ސިޔާސީ ދަޢުވާއަށް ޖާގަ ނުދެއްވުމަށް ޑރ. ޝަހީމް އެދިވަޑައިގެންފި

ސިޔާސީ ދަޢުވާއަށް ޖާގަ ނުދެއްވުމަށް ކުރީގެ އިސްލާމިކް އެފެއާޒު މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޕްރޮސެކިއުޓަރ އޮފީހުގައި އެދިވަޑައިގެންފިއެވެ.

ޑރ. ޝަހީމް ކުރެއްވި ޓުވީޓެއްގައި މިކަމަށް އެދިވަޑައިގެންނެވީ ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައާ ގުޅިގެން ޝަހީމްގެ މައްޗަށް ދަޢުވާ ކުރުމަށް މަރުކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވުމުންނެވެ.

ޑރ. ޝަހީމް ވިދާޅުވެފައިވަނީ އެ މައްސަލައަކީ އެމަނިކުފާނާ އެއްވެސް ވަރަކަށް ގުޅުންހުރި މައްސަލައެއް ނޫންކަމަށެވެ. އެމަނިކުފާނާ އެއްވެސް ވަރަކަށް ގުޅުމެއްނެތް މައްސަލައެއްގެ ތެރެއަށް ވައްދައި ދަޢުވާ ކުރަން ފޮނުވީ އަބުރުކަތިލުމުގެ ގޮތުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެފަދަ ތުހުމަތެއް އެމަނިކުފާނުގެ މައްޗަށްކޮށް ޖީނާޢީ ދަޢުވާއެއް ކުރަން ފޮނުވުމުން ވަރަށްބޮޑަށް އަޖައިބުވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. "ޕީޖީ އޮފީހުގައި އަޅުގަނޑު އެދެނީ ސިޔާސީ ދަޢުވާއަށް ޖާގަ ނުދެއްވާށެވެ،" ޝަހީމް ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައެވެ.

ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލާގައި ޑރ. ޝަހީމުގެ މައްޗަށް ދަޢުވާކުރަން ފޮނުވީ މަރުކޮމިޝަނުގެ ތަޙްޤީޤަށް ދޮގުމަޢުލޫމާތު ދީ ތަޙްޤީޤަށް ހުރަސް އަޅައިފައިވާކަމުގެ ތުހުމަތުގައެވެ.

ދީނީ ޢިލްމްވެރިޔާ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ޖަރީމާ ހިންގިކަން އެކިމިންވަރަށް އެނގި، އެކަން ސިއްރުކުރުމުގެ ތުޙުމަތުގައި، ދިނީ ޢިލްމުވެރިޔާ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހިމެނޭ ގޮތަށް 36 މީހަކަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެހެން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވި ވާހަކަ ކޮމިޝަންގެ ޓްވީޓްގައި ފާހަގަކޮށްފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.