ޙައްލަކީ ޞައްޙަ ޢަޤީދާ މީހުންގެ ހިތުގައި ހަރުލެއްވުން: ނާއިބުރައީސް

އިސްލާމްދީނަށް ފުރައްސާރަކޮށް ހަޖޫޖަހަން މިފަސްގަނޑުން ފުރުސަތު ދެވިގެންނުވާނެ: ފައިސަލް

އިސްލާމް ދީނުގެ ނަމުގައި، ދީނާ ނުގުޅޭ ކަންކަން ކުރާމީހުންނާ އަދި އިސްލާމް ދީނަށް ފުރައްސާރަކުރަމުންދާ މައްސަލައަށް އޮތް ޙައްލަކީ އެފަދަ މީހުންގެ ހިތްތަކުގައި ޞައްޙަ ޢަޤީދާ ހަރުލެއްވުން ކަމަށް ނާއިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ އެފަދަ މީހުންނާމެދު އަޅަން އެންމެ ރަނގަޅު ފިޔަވަޅަކީ ދީނުގެ ކަންކަން ރަނގަޅަށް އޮޅުންފިލުވައިދީ، ޞައްޙަ ޢަޤީދާ އެމީހުންގެ ހިތްތަކުގައި ހަރުލެއްވުން ކަމަށެވެ.

ދިނުގެ ނަމުގައި ދީނާ ނުގުޅޭކަންކަން ކުރުމާއި ދީނަށް ފުރައްސާރަ ކުރުމަކީ ވެސް ދެ މައްސަލައެއް ކަމަށާއި މިކަންކަން ކަމަށް ދާއިމީ ޙައްލެއް ހޯދުމަށް އެފަދަ މީހުންނަށް ވަރަށް ރަނގަޅަށް ދީން އޮޅުން ފިލުވައިދޭންޖެހޭ ކަމަށް ވެސް ނާއިބުރައީސް ވިދާޅުވިއެވެ.

އިސްލާމްދީނަކީ ﷲ ދިވެހީންނަށް ދެއްވި ނިޢުމަތްތަކުގެ ތެރެއިން އެންމެ އަގުބޮޑު ނިޢުމަތް ކަމަށާއި އެހެންކަމުން އެހެންކަންކަން ބަދަލު ވެގެންދިޔަސް އިސްލާމްދީން މަތީގައި ސާބިތުވެ ތިބުމަށް ދިވެހީން ބޭނުންވާ ކަމަށް ވެސް ފައިސަލް ނަސީމް ވިދާޅުވިއެވެ.
މިނިޢުމަތާ ދިވެޙިން ވަކިކުރުމަށް، ތަފާތު އެތައް މަސައްކަތްތަކެއް، އެކި ގޮތްގޮތުން ކުރަމުންދާ ކަމަށާއި، އެއް ބަޔަކު މަސައްކަތް ކުރަނީ، އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ކަންތައްތަކެއް، ދީނުގެ ކަންކަމުގައި ހަދައިގެން، މާތްވެގެންވާ އިސްލާމްދީނުގެ ސިފަ ހުތުރުކުރުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިސްލާމް ދީނުގެ ނަމުގައި، މީހުން މަރައި، މީހުންގެ މުދާ ފޭރި، ކުޑަކުދިންގެ ޢިއްފަތްތެރިކަން ނަގައިލުމުގެ ޢަމަލުތަކެއް، ބަޔަކު ކުރާކަމާއި އަދި އެފަދަ ކަންކަމަށް ހިތްވަރުދީ ވާހަކަދައްކާ ބަޔަކުވެސް އުޅޭކަމަށް ފައިސަލް ވިދާޅުވިއެވެ. ނަމަވެސް އިސްލާމުދީނުގައި ކަން އޮތީ އެހެންނޫންކަމަށާއި،ދީނަކީ މީހުންނަށް އޯގާތެރިވެ ހަމްދަރުދީވުމަށް، އަދި ކުޑަކުދިންނާއި ދުވަސްވީމީހުންގެ ޙައްޤުތަކާއި ކަރާމާތްތެރިކަން ރައްކާތެރިކުރުމަށް، އެންމެބޮޑަށް ބާރުއަޅާ ދީން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިސްލާމް ދީނުގެ އުސޫލުތައް ޤަބޫލުނުކޮށް، މި ދީނުގެ ކަންކަމަށް ހަޖޫޖަހައި ފުރައްސާރަކުރުމަކީ ވެސް، މި ފަސްގަނޑުގައި ޖާގަދެވިގެންވާނެ ކަންކަމެއް ނޫންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ އިސްލާމީ ޢަޤީދާގައި ސާބިތުވެ ތިބޭތީ، ޢަޤީދާ އާއި ދީނަށް، އިހާނެތިކޮށް ހިތައި ފުރައްސާރަކުރުމަކީ، ތަހުޒީބު މުޖްތަމަޢުތައްވެސް ޤަބޫލުކުރާ ހަމައެއް ނޫންކަމަށެވެ. އެއީ ހުއްދަ ކުރެވޭނެ ކަންކަމެއްވެސް ނޫންކަމަށް ވިދާޅުވިއެވެ. އެގޮތުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގޮތުން ވިޔަސް، އިސްލާމް ދީނަށް ފުރައްސާރަކުރުމާއި އިހާނެތިކޮށްހިތުން ހުއްދަކުރާ، ބައިނަލްއަޤްވާމީ އެއްވެސް ޤާނޫނެއް، މުޢާހަދާއެއް ފެންނަން ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިކަންކަމާ ދެކޮޅަށް އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ދަރިންގެ ހިތްތަކުގައި ބިންވަޅު ނަގައިދީ، އިސްލާމީ ރިވެތި އަޚްލާޤާއި ސުލޫކުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމާއި އެންމެހައި އުޅުންތަކާއި ގުޅުންތައް، އިސްލާމް ދީނުގެ އިމުގެ ތެރޭގައި ބައްޓަންކުރުން ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.