އިންޑިޔާގެ އެންމެ ބޮޑު ބީޗް ކަމުގައިވާ ޗެންނާއީގެ މެރީނާ ބީޗް ގައި ގޮތް ނޭނގޭ ފޮނުގަނޑެއް އުފެދިއްޖެއެވެ. މިއީ ގޮތް ނޭނގޭ ކެމިކަލެއްގެ ސަބަބުން ވީ ކަމެއް ކަމަށް ލަފާކުރެވޭއިރު، އެ ގޮނޑުދޮށަށް ޖަހާ ރާޅުތަކުން ވަނީ ބޮޑު ފޮނުގަނޑެއް އުފެދިފައެވެ.
ދިގު މިނުގައި 13 ކިލޯމީޓަރު ހުންނަ މި ގޮނޑުދޮށުގެ ސިރިނިވާސަޕޫރަމާ ދިމާއަށް އޮންނަ ސަރަހައްދަށް ހުކުރުދުވަހުއްސުރެ ދަނީ ވަނީ ގަދަ ވަހެއް ހުރި ބޯ ފޮނުތަކެއް ރާޅާއެކު ޖަމާވަމުންނެވެ. މެދުނުކެޑި ހަތަރުވަނަ ދުވަހަކަށް މިކަން ދެމިގެން ގޮސްފައި ވިޔަސް، ކަމާބެހޭ ފަރާތްތަކުން ދަނީ މިހެން ދިމާވާން ޖެހުނު ސަބަބު ހޯދުމުގެ މަސައްކަތްކުރަމުންނެވެ.
ގޮނޑު ދޮށުގައި ހިފާފައިވާ ނުބައިވަހާ އެކުވެސް ކުޑަކުދިން ދަނީ ސްނޯހެން ފެންނަ މި ފޮނުގަނޑުގެ ތެރޭގައި މަޖާކޮށް ސެލްފީ ނަގަމުންނެވެ.
ޓެމިލްނާޑޫ ސްޓޭޓްގެ ސަރުކާރުން މިހާރުވަނީ އެ ދިމާއަށް ބޭރަށް މަހަށް ނުނުކުތުމަށް މަސްވެރިންނަށް އަންގާފައެވެ. އަދި ޑޮކްޓަރުން ދަނީ އެ ފޮނުގަނޑު ތެރެއަށް އެރި އުޅުމަކީ ނުރައްކާތެރިކަމެއް ކަމަށް ބުނެ، ހަމުގެ މައްސަލަތައް ޖެހުން އެކަށީގެންވާ ކަމުގެ އިންޒާރުދެމުންނެވެ.
އިންޑިޔާގެ ބައެއް ނޫސްތަކަށް މައުލޫމާތުދެއްވަމުން ޓެމިލްނާޑޫ ޕޮލިއުޝަން ކޮންޓްރޯލް ބޯޑުގެ މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި "ފާއިތުވި ދެދުވަހުގެ ތެރޭގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އަޑްޔާރު ކޯރުން ކަނޑަށް ބޭރުވާ ފެން ވަނީ އިތުރުވެފައި. އަދި އެ ފެން ވަނީ އެ ސަރަހައްދުން ކަނޑަށް ބޭރުނުވެ ހުރި ނަޖިހާއި އެއްވެފައި. އެއީ ފޮސްޕޭޓްގެ މިންވަރު ވަރަށް މަތި އެއްޗެއް."
ތަޖުރިބާކާރުން ދަނީ ފޮނުގަނޑުގެ ތެރެއަށް ނޭރުމަށް އިލްތިމާސްކުރަމުންނެވެ. އެހެންނަމަވެސް، ގިނަ ބަޔަކު އެ އިލްތިމާސްތަކަށް އިޖާބަނުދެއެވެ.
"ފޮނުގަނޑުގެ ތެރެއަށް އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން. އެކަމަކު މީހުން އެވާހަކަ އަޑެއް ނައަހާ." ޗެންނާއީގައި ހުންނަ ނޭޝަނަލް ސެންޓަރ ފޯ ކޯސްޓަލް ރިސާޗްގެ ސައިންޓިސްޓު ޕްރަވާކަރް މިޝްރާ ވިދާޅުވިއެވެ.