ލޭ އޮހޮރުވުން ބޮޑު މުޒާހަރާތަކަކަށް ފަހު އިރާގުގެ ބޮޑުވަޒީރު އިސްތިއުފާދެއްވަން ނިންމަވައިފި

އިރާގުގެ ބޮޑުވަޒީރު ޢާދިލު ޢަބްދުލްމަހްދީ

އިރާގު ސަރުކާރާ ދެކޮޅަށް ކުރަމުންދާ ހަމަނުޖެހުން ބޮޑު މުުޒާހަރާތަކުގައި އިއްޔެ ގިނަ އަަދަދެއްގެ ބަޔަކު މަރުވުމަށް ފަހު އިރާގުގެ ބޮޑުވަޒީރު ޢާދިލް ޢަބްދުލްމަހްދީ އިސްތިޢުފާދެއްވަން ނިންމަވައިފިއެވެ.

އޭނާ އިސްތިއުފާދެއްވަން މި ނިންމެވީ މިއަދު ކަރްބަލާގައި ދެއްވި ހުކުރު ޚުޠުބާގައި އިރާގުގެ ޝީޢާއިންގެ އެންމެ އިސް އިމާމު އާޔަތުﷲ ޢަލީ އައްސީސްތާނީ ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައްވާފައި ވަނިކޮށެވެ.

"މިއަދު، 29/11/2019 ދުވަހު އެންމެ ދީނުގެ ކަންކަމުގެ ރުޖޫޢަވެވޭ އެންމެ މަތީ ފަރާތުން (ޝީޢާއިންގެ އެންމެ މަތީ ދީނީ ޢިލްުމުވެރިޔާ) ދެއްވި ހުކުރު ޚުޠުބާ ގައި ވިދާޅުވި ވާހަކަފުޅު އަަހަރެން ވަރަށް ކަނުލައި އަޑުއެހިން..... އެ ގޮވައިލެއްވުމަށް އިޖާބަދިނުމުގެ ގޮތުންނާއި، އެގޮތަށް ކަންތައް އަވަހަށް ނިމިގެން ދިއުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މަޖްލިސުއް ނުއްވާބަށް ((ރައްޔިތުންގެ) މަންދޫބުންގެ މަޖިލީހަށް) މި ސަރުކާރުގެ ބޮޑުވަޒީރުކަމުން އަހަރެން އިސްތިއުފާދިނުމުގެ ސިޓީ ހުށަހަޅަން އަހަރެން ނިންމައިފިން. އެއީ މަޖިލީހުގެ ކުރިމަތީގައި އޮތް އިޚްތިޔާރުތަކާމެދު ވިސްނުމަށް ފުރުސަތު ދިނުމުގެ ގޮތުން." ޢަބްދުލްމަހްދީ އޭނާގެ ފޭސްބުކް ސަފުހާގައި ލިއުއްުވާފައި ވެއެވެ.

އާޔަތްﷲ އައްސީސްތާނީ ވަނީ މިހާރު އިރާގުގައި ހިނގަމުންދާ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ސަރުކާރު ބަދަލުކުރުމާމެދު ވިސްނުމަށް ރައްޔިތުން މަޖިލީހަށް ގަޮވައިލައްވާފައެވެ.

"މި މައްސަލައިގައި އެ މީހުންގެ ކުރިމަތީގައި އޮތް އިޚްތިޔާރުތަކާ މެދު ވިސްނުމަށާއި، އިރާގުގެ މަސްލަހަތު ނެގެހެއްޓުމާއި، އެ ގައުމުގެ ދަރިންގެ ލެއަށް ރައްކާތެރިވުމާއި، ހަރުކަށިކަމާއި، ހަމަނުޖެހުމާއި، ހަލާކުގެ ތެރެއަށް ގައުމުވެއްޓުން ހުއްޓުވުން ހިމެނޭ ގޮތަށް ކަންކަން ނިންމުމަށް، އެބައެއްގެ ތެރެއިން މި ސަރުކާރު އުފެދިގެން އައި ރައްޔިތުންގެ މަޖިލީހަށް އަހަރެން ގޮވާލަން." އައްސީސްތާނީ ވިދާޅުވިއެވެ.

އައްސީސްތާނީގެ މި ގޮަވައިލެއްވުން އައިސްފައި މިވަނީ ފާއިތުވި ދެ މަހެއްހާ ދުވަހު އިރާގުގައި ކުރިއަށް ދިޔަ މުޒާހަރާތަކުގައި އެންމެ ލޭއޮހޮރުވުން ބޮޑު ދުވަަހަށް އިއްޔެ ވެފައި ވަނިކޮށެވެ. އިއްޔެ އެ ގައުުުމު ކަންކޮޅުތަކުގައި، އަދި ވަކިން ޚާއްސަކޮށް ދެކުނުގެ ސަރަހައްދުތަކުގައި މުޒާހަރާކުރި މީހުންގެ ގަޔަށް ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަަބަބުން 50 މީހުން މަރުވެފައި ވެއެވެ.

އިރާގުން ލިބޭ ބައެއް ޚަބަރުތައް ބުނާ ގޮތުގައި ބޮޑުވަޒީރުގެ އޮފީހުގެ ޑިރެކްޓަރު އަބޫޖިހާދު އަލްހާޝިމީ މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭނާއަކީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް މައިތިރިކުރުމަށް ކުރެވުނު މަސައްކަތުގެ ފަހަތުގައި ހުންނެވިކަމަށް ތުހުމަތު ކުރެވޭ އެންމެ އިސް ފަރާތެވެ.

ކޮޮރަޕްޝަނާ، ވަޒީފާގެ ފުރަސަތުތައް ނެތުމާ، އާއްމު ޚިދުމަތްތަކުގެ ފެންވަރު ދަށްވުމާ ދެކޮޅަށް ފާއިތުވި އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު އިރާގުގައި ފެށުނު މުޒާހަރާތަކުގައި މިހާތަނަށް 400 އަށްވުރެ ގިނަ މީހުން މަރުވެ 15 ހާހަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.