ފިރިކަލުން ޖަލަށްލުމާ ހަމައަށް ދިޔައިރުވެސް ފާތުންގެ ފަރާތުން ހިމޭންކަން، ކީއްވެ؟

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރަށް ފަހު، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރިޔާސީ އިންތިޚާބުގެ ވޯޓާ ހަމައަށް ދިޔައިރުވެސް ރައީސް ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން) ފެނިގެން ދިޔައީ ވަރަށް ހަރަކާތްތެރި، އަދި ސަރުކާރާއި ޕީޕީއެމްގައިވެސް ބާރުގަދަ ފަރާތެއްގެ ގޮތުގައެވެ.

ރައީސް ޔާމީނެކޭ އެއްފަދައިން އެކަމާނާގެ މަގްބޫލުކަންވެސް ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި ކުޑައެއް ނޫނެވެ. ނަމަވެސް ފަސް އަހަރަށް ފަހު އިންތިޚާބުން ފިރިކަލުން ބަލިވެވަޑައިގެންނެވި ދުވަހާއެކު ސިޔާސީ މައިދާނުން މުޅިން އެއްކޮށް އެކަމަނާ ގެއްލުނެވެ. އެހާ ބާރުގަދަ، ނުފޫޒު ގަދަކޮށް ސިޔާސީ މައިދާނުގައި އުޅުއްވުމަށްފަހު، ފިރިކަލުންނަށް ލިބިވަޑައިގެންނެވި ނާކާމިޔާބާ ހަމައިން ސިޔާސީ މަސްރަހުން ފާތުން މުޅިން ގެއްލުނީ ކީއްވެތޯ މިއީ ގިނަބެއްގެ ހިތުގައި އުފެއްދި ސުވާލެކެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ފާތުން ފެނިގެން ދިޔައީ މީގެކުރިން ރާއްޖޭގެ އެއްވެސް ރައީސެއްގެ އަނބިކަނބަލަކު ނުފެންނަހާ ހަރަކާތްތެރި ކޮށެވެ. އިޖުތިމާއީ ކަންކަމުގައިވެސް ފާތުން ވަރަށް ބޮޑަށް އުޅުއްވިއެވެ. އިޖުތިމާއީ ކަންކަން ފުޅާކުރެއްވުމަށްޓަކައި "ސޮދަގާތު ފައުންޑޭޝަން" ގެ ނަމުގައި ފައުންޑޭޝަނެއް ހެއްދެވިއެވެ. އެ ފައުންޑޭޝަނުގެ ތެރެއިން އިޖުތިމާއީ ހަރަކާތްތައް އެކަމަނާ ވަރުގަދަ ކުރެއްވިއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު ޚާއްސަ ގާތްކަމެއް ބޭއްވިތަން ފެނިގެން ދިޔައެވެ. އެފަދަ ފަރާތްތަކަށްވެސް އެ ފައުންޑޭޝަނުން ތަފާތު އެހީތެރިކަން ފޯރުކޮށްދެއްވި މަންޒަރު ފެނުނެވެ. ކޮންމެ ބޮޑު ޗުއްޓީއަކު އެކަމަނާގެ ފައުންޑޭޝަނުން އިންތިޚާޒު ކޮށްގެން ބާއްވަމުން އައި "ޚިތާނީ ކޭމްޕް" އަކީވެސް ނިކަން ކުލަގަދަކޮށް ބޭއްވި ހަރަކާތްތެވެ. މިނޫނަސް ބައިވަރު ކަންކަން އެކަމަނާ އިސްވެ ހުންނަވައި ހަވާގެ ކުޅިވަރުތަކުގެ ތެރެއިންވެސް ކުލަގަދަކޮށް ކުރިޔަށް ގެންދެވިއެވެ. ކުޑަކުދިން ހިތް އުފާކޮށްދެއްވަންވެސް ތަފާތު ހަރަކާތްތައް ފާތުން އިސްވެ ހުންނަވައި ކުރިޔަށް ގެންދެވިއެވެ.

