ރައީސުލްޖުމްހޫރިއްޔާ، ދީނީ ޓީވީ ޗެނަލް "މުންނާރު" އިފްތިތާޙުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދީނީ ޓީވީ ޗެނަލް "މުންނާރު" އިފްތިތާޙު ކޮށްދެއްވައިފިއެވެ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދީނީ ކަންކަން އަންގައިދިނުމާއި އުގަންނައިދިނުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ފެށުނު "މުންނާރު" ޗެނަލަކީ ޕަބްލިކް ސަރވިސް މީޑިއާގެ ޗެނަލެކެވެ. މި ޓީވީ ޗެނަލް އިފްތިތާޙުކޮށްދެއްވީ މިއަދު ހެނދުނު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާގެ ޗެއަރމަން އަލްފާޟިލް އިބްރާހީމް ޢުމަރު މަނިކު ވިދާޅުވިގޮތުގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ކުރެއްވި އެންމެ އަގުހުރި މަސައްކަތްޕުޅަކީ ދިވެހި ރައްޔިތުންގެ އިސްލާމީ އަޤީދާ ވަރުގަދަކުރެއްވުންކަމުގައި ފާހަގަކުރެއްވިއެވެ.
ޕަބްލިކް ސަރވިސް މީޑިއާގެ ޗެއަރމަންގެ އިތުރުން، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު އިކްރާމް ޢަބްދުލްލަޠީފް ވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި، ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޚަލީލް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދާއި، ޕަބްލިކް ސަރވިސް މީޑިއާގެ ޗެއަރމަން އަލްފާޟިލް އިބްރާހީމް ޢުމަރު މަނިކާއި ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޚަލީލްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ހެނދުނު އިފްތިތާހު ކުރެވުމާއެކު "މުންނާރު"ގެ ލައިވް ޕްރޮގްރާމްތައްވެސް ފެށިއްޖެއެވެ. މި ޗެނަލް ހުރީ މީޑިއާނެޓް ގެ 123 ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.