ހަރުކަށި ފިކުރާއި ދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމަށް އިސްލާމްދީނުގެ ޞައްޙަ އަޤީދާ އޮޅުން ފިލުވައި ދޭންޖެހޭ: ނާއިބް ރައީސް

ދީނުގެ ނަމުގައި ހިންގާ ހަރުކަށި ޢަމަލާއި ދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމަށް އިސްލާމްދީނު ޞައްޙަ އަޤީދާ އޮޅުން ފިލުވައި ދޭންޖެހޭ ކަމަށް ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ވިދާޅުވީ ދިވެހިން ބޭނުން ވެގެން އެކި ކަންކަން ބަދަލު ކުރަމުން އައި ކަމުގައި ވިއަސް މިއަދާ ހަމައަށް ވެސް ބަދަލު ނުވެ އޮތް އެއް ކަމަކީ އަދި ދުވަހަކުވެސް ދިވެހިން ބަދަލު ނުކުރާނެ ކަމަކީ މާތް ﷲގެ އެއްކައުވަންތަ ކަމުގެ އަޤީދާކަމުގައިވާ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. ދިވެހިންނަށް ލިބިފައިވާ އެންމެ އަގުބޮޑު ނިޢުމަތަކީ ވެސް މާތްވެގެންވާ އިސްލާމްދީންގެ ހިދާޔަތް ލިބިފައި ވުންކަމަށް ނާއިބް ރައީސް ފައިސަލް ނަސީމް ފާހަގަ ކުރެއްވިއެވެ. އެ މަތިވެރި ނިޢުމަތުން މަޙްރޫމް ވުމަކީ ސަލާމަތްބުއްދި ހުރި އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މިމަތިވެރި ނިޢުމަތް އަޅުގަނޑުމެންނާ ވަކިކުރުމަށް ތަފާތު ގޮތްގޮތަށް މަސައްކަތް ކުރަމުންދާކަމަށް ހިތާމައާއެކު ނާއިބް ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ.

އެއް ބަޔަކު މަސައްކަތް ކުރަނީ އިސްލާމާދީނާ އެއްގޮތަކަށްވެސް ގުޅުމެއް ނެތް ކަންކަން ދީނުގެ ނަމުގައި ހަދައިގެން މިމަތިވެރި ދީނުގެ ސިފަ ހުތުރު ކުރުމަށް ކަމަށް ވިދާޅުވިއެވެ. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިވާން ޖެހޭ ކަމެއް ކަމަށް ފާހަގަ ކުރެއްވިއެވެ. މީހުންނަށް އޯގާތެރިވެ ރަޙުމް ކުރުމާއި ކުޑަކުދިންނާއި ދުވަސްވީ މީހުންގެ ހައްޤުތަކަށް ކަރާމާތްތެރިވުމަށް އިސްލާމްދީނުގައި ބާރުއަޅައިފައިވާ މިންވަރަށް ބާރުއަޅާ އެއްވެސް އަޤީދާއެއް އެއްވެސް ދީނެއް މިދުނިޔޭގައި ނެތްކަން ނާއިބް ރައީސް ފާހަގަކުރެއްވިއެވެ.

"ނަމަވެސް އިސްލާމްދީނުގެ ނަމުގައި މީހުން މަރައި މީހުންގެ މުދާ ފޭރި، ކުޑަކުދިންގެ ޢިއްފަތްތެރިކަން ނަގާލުމުގެ ޢަމަލުތައް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ކުރާ ކަމީ، އަދި އެފަދަ ކަންކަމަށް، ހިތްވަރުދީ ވާހަކަ ދައްކާ އުޅޭ ކަމީ ވަރަށް ހިތާމަހުރި ކަމެއް" ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

އސްލާމްދީނުގެ ކަންކަން ޤަބޫލު ނުކޮށް ދީނުގެ ކަންކަމަށް ހަޖޫޖަހާ ފުރައްސާރަ ކުރުމަކީ ދިވެހި ފަސް ގަނޑުން ޖާގަ ދެވިގެން ވާނެ ކަންކަމެއް ނޫންކަމަށް ވެސް ނާއިބް ރައީސް ވިދާޅުވިއެވެ. މާތްވެގެންވާ އިސްލާމްދީންގެ އަޤީދާގައި ސާބިތުވެ ތިބޭތީ، އަޤީދާއާއި ދީނަށް ފުރައްސާރަ ކުރުމަކީ ތަހްޒީބު މުޖްމަޢެއް ޤަބޫލުކުރާ ހަމަތަކުގެ މަތިން ބަލާއިރުވެސް ހުއްދަ ކުރެވޭނެ ކަންކަމެއް ނޫންކަމަށް ވެސް ނާއިބް ރައީސް ވިދާޅުވިއެވެ.

"ޚިޔާލު ފާޅުކުރުމުގެ މިވަންކަމުގައި ވިއަސް އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި އިހާނެތިކޮށް ހިތުމަކީ އެއްވެސް ގޮތަކަށް ކޮށްގެން ވާނެކަމެއް ނޫން. އަދި އަޅުގަނޑުމެންގެ މި މުޖްތަމަޢު ބަލައިގަންނާނެ ކަމެއްވެސް ނޫން" ނާއިބް ރައީސް ވިދާޅުވިއެވެ.

މިކަންކަމާ ދެކޮޅަށް އަޅަން ޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ އިސްލާމްދީނުގެ ޞައްޙަ އަޤީދާ ދަރިންގެ ހިތްތަކުގައި ބިންވަޅު ނަގައިދީ އިސްލާމީ ރިވެރި އަޚްލާޤާއި ސުލޫކުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުންކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.

އިސްލާމްދީނުގެ ނަމުގައި ދީނާ ނުގުޅޭ ކަންކަން ފެތުރުމުގެ މައްސަލަ އާއި ދީނަށް ފުރައްސާރަ ކުރުމަށްވެސް އޮތް ދާއިމީ ޙައްލަކީ އެފަދަ މީހުންނަށް ދީނުގެ ކަންކަން ރަނގަޅަށް އޮޅުން ފިލުވައިދީ ޞައްޙަ އަޤީދާ އެމީހުންގެ ހިތްތަކުގައި ހަރުލެއްވުންކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ. މި ދެމައްސަލަވެސް ކުރިމަތި ވަނީ އިސްލާމްދީން ރަނގަޅަށް އޮޅުން ނުފިލާތީކަން ޔަޤީން ކުރެއްވޭކަމަށާއި ކަން ހިނގަމުން އަންނަ ގޮތަށް ބަލާއިރުވެސް އެކަން ސާބިތުވާކަމަށް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.