ފާތުން ހަމައެކަނި ފެނުނީ އިޖުތިމާއީ މަސައްކަތްތަކަކުން ނޫނެވެ. ސިޔާސީ އެއްވެސް މަގާމެއްގައި ނެތެއް ކަމަކު، ސިޔާސީ ގޮތުން ސަރުކާރާއި ޕާޓީގައިވެސް ފިރިކަލުންނާ އެއްވަރުގެ ބާރުތަކެއް އެކަމަނާގެ އަތްޕުޅުގައިވެސް އޮތް ކަމުގައި ބުނެވިދާނެއެވެ. ޚާއްސަ ކެމްޕޭން އޮފީހެއްވެސް ވަކިން ހިންގެވިއެވެ. ފަހުން މުލީއާގޭގައިވެސް އޮތީ ފާތުން ކުރިޔަށް ގެންދަވާ ސިޔާސީ ހަރަކާތްތަކާއި ގުޅުންހުރި މަސައްކަތް ތަކެވެ. ފިރިކަލުންގެ ވެރިކަމުގެ ދުވަސްވަރު ސިޔާސީ ގޮތުންވެސް ފިރިކަލުންނަށް އެންމެ ބޮޑު އެއްބާރުލެއްވުމެއް ދެއްވައި، ފިރިކަލުންގެ ކެމްޕޭނުގައިވެސް ވަކިން ދަތުރު ހައްދަވައި ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ވަޑައިގެންނެވިއެވެ.

ފާތުންގެ ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދެވީ އިޖުތިމާއީ މަސައްކަތްޕުޅުގެވެސް ތެރެއިންނެވެ. ފިރިކަލުންގެ ވެރިކަން ފަސް އަހަރަށް ފަހު ދިފާއު ކުރެއްވުމަށް ކުރައްވަމުން ގެންދެވި ބުރަ މަސައްކަތްޕުޅު އިތުރަށް ވަރުގަދަ ކުރެއްވިތަން ފެނުނީ، ރިޔާސީ ލޯންޗު ކޮޅުގައި ދެކަނބަލުންނާއި ހަގު ދަރިކަލުންވެސް އިންނަވަނިކޮށް ލޯންޗުގައި އެއްޗެއް ގޮވި ޙާދިސާއަށް ފަހުއެވެ. އެ ޙާދިސާގައި ފިރިކަލުންނާއި ހަގު ދަރިކަލުންނަށް އެއްވެސް އަނިޔާއެއް ލިބިވަޑައިނުގެން ސަލާމަތްވެވަޑައިގެންނެވި ނަމަވެސް ފާތުންނަށް ލިބިވަޑައިގެންނެވި އަނިޔާއަށް ފަރުވާ ހޯއްދެވުމަށް އައިޖީއެމްޗުގައި އެޑްމިޓް ކުރެވިގެން ދިޔައެވެ.

އެ ޙާދިސާގައި ލިބިވަޑައިގެންނެވި އަނިޔާއިން ސަލާމަތްވެވަޑައިގެން އެނބުރި ފިރިކަލުންގެ ސިޔާސީ މަސައްކަތުގައި އެތައް ގުނައެއް ކުރިޔަށް މަސައްކަތް ޖެއްސެވިއެވެ. "މެޑަމް ފާތުންގެ ކެމްޕޭން ޓީމު" މުޅިން ވަކިން ހަރަކާތްތެރިވިތަންވެސް ފެނުނެވެ. ފާތުންގެ ސިޔާސީ މަސައްކަތްޕުޅު އެހާ ބާރަށް، އެހާ ކުރިޔަށް ޖެއްސެވުމާއެކު ރައީސް ޔާމީންގެ ރަނިންމޭޓަކަށް އެކަމަނާ ވެވަޑައިގެންފާނެ ކަމުގެ ވާހަކަތަކެއްވެސް ދެކެވިގެން ދިޔައެވެ. އިންތިޚާބުގެ ވަގުތު ކައިރިވަމުން އައިވަރަކަށް އެކަމަނާގެ މަސައްކަތް އެތައް ގުނައެއް ވަރުގަދަ ކުރައްވަމުން ގެންދެވިއެވެ. ފިރިކަލުންނަށް އިންތިޚާބުން ކާމިޔާބީ ހޯދައިދެއްވުމަށް ރެޔާއި ދުވާލު ވަރުބަލިކަމެއް ނެތި އުޅުއްވިއެވެ.

