2020 ވަނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ 37.5 ބިލިޔަން ރުފިޔާގެ ބަޖެޓަކީ ހަމަހަމަކަން ވަރަށް ބޮޑަށް ގާއިމް ކޮށްފައިވާ ބަޖެޓެއް ކަމަށާއި، ސަރުކާރުން ބަޖެޓް އެކުލަވާލައި މަޖިލީހަށް ފޮނުވިއިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙަށް ވޯޓު ދިން މީހުންނާއި ވޯޓު ނުދޭ މީހުންނަށް އެއްވެސް ތަފާތު ކުރުމެއް ގެންގުޅެފައި ނެތް ކަމަށް ބަޖެޓް ދިރާސާކުރި ކޮމިޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު މުޙަންމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން މަޖިލީހަށް ހުށަހެޅި 2020 ގެ ބަޖެޓް ކޮމިޓީން ދިރާސާކޮށް މިއަދު އޮތް މަޖިލީހުގެ ޖަލްސާއަށް ކޮމިޓީ ރިޕޯޓު ހުށަހަޅުއްވަމުން ނާޝިޒު ވިދާޅުވީ މިއީ މިހާތަނަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓަށްވާއިރު، ބަޖެޓް އޮތީ ވަރަށް ހަމަހަމަކޮށް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުން ގެންދަވާ މެމްބަރުންނާވެސް މަޝްވަރާކޮށް، އެ މެމްބަރުންގެ ދާއިރާ ތަކުގެ ރަށްރަށުގައި ހިންގަން ހުރި ތަރައްގީގެ މަޝްރޫއުތަކަށްވެސް ބަޖެޓުން ފުރިހަމައަށް އެއްބާރުލުންދީފައިވާކަން ނާޝިޒު ފާހަގަ ކުރެއްވިއެވެ.
ނާޝިޒު ވިދާޅުވީ ބަޖެޓުގައި ދެން ފާހަގަ ކުރެވުނު އަނެއްކަމަކީ ބޮޑު ރަށެއް، ކުޑަރަށެއް ތަރައްގީގައި ތަފާތު ކުރުމެއް ނެތް ކަމެވެ. އަދި އާބާދީގެ ތަފާތު ކުރުމެއް، ގިންތީގެ ތަފާތު ކުރުމެއްވެސް މިފަހަރުގެ ބަޖެޓުގައި ސަރުކާރުން ގެންގުޅެފައި ނެތް ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި އޮތް އުންމީދީ ބަޖެޓެއް ކަމަށާއި، އެއީ ހަމައެކަނި ޖަހާފައި ދޫކޮށްލި ހިސާބުތަކެއް ނޫންކަން ބަޖެޓުން ސާފުވާ ކަމަށެވެ.
ދައުލަތުން ހުށަހެޅި ބަޖެޓް ދިރާސާކޮށް، ކޮމިޓީގެ ރިޕޯޓު މިއަދު މަޖިލީހަށް ހުށަހެޅީ އެ ކޮމިޓީން ވިހި ބައްދަލުވުން ބޭއްވުމަށް ފަހުއެވެ. ބަޖެޓް ދިރާސާ ކުރުމުގައި ކަމާއި ގުޅުންހުރި މުއައްސަސާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރު ކުރައްވައިގެން އެ ބަޖެޓާމެދު އިތުރަށް މަޝްވަރާ ކޮށްފައިވާ ކަމަށްވެސް ނާޝިޒު ވިދާޅުވިއެވެ.
އަންނަ އަހަރަށް އޮތް 37.5 ބިލިޔަން ރުފިޔާގެ ބަޖެޓުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ޖުމްލަ 10.2 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. އަދި 143 ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމް ކުރުމަށްޓަކައި 1.2 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. ސިއްޙީ ދާއިރާއަށް 4.1 ބިލިޔަން ރުފިޔާ އެބައޮތެވެ. ސިއްޙީ ދާއިރާއަށް ބަލާއިރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެންމެ ޒަމާނީ ފެންވަރުގެ ފަސް ހޮސްޕިޓަލް ގާއިމް ކުރުންވެސް އެއީ ސަރުކާރުގެ އަމާޒެކެވެ.
ތައުލީމީ ދާއިރާއަށްވެސް ވަރަށް ބޮޑު ބަޖެޓެއް ދީފައިވެއެވެ. ކޮމިޓީ ރިޕޯޓު ހުށަހަޅުއްވަމުން ނާޝިޒު ވިދާޅުވީ 2020 ގެ ބަޖެޓަކީ މިހާތަނަށް ތައުލީ ދާއިރާއަށް ހުށަހެޅުނު އެންމެ ބޮޑު ބަޖެޓް ކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާއަށް 4.4 ބިލިޔަން ރުފިޔާ ހިމަނާފައި އެބައޮތެވެ. މީގެއިތުރުން މަތީ ތައުލީމް ޙާސިލް ކުރަން ބޭނުންވާ ފަރާތްތަކަށް ލޯނު ދިނުމަށްޓަކައި 750 މިލިޔަން ރުފިޔާވެސް ބަޖެޓުގައި އޮތީ ހިމަނާފައެވެ.
ސަރުކާރުގެ ވައުދުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދު ކަމަށްވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށްވެސް 1 ބިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖޭގައި ޖުމްލަ 20 ހާސް ހައުސިންގ ޔުނިޓް ގާއިމް ކުރުމެވެ.
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެރި ކުރުވުމަށްޓަކައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުންވެސް އެއީ ބަޖެޓުގައި މުހިންމު ކަމެއް ދީފައިވާ އެއް ކަންތަކެވެ. އެގޮތުން ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށްޓަކައި ބަޖެޓުން 1.6 ބިލިޔަން ރުފިޔާ ހޭދަކުރުމަށް ޖަހާފައިވެއެވެ.
ރައީސް ސޯލިޙުގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ގުޅީފަޅާއި މާލެ ބުރިޖަކުން ގުޅުވާލުންވެސް ހިމެނެއެވެ. އެއީ ގުޅީފަޅާއި ތިލަފުއްޓާއި، ވިލިނގިއްޔާއި މާލެ ހިމެނޭ ގޮތަށެވެ. އެ މަޝްރޫއަށް ބަޖެޓުގައި ވަނީ 411 މިލިޔަން ރުފިޔާ ޖަހާފައެވެ. އަދި ގުޅީފަޅު ތަރައްގީ ކުރުމުގެ ޕްރޮޖެޓަށްވެސް 247 މިލިޔަން ރުފިޔާ ބަޖެޓުން ދޭން ވަނީ ނިންމާފައެވެ.
Thee noonthou alhugandumen beynunvaa gothakee solih ge verikamugai barakaath lavvavai, majilis ge nohuruppaanun salaamath kuravvaasi