ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އާބޭއަށް މާ ލަސްތަކެއް ނުވެ ހަގީގީ ބެލިސްޓިކް މިސައިލެއް އުތުރު ކޮރެޔާއިން އުދުއްސާލާތަން ފެނިވައިގެންފާނެ ކަމަށް އުތުރު ކޮރެޔާއިން ބުނެފިއެވެ.
އުތުރު ކޮރެޔާގެ ރަސްމީ ޚަބަރުފަތުރާ ވަސީލަތްތަކުން އާބޭއަށް މި މޭރުމުން ރައްދުދީފައި މިވަނީ އުތުރު ކޮރެޔާއިން އެންމެ ފަހުން ކުރި ރޮކެޓް ޓެސްޓަކީ ބެލިސްޓިކް މިސައިލް ޓެސްޓެއް ކަމަށް އޭނާ ވިދާޅުވުމާ ގުޅިގެންނެވެ. އުތުރު ކޮރެޔާއިން ދިން މި ރައްދުގައި ޖަޕާނުގެ ބޮޑުވަޒީރު ސިފަކޮށްފައި ވަނީ "ވިސްނުންކޮށި، ސީޔާސީ ގޮތުން ކުޑަ" ބޭފުޅެއްގެ ގޮތުގައެވެ.
އެންމެ ފަހުން އޮތުރު ކޮރެޔާއިން އުފައްދާފައިވާ "ސުޕަރ ލާޖް މަލްޓިޕްލް ރޮކެޓް ލޯންޗަރު" ޓެސްޓުކުުރުމަށް ޓަކައި އުތުރު ކޮރެޔާއިން ވަނީ ހަތަރު ރޮކެޓް އުދުއްސާލާފައެވެ. އަދި އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން ވަނީ މި ޓެސްޓުތަކާ މެދު "ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިފައި" ހުންނެވިކަން ހާމަކުރައްވާފައެވެ.
މި މިސައިލް ޓެސްޓްތަކާ ގުޅިގެން ބޮޑު ވަޒީރު އާބޭ ވިދާޅުވީ އުތުރު ކޮރެޔާގެ މިސައިލް ޓެސްޓްތަކަކީ ޖަޕާނުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާ، ޖަޕާނުގެ އެކުވެރިންނާ ގުޅިގެން ވަރަށް ގާތުން ހާލަތު ވަޒަންކުރަމުން ދާކަމަށެވެ.
"އާބޭއަކީ ދުނިޔޭގައި ހުރި އެންމެ މޮޔަ މީހާ ކަމަށާއި، ތާރީޚުން އެނގެން ހުރި އެންމެ ވިސްނުން ކޮށި މީހާ ކަމަށް ބުނެވިދާނެ. (ރޮކެޓް ލޯންޗަރު ޓެސްޓުކުރުމުގެ) ރިޕޯޓާއެކު ހުރި ފޮޓޯތައް ބަލާފައިވެސް މަލްޓިޕްލް ރޮކްޓް ލޯންޗަރަކާއި މިސައިލާ ވަކިކުރަން އޭނާއަށް ނޭނގުނު." އުތުރު ކޮރެޔާގެ ކޭސީއެންއޭ ނިއުސް އެޖެންސީން ބުނެފައި ވެއެވެ.
"މާ ދުރު ނޫން މުސްތަގުބަލެއްގައި އޭނާގެ 'ނޯށުގެ ދަށުން' ހަގީގީ ބެލިސްޓިކް މިސައިލެއް ދާތައް އޭނާއަށް ފެނިދާނެ." ކޭސީއެންއޭ އިން ބުނެފައި ވެއެވެ.