ރައީސް ޔާމީންގެ ސަޕޯޓަރުންވެސް ތަފާތު ބޭނުންތަކުގައި އެންމެ ފަސޭހައިން ކަންކަން ޙާސިލް ކުރުމަށް ޓަކިދޭ ދޮރަކީ މެޑަމް ފާތުންގެ ކެމްޕޭން އޮފީހުގެ ދޮރަށް ވެގެންދިޔައެވެ. އަދި އެއީ ސަޕޯޓަރުންނަށް އެންމެ ފަސޭހައިން ސަރުކާރާއި ޕާޓީ ތެރެއިން ކަންކަން ހައްލުކޮށްދޭ، އެންމެ ނުފޫޒުގަދަ ފަރާތުގެ ގޮތުގައި ވެގެން ދިޔައެވެ. ރައީސް ޔާމީނަށްވުރެ ބޮޑަށް ސަޕޯޓަރުންގެ ތެރޭގައި ތައުރީފާއި ޝުކުރު އޮހެމުން ދިޔައީވެސް އަނބިކަނބަލުން ފާތުންއަށެވެ. އިންތިޚާބުގެ ރަނގަބީލުޖެހި، އިންތިޚާބުގެ އެންމެ ފޯރިގަދަވި ވަގުތު ސީދާ އެކަމަނާ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ފިރިކަލުންގެ ވެރިކަން ދިފާއު ކޮށްދެއްވުމަށް އާދޭހާއެކު އެދިވަޑައިގަތެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ދިފާއު ނުވެއްޖެނަމަ އެކަމަނާ ކޮށްދެއްވަމުން ގެންދެވި ކަންކަން ހުއްޓިދާނެ ކަމުގެ ސިގްނަލެއްވެސް ދެއްވިއެވެ. ރައީސް ޔާމީންވެސް އަނބިކަނބަލުން ކޮށްދެއްވާ މަސައްކަތްޕުޅުތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ހެއްދެވިއެވެ.

އިންތިޚާބުގެ ވޯޓުލައި، ވޯޓު ގުނައި، ނަތީޖާއާ އެނގި، ރައީސް ޔާމީނަށް ނާކާމިޔާބުވިކަން ކަށަވަރުވި ހިސާބުން ކުޑަ ހިނދު ކޮޅަކަށް ރައީސް ޔާމީންވެސް ސަޕޯޓަރުން ނުފެނި ދިޔައެވެ. އެހެންވެ އޭރު ބެލެވުނީ ލިބިވަޑައިގެންނެވި ހިތާމަފުޅާއެކު ރައީސް ޔާމީނާއެކު އަނބިކަނބަލުން ފާތުންވެސް ކުޑަ ވަގުތު ކޮޅަކަށް މައިދާނުން ގެއްލުނީ ކަމަށެވެ. ރައީސް ޔާމީން އެ މާޔޫސްކަމުގައި ހުންނަވައި އަލުން އެނބުރި ސަޕޯޓަރުންނާ ބައްދަލު ކުރައްވަން ފެއްޓެވިއެވެ. އެއަށް ފަހު މަޑުމަޑުން ސިޔާސީ ކަންކަން އިދިކޮޅު ހަރަކާތުގެ ގޮތުގައި އަލުން ފެއްޓެވިއެވެ. އިދިކޮޅު ޕާޓީގެ ރައީސްގެ ގޮތުގައެވެ. ނަމަވެސް ރައީސް ޔާމީން އިދިކޮޅު މައި ޕާޓީގެ ރައީސްގެ ގޮތުގައި ހުންނަވައި ސިޔާސީ ހަރަކާތްތައް އަލުން ފައްޓަވައިގެން ކުރިޔަށް ގެންދެވިއިރު އަނބިކަނބަލުން ފާތުންގެ އެއްވެސް ދައުރެއް ނުފެނުނެވެ.

