ޤާސިމްގެ ރައްދު: ޔާމީން މައްޗަށް ޙުކުމް އިއްވި ބެންޗުގައި އަޅުގަނޑު ދަންނަ މީހަކުވެސް ނެތް، ތިމާގެ މީހަކުވެސް ނެތް

ީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލު ޙުކުމް އިއްވުމުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ފަނޑިޔާރުންނަށް ރިޝްވަތު ދެއްވި ކަމަށް ޕީޕީއެމްގެ ބަޔެއް އިސްފަރާތްތަކުން ދައްކަމުންދާ ވާހަކަ ތަކަށް ގާސިމް މިރޭ ރައްދު ދެއްވައިފިއެވެ.

ޖޭޕީއަށް ބަޔަކު ސޮއިކޮށް ފޯމުތައް ޙަވާލު ކުރުމަށްޓަކައި ކުނޫޒުގައި މިރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ޙުކުމެއް އިއްވިއިރު ޙުކުމް ކުރައްވަން އިންނެވީ އެމަނިކުފާނު ނޫން ކަމަށެވެ.

"އަޅުގަނޑު ހުރީ ކޮންތާކު؟ ކާކުތޯމީ؟ ކީއްކުރާ މީހެއްތޯ؟ އެހެންވީމާ އަޅުގަނޑަށް ކިހިނެތްތޯ އެބުނާ ކަންތައްތަކެއް ކުރެވޭނީ" ގާސިމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ހިނގައިދިޔަ ޝަރީއަތުގެ މަރުޙަލާތައް ކުރިޔަށް ދިޔައީ ރަނގަޅަށްކަންވެސް ގާސިމް ފާހަގަ ކުރެއްވިއެވެ.

"އެމަނިކުފާނު ގޭގައި ހުންނަވައިގެން ޝަރީއަތް ކުރައްވައިގެން، މިނިވަންކަމާއެކު ދަތުރުފަތުރުކޮށް، ހުރިހާ ކަމެއްކޮށް، ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުން ނޫން ހުރިހާ ކަމެއް ކުރެއްވުމުގެ ފުރުޞަތު އޮވެގެން ޝަރީއަތުން ފަސް ފަނޑިޔާރުންގެ ބެންޗަކުން ނިންމީ އިއްތިފާގުން. އެއީ ކާކުކުރި ކަމެއްތޯ؟ އެއީ އަޅުގަނޑު ކުރި ކަމެއްތޯ؟ އަޅުގަނޑުތޯ އެތާ އިނީ؟ އަޅުގަނޑާ ތިމާގެ އަޅުގަނޑު ދަންނަ މީހަކުވެސް އެތާނޫޅޭނެ. ތިމާގެ މީހަކުވެސް ނޫޅޭނެ. ދަންނަ މީހަކުވެސް ނެތް އެތާކު. އެ ބެންޗަކު." ގާސިމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ޖަލު ޙުކުމް އިއްވި ޝަރީއަތް ނިމިގެން ދިޔަނަމަވެސް އިސްތިއުނާފުގެ މަރުޙަލާވެސް އޮތްކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ ރައީސް ޔާމީނުގެ ޖަލު ހުކުމާއި ގުޅުވައިގެން ގާސިމްގެ މައްޗަށް ތުހުމަތުތަކެއް ކުރަނީ ރައީސް ޔާމީން ޖަލަށް ލުމުން ޕީޕީއެމުން ވަކިވެގެން ބަޔަކު ޖޭޕީއަށް އައިސް ވަދެދާނެތީ ކަމަށެވެ.

"އެކަމުގެ ބިރަށް ދައްކާ، އަރުވާ އަޑުތަކެއް އެއީ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި އެމަނިކުފާނު ހުންނެވިއިރު ރައީސް ޔާމީން ޖަލަށް ލުމުން އެކަމާ ދެކޮޅަށް އަޑު އުފުއްލަވައި އަނިޔާ ނުދިނުމަށާއި، އިންސާފުން ކަންކަން ކުރުމަށާއި، ވާނުވާ ޖަހާފައި ޖަލަށް ނުލުމަށް ސަރުކާރަށް އޭރު ގޮވާލެއްވި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައި އެގޮތަށް ސަރުކާރަށް އޭރު އިލްތިމާސް ކުރެއްވުމުން ރައީސް އިބްރާހިމް މުޙަންމަދު ސޯލިހުވެސް އެގޮތަށް ކަންކަން ކުރައްވައި، ރައީސް ޔާމީން ގެޔަށްވެސް ބަދަލު ކުރެއްވިކަންވެސް ފާހަގަ ކުރެއްވިއެވެ.

"ބަދަލު ކުރެއްވީމާ ދެންކުރެއްވި މަސައްކަތައްވެސް އަޅުގަނޑުމެންނަށް އެނގޭ. އާދެ އަޅުގަނޑުމެންގެ ޕާޓީތަކަށް ހޮވެންތިބި ބަޔެއް މެމްބަރުންގެ ކަންތައްތައް. މީހުން ބުނާތީ އަޑު އަހަން. އަޅުގަނޑަކަށް ނޭނގެ ދޮގެއް ތެދެއް. އަޅުގަނޑަށް އިވޭ ވީޑިޔޯ ކޯލްތައް. ރެކޯޑު ކޮށްފައި ހުރި ރެކޯޑިންގ. އެކިއެކި ބޭބޭފުޅުން ނުހޮވަން. ތިމަންނާމެން ތާއީދެއް ނުކުރަމޭ ވިދާޅުވެ ޔާމީން ދައްކަވާފައި ހުރި ވާހަކަ." ގާސިމް ވިދާޅުވިއެވެ.

 

 

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.