ހުކުރު މިސްކިތް ހުޅުވޭނީ ދެ އަހަރު ފަހުން

މާލޭ ޒަމާންވީ ހުކުރުމިސްކިތް މަރާމާތުކޮށް އާބާތުރަ ފިލުވުމަށްފަހު އަލުން ދެން ހުޅުވޭނީ ދެ އަހަރުފަހުން ކަމަށް މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވެއްޖެއެވެ.

އެ މިސްކިތުގެ މަސައްކަތް ކުރުމަށް މިހާރުވަނީ ސްޓެލްކޯއާއެކު ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެމަސައްކަތް މިއަދު ފަށަން ހަމަޖެހިފައި އޮތަސް ވިއްސާރަ ކަމުން މިހާރުވަނީ ކެންސަލްކޮށްފައެވެ. މިސްކިތުގެ އިތުރަށް މިސްކިތުގެ ގޯތިތެރޭގައި ހުރި 4 ފެންވަޅު މަރާމާތު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ކުރާނީ ހެރީޓޭޖައި ސްޓެލްކޯ ގުޅިގެންނެވެ.

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތު ކުރުމަށް އިންޑިއާ ސަރުކާރާއެކު ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެމަނިސްޓްރީން ވިދާޅުވިއެވެ. މީގެ ކުރީން ވެސް އިންޑިއާ ސަރުކާރުން ވަނީ ރާއްޖޭގެ ބައެއް މިސްކިތްތައް ގިނަދުވަސްވަންދެން ދެމިހުންނާނެގޮތް ހެދުމަށް ކޮށްފައިވާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެ މިނިސްޓްރީން ވިދާޅުވީ ހުކުރުމިސްކިތް އާބާތުރު ފިލުވުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. ސްޓޭޓު މިނިސްޓަރ މުޙައްމަދު ޠާރިގު ވިދާޅުވީ ހުކުރު މިސްކިތުގެ އަބާތުރަ ފިލުވުމުގެ ހުރިހާ މަސައްކަތެއް މިފަހަރު ކޮށްދޭނީ އިންޑިއާ ސަރުކާރުން ކަމަށެވެ.

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވަން ނިންމެވީ އެތަނުގައި ކަތުރުފަނިއަޅައި ބޮޑެތި ގެއްލުންވެފައިވުމުންނެވެ. އާބާތުރަ ފިލުވުމުގެ މަސައްކަތުގައި ކޮންމެހެން ނަގަންޖެހޭ އެއްޗެއްނޫނީ ނުނަގަނެ ކަމަށްވެސް ޠާރިގު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.