ދެން ފެނުނީ ވެރިކަމުގެ ދުވަސްވަރު ރައީސް ޔާމީން ދައުލަތުގެ ތެރެއިން ހިންގެވި ކަމަށްބުނާ ޚިޔާނާތުގެ މައްސަލަތަކާ އެމަނިކުފާނަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ތަނެވެ. ދައުލަތުން އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރި ތަނެވެ. ޝަރީއަތް ހިނގައިގެން ތަނެވެ. ރައީސް ޔާމީނާ ދެކޮޅަށް ޝަރީއަތަށް ވަޑައިގެން ހެކި ދެއްވި ބަޔެއް ބޭފުޅުންގެ ތެރޭގައި ރައީސް ޔާމީނާއި، ފާތުންވެސް އެއްއިރަކު އެންމެ އިތުބާރު ކުރެއްވި ބަޔެއް ބޭފުޅުން ރައީސް ޔާމީނާ ދެކޮޅަށް ހެކި ދެއްވަމުން ގެންދެވިތަނެވެ. އެހެންވެ ޝަރީއަތުގައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަތުމާއި ނާކާމިޔާބާ ކުރިމަތި ލެއްވުމުގައި ފިފްޓީ ފިފްޓީ ވެގެންދިޔަ މަންޒަރު ޝަރީއަތުގެ މަޖިލިސް ތަކުގެ މަންޒަރުތަކުން ސިފަ ވެގެން ދިޔައެވެ.

ފިރިކަލުންގެ ދައުލަތުން ކޮށްގެން އުޅުނު ދައުވާ ސާބިތު ވެއްޖެނަމަ ފިރިކަލުންނަށް ޖަލުގެ އެކަނިވެރިކަން ތަޙަންމަލު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމުގެ ބިރު އޮތެވެ. އަހަރު ތަކަކަށް ފިރިކަލުން، ފާތުންނާއި ވަކިވާން ޖެހިދާނެ ކަމުގެ ހީވުންތައް އުފެދިގެން ދިޔައެވެ. ނަމަވެސް މި ޙާލަތުގައިވެސް ފާތުންގެ ފަރާތްޕުޅުން ފެނިގެން ދިޔައީ ހިމޭން ކަމެވެ. ވެރިކަމުގެ ދުވަސްވަރު ފިރިކަލުންގެ ސިޔާސީ ސަފުތައް ތަރުތީބު ކުރެއްވުމަށް އުޅުއްވި ފާތުން ފިރިކަލުންގެ މައްޗަށް އޮތް ދައުވާގެ ޝަރީއަތް އެ ހިސާބަށް ދިޔައިރުވެސް ހުންނެވީ މަންޒަރުން ބޭރުގައި ހިމޭން ކަމުގެ ތެރޭގައެވެ. ފިރިކަލުންގެ ދިފާއުގައި ސަޕޯޓަރުންގެ ބަޔަކު ހަދަމުންދިޔަ ސަފުތަކުން އެކަމަނާގެ އެއްވެސް ދައުރެ ފެނިގެނެއް ނުދިޔައެވެ. ޕާޓީގެ ތެރެއިންވެސް އެއްވެސް ޙައިސިއްޔަތެއް، އެއްވެސް ދައުރެއް ނުފެނުނެވެ.

