވެ. (ގަދަރާއި އިޙްތިރާމް އިންތިހާ ދަރަޖައަށް ގެންދިއުމެވެ.) ﷲ ފިޔަވައި އެހެން ފަރާތަކަށް ހިތުގެ ލޯބި ޚާލިޞްކޮށް، އާދަޔާ ޚިލާފު ގަދަރެއް އުފައްދައިގެން އުޅޭ މީހަކަށް ﷲ ގެ މަޢުރިފަތުގެ ތަވްފީޤެއް ނުލިބޭނެއެވެ. އެފަދަ މީސް މީހުންގެ ޙިއްޞާގައި އޮންނާނީ ހަމަ އެކަނި ރަސްމީ ޢަޤީދާ އެކެވެ. ﷲ ގެ މަޢުރިފަތާ ހަމައަށް ގެންގޮސްދޭ ފަދަ އީމާންކަމެއް އެ މީހުންގެ ކިބަޔަކު ނުހުންނާނެއެވެ. ﷲ ގެ މަޢުރިފަތަކީ ހިލޭ ލިބޭ އެއްޗެއް ނޫނެވެ. އެއީ އެއަށް ކަނޑައެޅިފައިވާ އަގު އަދާ ކުޅައުމުން ނޫނީ ލިބޭނޭ އެއްޗެއް ނޫނެވެ. (ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.