ސުރިނާމްގެ ރައީސު 20 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ސުރިނާމްގެ ރައީސު ޑެސީ ބައުޓާސް

އިދިކޮޅު ސިޔާސީ 15 މީހަކު މަރާލުމުގެ ކުށުގައި ސުރިނާމްގެ ރައީސު ޑެސީ ބައުޓާސް 20 އަހަރު ދުވަހަށް ޖަލަށްލާން އެ ގައުމުގެ އަސްކަރީ ކޯޓަކުން ހުކުމްކޮށްފިއެވެ.

ތިން ފަނޑިޔާރުންގެ ބެންޗަކުން ހުކުރު ދުވަހު ކުރި ހުކުމާއެކު 12 އަހަރަށް ދިގު ދެމިގެން ދިޔަ ޝަރީއަތް ނިމިގެން ދިޔައީއެވެ. އެހެންނަމަވެސް، ދެން ކަން ވާނެގޮތް އަދި އޮތީ ނޭނގުމެއްގެ ތެރޭގައެވެ.

ހުކުމް އިއްވިއިރު ރައީސު ބައުޓާސް ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ޗައިނާގައެވެ. އިދިކޮޅު ޕާޓީތަކުން ވަނީ އޭނާ ވަގުތުން އިސްތިއުފާދެއްވުމަށް ގޮވައިލާފައެވެ.

ފަނޑިޔާރުންގެ ހުކުމާއެކު ރައީސު ބައުޓާސް ހައްޔަރުކުރުމުގެ އަމުރެއް ނެރުއްވާފައި ނުވެއެވެ. ރައީސުގެ ވަކީލު އިރްވިން ކަނާއީ ވަނީ ހުކުމް އިސްތިއުނާފުކޮށްފައެވެ. އޭނާ ބުނީ މިއީ "ސިޔާސީ ހުކުމެއް" ކަމުގައެވެ.

އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ ގާނޫން ބޭރުން އިދިކޮޅު ސިޔާސީ 15 މީހަކު 1982 ވަނަ އަހަރު މަރާލަން ރާވައި ތަންފީޒުކުރުމުގެ ކުށެވެ. ރައީސު ބައުޓާސް ވަނީ މީގެ ކުރިން އެކަމަށް އިންކާރުކުރައްވާފައެވެ. އޭނާ ވިދާޅުވި އެކަމުގެ "ސިޔާސީ ޒިންމާ އުފުއްލެވި ނަމަވެސް، އެ އޮޮޕަރޭޝަން ހިންގާފައި ވަނީ އޭނާ ހުންނަވައިގެން ނޫންކަމުގައެވެ.

އެހެންނަަމަވެސް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ސީދާ އޭނާގެ އެންެެގެވުމާ އެެއްގޮަތަށް ހަރަކާތްތެރިވި ސިފައިންގެ ބަޔަކު އިދިކޮޅު 16 މީހަކު ވެރިރަށް ޕަރަމަރީބޯގައި ހުންނަ ތާރީޚީ ކިއްލާއެއްގައި ރަހީނުކޮށް އޭގެ ތެރެއިން 15 މީހަކު މަރާލިއިރު އެ އޮޕަރޭޝަން ހިންގާފައި ވަނީ ސީދާ އޭނާގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. މި މައްސަލައިގައި ހެކިބަސް ދިނީ ސަލާމަތްވީ މީހާއެވެ. އޭނާއަކީ ޓްރޭޑް ޔުނިއަނެއްގެ ލީޑަރެކެވެ. މަރާލެވުނު މީހުންގެ ތެރޭަގައި ގާނޫނީ ވަކީލުންނާއި، ޔުނިއަން ލީޑަރުންނާއި، ނޫސްވެރިން ހިމެނެއެވެ.

ޗައިިނާގެ ދަތުރުފުޅު ނިންމަވާލައްވާފައި ކިއުބާއަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލްކުރައްވާފައި ރައީސު ބައުޓާސް މިއަދުގެ ވަގުތެއްގައި ނުވަތަ މާދަމާ ގައުމަށް އެނބުރި ވަޑައިގަންނަވާނެކަމަށް ވެރިކަންކުރާ ނޭޝަނަލް ޑިމޮކްރެޓިކް ޕާޓީގެ ނާއިބު ރައީސު ވިދާޅުވިއެވެ.

ސުރިނާމްގެ ވެރިރަށް ޕަރަމަރީބޯ

ސުރިނާމް ސަރުކާރުގެ ބަޔާނެއްގައި ބުނެފައި ވަނީ "ހިނގައި ދިޔަ ކަންތައް ސަމާލުކަމަށް އައިސްފައިވާ" ކަމަށާއި "ރައްޔިތުން ސުލްހަވެރިކަމާއެކު ތިބުމަށް އިލްތިމާސްކުރާ" ކަމަށެވެ.

ރައީސު ޑެސީ ބައުޓާސް ފުރަތަ ވެރިކަމަށް ވަޑައިގަތީ 1980 ވަނަ އަހަރު ގެނައި އަސްކަރީ އިންގިލާބެއްގައެވެ. އޭނަ ވަނީ 19987 ވަނަ އަހަރަށް އަސްކަރީ ވެރިއެއްގެ ގޮތުގައި ގައުމު ހިންގަވާފައެވެ. އަސްކަރިއްޔާއާ ދުރަށް ޖެހިވަޑައިގެން ސިޔާސީ ޕާޓީއެެއް އުފެއްދެވުމަށް ފަހު 2010 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިިޔާބުކުރެއްވިއެެވެ. އަދި 2105 ވަނަ އަހަރު ދެވަނަ ދައުރަކަށް ހޮވިވަޑައިގަތެވެ.

ގުޔާނާ އަދި ބްރެޒީލާއި ސަރަހައްދީ ރޮނގު ގުޅޭގޮތަަށް އެޓްލާންޓިން ކަނޑުގެ އައްސޭރީގައި އޮންނަ ސުރިނާމްގެ ބޮޑުމިނަކީ 1 ލައްކަ 63 ހާސް އަކަކިލޯމީޓާރެވެ. އާބާދީ އަކީ 5 ލައްކަ 75 ހާހެވެ. ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ނަސާރާއިން ކަމުގައި ވާއިރު މުސްލިމުންގެ ނިސްބަތަކީ %13 އެވެ. ނެދަލޭންޑްސްގެ އިސްތިއުމާރުން 1975 ވަނަ އަހަރު މިނިވަންވި ސުރިނާމްގެ ރަސްމީ ބަހަކީ ނެދަލޭންޑްސް ބަސް ކަމުގައިވާ ޑަޗް ބަހެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.