ޝަރީއަތުގެ ހުރިހާ މަރުޙަލާއެއް ކަޑައްތުވެ، ފިރިކަލުންގެ މައްޗަށް ޙުކުމް އިއްވުމާ ހަމައަށް ދިޔައިރު ރައީސް ޔާމީންގެ ވެރިކަމުގައި ބަޔެއް އިސްމަގާމުތައް އަދާކުރެއްވި ބޭފުޅުންނާއި ސަޕޯޓަރުން ޝަރީއަތް އޮންނަ ދުވަހު ކޯޓުދޮށަށް އެއްވިއެވެ. އަދި ޝަރީއަތް ކުރިޔަށް ދިޔަދުވަސްވަރު ރައީސް ޔާމީން އިސްވެ ހުންނަވައި ބޭއްވި ސިޔާސީ ބައްދަލުވުންތަކުގައި އެފަރާތްތައް ފެނުނެވެ. ނަމަވެސް މިއިން އެއްވެސް ހިސާބަކުންވެސް ފާތުންގެ ދައުރެއް ނުފެނުނެވެ. ހަމަ ހިމޭންކަމުގައި ހުންނެވީއެވެ. ފިރިކަލުންގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، 5 އަހަރުގެ ޖަލު ޙުކުމަކާއި 5 މިލިޔަން ޑޮލަރުގެ ބޮޑު ޖޫރިމަނާއެއް ފިރިކަލުންގެ މައްޗަށް އިއްވުމާ ހަމައަށް ދިޔައިރުވެސް ފާތުން އެއްވެސް ހިސާބަކުން ފެނިގެން ނުދިޔުމަކީ ބަޔެއް ފަރާތްތަކުން ސުވާލު އުފެއްދި ކަންކަމެވެ. އެހިސާބަށް ފިރިކަލުންގެ ހަޔާތްޕުޅު ދިޔައިރުވެސް ކުރިން ހަރަކާތްތެރިކޮށް އުޅުއްވި ފާތުންގެ ފަރާތުން ހިމޭންކަން ނޫން އެއްޗެއް ނުފެނުނެވެ. އެކަމަނާ ހުންނެވީ ސިޔާސީ މަންޒަރުން ބޭރުގައެވެ.

ފިރިކަލުންގެ ވެރިކަމުގެ ފަސް އަހަރު އެންމެ ނުފޫޒުގަދަ، އެންމެ ހަރަކާތްތެރި ފަރާތްކަމުގައި ވިޔަސް، ފިރިކަލުންގެ ވެރިކަން ނިމުމާއެކު ފާތުން ސިޔާސީ ހުރިހާ މަންޒަރަކުން ނުކުމެވަޑެން ހިމޭންކަމުގައި ހުންނެވުމަށް މާކުރިއްސުރެ ނިންމަވައިގެން ހުންނެވީތޯ ބަޔެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. އެ ސުވާލު އިތުރަށް އުފައްދަނީ ފިރިކަލުން ޖަލަށް ލެވިގެން ދިޔައިރުވެސް ސަޕޯޓަރުންނާ ހަމައަށް ފާތުން ނުކުންނެވި މަންޒަރު ނުފެނުމުންނެވެ. ފިރިކަލުން ޖަލަށް ލެވިގެން ދިޔައިރުވެސް ފާތުންގެ ހިމޭން ހަރަކާތުގެ ސީދާ ޖަވާބެއް އެނގިވަޑައިގަންނަވާނީ އެކަމަނާ އާއި ރައީސް ޔާމީނަށް އެކަނި ކަމުގައިވެސް ވެދާނެއެވެ.

