ލަންޑަން ބްރިޖް ކައިރީގައި ވަޅި ހަރައި ދެ މީހަކު މަރާލި މީހެއްގެ ގަޔަށް ފުލުހުން ބަޑި ޖަހައި މަރާލައިފި

ވަޅިން ހަމަލާދިން މީހާ އަތުގައި އޮތް ވަޅި އަތުލި މީހާ އެވަޅި ހިފަހައްޓައިގެން

މިއަދު މެންދުރު ފަހު 2 ޖަހަން (ރާއްޖޭ ގަޑިން އިރު އޮއްސި 6 ޖަހަން) ކައިރިވެފައި ހުއްޓާ ލަންޑަން ބްރިޖް ސަހަރަައްދުގައި ވަޅިން ބަޔަކަށް ހަމަލާދީ މަރާލި މީހެއްގެ ގަޔަށް ބަޑިޖަހަައި، ފުލުހުން އޭނާ މަރާލައިފިއެވެ.

ވަޅިން ހަމަލާދިނުމުގެ ސަބަބުން 2 މީހަކު މަރުވެފައިވާއިރު 3 މީހަކު ވަނީ ޒަޚަމްވެފައެވެ. ފުލުހުންނަށް ޚަބަރު ލިބުނީ ވަޅި ހިފައިގެން އުޅުނު މީހާގެ އުނަޑަނޑުގައި ގޮވާތަކެތީގެ ބެލްޓެއް އޮތްކަމަށެވެ. ފުލުހުން އޭނާގެ ގަޔަށް ބަޑިޖެހީވެސް އެހެންވެގެން ކަމަށް ބެލެވެއެެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެއީ 'އޮޅުވާލުމެ'ކެވެ. އެ ބެލްޓުގައި ހަގީގީ ގޮވާ ތަކެއްޗެއް ނެތެވެ.

"މެންދުރު ފަހު 1:58 ގައި ލަންޑަން ބްރިޖް ކައިރީގައި ހުރި ތަނެއްގައި ވަޅިޖެހުމުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ގުޅާފައިވޭ. (އެ ހާދިސާގައި) އެތައް ބައެެއްގެ ގަޔަށް ވަޅި ހަރާފައިވޭ." ލަންޑަނުގެ ފުލުހުން ކުރި ޓުވީޓެއްގައި ވެއެވެ.

ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން ދިޔައިރު، އެތަނުގައި ތިބި އާއްމުންގެ ބަޔަކު ވަނީ ވަޅި ހެރި މީހާ ހިފަހައްޓާފައެެވެ. އަދި އެތަނުން އެކަކު ވަނީ އޭނާގެ އަތުގައި އޮތް ބޮޑު ވަަޅި އަތުލާފައެވެ.

މި ކަން ހިނގި ގޮތަށް ބަލައި ލަންޑަނުގެ ފުލުހުން މިހާރު ވަނީ މިއީ ޓެރަރިޒަމްގެ އަމަލެއް ކަމުގައި ކަނޑައަޅައި ތަހުގީގުކުރަން ފަށާފައެވެ.

"އެންމެންވެސް ގަބޫލުކުރާނެ ފަދައިން، މި ހާދިސާގެ ބާވަތުން، އަހަރުމެން މި ހާދިސާއާމެދު ފިޔަވަޅު އެޅީ ޓެރަރިޒަމާ ގުޅުން ހުރި އަމަލެއް ކަމުގައި ބަލައިގެން. އަަަހަރެންނަށް މިހާރު ޔަގީންކަމާއެކު ބުނެވިދާނެ، އެއީ ޓެރަރިޒްގެ އަމަލެއްގެ ގޮތުގައި ކަނޑައަޅާފައި ވާކަން." މެޓްރޮޕޮލިޓަން ޕޮލިސްގެ އެސިސްޓެންޓް ކޮމިޝަނާ ފޯ ސްޕެޝަލް އޮޕަރޭޝަންސް ނީލް ބާސޫ ދެއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

ލަންޑަން ބްރިޖްގެ އުތުރުން ބޮޑު ސަރަހައްދެއް އަދިވެސް އޮތީ ބަންދުކޮށްފައެވެ. ބްރިޖުން ފެށިގެން ގާތްގަނޑަކަށް ބައި މޭލު ދުރުން ފެށިގެން އެ ސަރަަހައްދު ވަނީ ބަންދުކޮށްފައެވެ.

މޭޔަރު ސާދިޤް ޚާން ދެއްވި ބަޔާނެއްގައި ވިދާޅުވި ބައެެއް މީހުންނަށް "ސީރިޔަސް އަނިޔާތަކެއް" ލިބިފައިވާ ކަމުގައެވެ. އޭނާ ވަނީ ވަޅިޖެހި މީހާ ހިފެހެއްޓި އާއްމުން ދެއްކި ހިތްވަަރަށް ތައުރީފުކުރައްވާފައެވެ.

2017 ވަނަ އަހަރު ލަންޑަން ބްރިޖް ސަރަހައްދުގައި ދިން ޓެރަރިސްޓް ހަމަލާއެއްގައި 8 މީހަކު މަރުވެފައި ވެއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނީލް ބާސޫ ވިދާޅުވީ ވަޅިން ހަމަލާދިނީ އުމުރުން 28 އަހަރުގެ އުސްމާން ޚާން ނަމަކަށް ކިޔާ މީހަކު ކަމުގަައެވެ. އަދި އޭނާއަކީ 2012 ވަނަ އަހަރު ޓެރަރިޒަމްގެ މައްސަލައެއްގައި ހައްޔަރު ކުރުމަށް ފަހު ފާއިތުވި  އަހަރު ޖަލުން ދޫކޮށްލި މީހަކު ކަމުގައެވެ. 

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.