ސޯޝަލް މީޑިއާގެ ކޮންމެ މަންސަ އަކުން ޑިޕްރެޝަންގެ ނިޝާންތައް އިތުރުވޭ

ސޯޝަލް މީޑިއާގެ ސަބަބުން އަޅުގަނޑުމެންގެ އިހުސާސްތަކަށް ނުރަނގަޅު އަސަރު ފޯރައެވެ. މިއީ ހަގީގަތެއްކަން އެނގެނީ ސޯޝަލް މީޑިއާގެ ކޮންމެވެސް ވަސީލަތަކުން ފަހުގެ ދިރާސާއެއް ކިޔާފައިވާތީ ، ނުވަތަ ތަފާތު ލިޔުންތަކުން އެނގޭ މައުލޫމާތު ކޮންމެވެސް ވަރަކަށް އަމިއްލައަށް ތަޖުރިބާ ކުރެވިފައިވާތީއެވެ. ނަތީޖާއެއްގެ ގޮތުން ލިޔުންތަކުން ލިބޭ މައުލޫމާތު އެއީ ހަގީގަތެއްކަމުގައި ގަބޫލު ކުރެވެއެވެ.

ޔުނިވަރސިޓީ އޮފް ޕިޓްސްބަރގް މެޑިކަލް ސްކޫލުން އެޕްރިލް މަހު ކުރި ދިރާސާއަކުން ދައްކާގޮތުގައި ސޯޝަލް މީޑިއާގެ ސަބަބުން ޒުވާނުން ވަރަށް ބޮޑަށް ޑިޕްރެސްވެއެވެ. އެއީ ގިނަ ވަގުތު ސޯޝަލް މީޑިއާގައި ހޭދަ ކުރާތީއެވެ. "ކޮމްޕިއުޓރސް އިން ހިއުމަން ބިހޭވިއަރ" އިން މި ޑިސެންބަރު މަހު ޝާއިއުކުރި ދިރާސާއިންވެސް ސޯޝަލް މީޑިއާގެ ގިނަ މަންސަތައް ބޭނުންކުރާ މިންވަރާ ޑިޕްރެޝަނާ ގުޅުމެއްވާ ކަމަށް ދައްކައެވެ.

ޔުނިވަރސިޓީ އޮފް ޕިޓްސްބަރގްގެ ދިރާސާވެރިންވަނީ އުމުރުން 19 އަހަރާ 32 އަހަރުގެ 2000 މީހުން ބައިވެރިކޮށްގެން ދިރާސާއެއް ހަދާފައެވެ. މި ދިރާސާއިން އެ 2000 ބައިވެރިންގެ ޑިޕްރެޝަނާ އަދި އެންޒައެޓީގެ ނިޝާންތައް ހުރި މިންވަރު ބަލައި އެމީހުން ބޭނުންކުރާ ސޯޝަލް މީޑިއާގެ މަންސަތަކުގެ އަދަދު ހޯދިއެވެ. މި ދިރާސާއިން ހޯދުނުގޮތުގައި ބައިވެރިންގެ ތެރެއިން ސޯޝަލް މީޑީއާގެ ދެ މަންސަ ނުވަތަ އެއަށްވުރެ މަދު މަންސަތައް ބޭނުންކުރާ މީހުންގެ ޑިޕްރެޝަން އަދި އެންޒައެޓީގެ ނުރައްކާ ކުޑަކަމަށް ދައްކައެވެ. އަދި އެގާރަ މަންސަ ނުވަތަ އެއަށްވުރެ ގިނަ މަންސަ ބޭނުންކުރާ މީހުންގެ ޑިޕްރެޝަނާއި އެންޒައެޓީގެ ނުރައްކާ އާދަޔާ ޚިލާފަށް ބޮޑުކަމަށް ދައްކައެވެ. ހަތް މަންސައަކީ ގިނަ އަދަދެކެވެ. އެހެންނަމަވެސް ފޭސްބުކް، ޓްވިޓަރ، އިންސްޓެގްރާމް، ޓަމްބްލަރ، ސްނެޕްޗެޓް އަދި ޕިންޓްރެސްޓް އެކަނި ބޭނުންކުރިކަމުގައި ވިޔަސް އެއީ ހަ މަންސައެވެ. ޔޫޓިއުބަކީ ސޯޝަލް މީޑިއާގެ މަންސައެއް ކަމުގައި ބަލައިފިނަމަ ހަތް މަންސަ ވަރަށް ފަސޭހައިން ހަމަވެއެވެ. އޭގެ އިތުރުން ޓިންޑަރ އާ އިތުރު އެޕްލިކޭޝަންތައް އޭގެތެރެއަށް ލުމުން 11 މަންސަ ހަމަކުރާކަށް އުނދަގުލެއް ނުވާނެއެވެ.

ސޯޝަލް މީޑިއާގެ ގިނަ މަންސަތައް ދާއިމީ ގޮތެއްގައި ބޭނުން ކުރުމުން ޑިޕްރެޝަން ނުވަތަ އެންޒައެޓީ ޖެހޭނެކަމަށް ކަނޑައެޅިގެން މި ދިރާސާގެ ހޯދުންތަކުން ނުދައްކައެވެ. އެހެންނަމަވެސް އެ ބަލިތަކުގެ ނިޝާންތައް ބައިވެރިންގެ ކިބައިން ފެނިފައިވާ ކަމަށް ދައްކައެވެ. ދިރާސާގެ އިސް ދިރާސާވެރިޔާ ބްރަޔަން އޭ. ޕްރިމެކް ހާމަކޮށްފައިވާ ގޮތުގައި ސޯޝަލް މިޑިއާ ބޭނުންކުރާ މީހުން ގިނަ މަންސަތައް ތަޖުރިބާ ކުރަނީ އެމީހުންނަށް ރައްކާތެރި ޖާގައެއް ހޯދަން ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް ގިނަ މަންސަތަކުގައި އުޅުމުން ޑިޕްރެޝަނާއި އެންޒައެޓީއަށް މަގު ފަހިވާ ކަމަށް އޭނާ ބުނެފައިވެއެވެ. އެކަން ޔަގީންކުރުމަށް އިތުރަށް ދިރާސާ ކުރަން ޖެހޭކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި ސޯޝަލް މީޑިއާ ބޭނުންކުރުމުގައި އަމިއްލަ ނަފުސަށާއި ސިކުނޑީގެ ހަމަޖެހުމަށް ފަރުވާތެރިވުމަށް އޭނާ ނަސޭހަތްތެރި ވެފައިވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.