ރައީސް ޔާމީން ނޫނަސް މީގެކުރިން ރައީސްކަން ކުރެއްވި ބަޔެއް ރައީސުންނާއި ސިޔާސީ ބަޔެއް ލީޑަރުން ޖަލަށް ޙުކުމް ކުރެވިފައިވެއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށް ލެއްވުނުތަން ފެނުނު ކުރީގެ ދެ ރައީސުންނަކީ ރައީސް މައުމޫން އަބްދުލްގަތްޔޫމް އާއި ރައީސް މުޙަންމަދު ނަޝީދެވެ. މި ދެބޭފުޅުންގެ ވެރިކަމުގައި އަނބިކަނބަލުން ސިޔާސީ މަސައްކަތްޕުޅުގައި ނޫޅުއްވިނަމަވެސް ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް، އެކަމަނާގެ ފިރިކަލުންގެ ދިފާއުގައި ފުރަތަމަ ފަހަރަށް ސިޔާސީ ހަރަކާތްތަކުން މަގުމަތިން ފެނިގެން ދިޔައެވެ. ރައީސް މައުމޫނު ޝަރީއަތް ކުރިޔަށް ދިޔައިރު މާރުކޭޓު ދޮށުގައި ރައީސް މައުމޫނުގެ ދިފާއުގައި އަޑު އުފުއްލަވަން ހުންނެވި އެންމެ ފާހަގަކޮށްލެވުނު ފަރާތަކީ އަނބިކަނބަލުން ނަސްރީނާއެވެ. އެއީ އެފަދަ ގޮތަކަށް ނަސްރީނާ ފެނުނު ފުރަތަމަ ފަހަރެވެ.

ރައީސް ނަޝީދަށް ޖަލު ޙުކުމް އައިރު އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީވެސް ފެނިގެން ދިޔައީ ފިރިކަލުންގެ ދިފާއުގައި ނުކުންނެވިތަނެވެ. ބޭރުގެ ޤާނޫނީ ޓީމުތަކާއެކު ރައީސް ނަޝީދުގެ ދިފާއުގައި ލައިލާ އުޅުއްވިތަން ފެނުނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށް ލެވުނު ބަޔެއް ސިޔާސީ ލީޑަރުންނަށް ބަލާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ދިފާއުގައި ހަނގު އަނބިކަނބަލުން އައިޝަތު ނަހުލާ ސިޔާސީ މައިދާނަށް ފުރަތަމަ ފަހަރަށް ނުކުންނެވި މަންޒަރު ފެނުނެވެ. އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ޖަލުގައި އޮންނެވިއިރު އިމްރާންގެ އަނބިކަނބަލުންވެސް އިމްރާނުގެ ދިފާއުގައި ނުކުންނެވި މަންޒަރު ފެނުނެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ، އަދި އިޖުތިމާއީ ކަންކަމުގެ ތެރެއިން ފިރިކަލުންނަށް ތާއީދު ހޯއްދެވުމަށް ފޫހިކަމެއް، ވަރުބަލިކަމެއް ނެތި އުޅުއްވި ފާތުން، ފިރިކަލުން ޖަލަށް ލެވުމާ ހަމައަށް ކަންކަން ދިޔައިރުވެސް ބަސްފުޅެއްވެސް ވިދާޅުނުވެ، ސިޔާސީ ކަންކަމުގެ ތެރެއިން ނުފެނިދިޔަ ސީދާ ސަބަބެއް ނޭނގެއެވެ. ހުރިހާ ކަމެއް ހިނގައި، ނިމިދިޔައިރު އެކަމަނާގެ ފަރާތުން ހިމޭންކަން ނޫން އެއްޗެއް ނުފެނުނެވެ. އެކަމަނާގެ ޚަބަރެއް ނެތެވެ. މިކަމުގެ ސިއްރަކީ ކޮބައިކަމެއް ނޭނގެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. އެމީހަކު އުޅޭނެގޮތެއްއެގޭނީ އެމީހަކަށްނޫންހެއްޔެވެ. ގޮތްކުޑަވެގެން މަގުމައްޗަށް ނިކުމެ ކާޅުއުސޫލުން އުޅުމަކީ ފިރިީހާގެ ދިފާއުގައި ނެތުމެއްނޫނެވެ. ވަކީލުކުރަންޖެހޭ ފަރާތަކީﷲއެވެ. އެއްވެސް އިންސާނަކަށް ދެރަގޮތެއްމެދުވެރިނުކުރައްވާނެއެވެ. އެންމެމޮޅަށް ބަދަލުހިއްޕަވާ ފަރާތަކީ ﷲސުބުޙާނަހޫ ވަތަޢާލާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.