ކުޑަކުދީންގެ ސިކުނޑީން އެކުއެކީގައި ދެ ބަސް ދަސްކުރަނީ ކީއްވެ؟

ބޭރު ބަހެއް ދަސްކުރަން އުޅުމަކީ ކިހާ އުނދަގޫ އަދި އޮޅުންބޮޅުން ބޮޑު ކަމެއްކަން އަލަށް ބޭރު ބަސް ދަސްކުރަން އުޅޭ ބޮޑެތި މީހުންނަށް އެނގޭނެއެވެ. ދެބަހުން ވާހަކަ ދައްކައިއުޅޭ އާއިލާއެއްގެ ތެރޭގައި ބޮޑު ވަމުން އަންނަ އުމުރުން ތިން އަހަރުގެ ކުއްޖަކު އޭނާގެ މާދަރީ ބަހުގެ ތެރެއަށް ދެވަނަ ބަހެއް މަސްހުނި ކުރަން ފެށުމުން އެއީ އޭނާ އަށް އެ ދެބަސް އޮޅެނީ ކަމަށް ގަބޫލު ކުރެއެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި އެގޮތަށް ދިމާވަނީ ދެ ބަސް އޮޅޭތީކީ އެއް ނޫނެވެ.

ދެވަނަ ބަހެއް ދަސް ކުރަން އެންމެ ރަނގަޅު އުމުރު ފުރާއަކީ ދަރީން ވީހާވެސް ތުއްތު އިރުއެވެ. ދެބަހުން ވާހަކަ ދައްކާ މާހައުލެއްގައި ބޮޑުވާ ކުއްޖާގެ މާދަރީ ބަހަކީ އޭނާ ވިހޭއްސުރެން އޭނާއަށް އަޑު އިވޭ ދެބަހެވެ. ގޭތެރޭގައި ބޭނުންކުރާ އަޑު އޭނާ އަށް އިވޭ ދެ ބަސް ވާނީ އޭނާގެ މާދަރީ ބަހަށެވެ. ބޮޑެތި މީހުންނަށް ދެވަނަ ބަހެއް ދަސްކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަދި އެ ބަހެއްގެ އަހުލުވެރީން ވާހަކަދައްކާ ގޮތަށް ފަރިތަކަމާއެކު ވާހަކަ ދެއްކުމަކީ ނާދިރު ކަމެކެވެ.

ބޮޑެތި މީހުންނަށް ބޭރު ބަހެއް ދަސްކުރަން އެހާ އުނދަގޫ ކަމަކަށް ވާއިރު ކުޑަ ކުދީންނަށް އެކުއެކީގައި ދެ ބަސް ދަސް ކުރުމަކީ ކިހާ ވަރެއްގެ ކަމަކަށް ވާނެބާވައެވެ؟

 

ކުޑަ ކުދީން ބަސް ދަސްކުރަނީ ކޮން އިރަކު؟

ދިރާސާ ތަކުން ދައްކާގޮތުގައި ދުނިޔެއަށް އުފަންވުމުގެ ކުރީން ކުޑަކުދިން ބަހުގެ އަޑުތައް ދަސްކުރަން ފަށްޓައެވެ. މައިމީހާގެ ބަނޑުގައި އޮންނަ އިރު ދަރިފުޅަށް އިވޭ އެންމެ މުހިއްމު އަޑަކީ މައިމީހާގެ އަޑެވެ. އުފަންވާއިރު މަންމަ ގެ އަޑު ފާހަގަ ކުރަން ދަރިފުޅަށް އެނގެއެވެ. އަދި މަންމަ ވާހަކަ ދައްކާގޮތާއި އެހެންމީހުން ވާހަކަ ދައްކާ ގޮތުގެ ތަފާތު ފާހަގަ ކުރުމުގެ ގާބިލުކަން ދަރިފުޅަށް ލިބިފައިވެއެވެ.

ބަހެއް ދަސްކުރުން ބިނާވެފައި އޮންނަނީ އެބަހެއްގެ އަޑުތައް އެނގި އަޑުތައް ފާހަގަކުރަން އެނގުމުގެ މައްޗަށެވެ. ދުނިޔޭގެ ހުރިހާ ބަހެއްގައި އަޑުތައް ހުންނަނީ 800 ނުވަތަ އެއާ ދާދި އެއް އަދަދެއްގައެވެ. ކޮންމެ ބަހެއްގައި ވެސް ތަފާތު 40 އަޑު ނުވަތަ ފޯނީމް ބޭނުން ކުރެއެވެ. އެއް ބަހާއި އަނެއް ބަހުގެ ތަފާތު ފާހަގަވަނީ މި އަޑު ތަކުންނެވެ.

ދަރިފުޅު ދުނިޔެއަށް އުފަންވާ އިރު 800 އަޑުގެ ތަފާތު ފާހަގަ ކުރަން އެނގެއެވެ. މިއީ ގުދުރަތުން ދަރިފުޅުގެ ސިކުނޑީގައި ލައްވާފައިވާ ގާބިލު ކަމެކެވެ. 800 އަޑު ފާހަގަ ކުރަން އެނގުމުގެ މާނަ އަކީ މި އުމުރުގައި ކުއްޖާއަށް ހުރިހާ ބަހެއް ދަސްކުރުމުގެ ގާބިލުކަން ލިބިފައިވުމެވެ. ބޮޑު ވަމުންދާ ވަރަކަށް އެންްމެ ގިނައިން އިވޭ އަޑުތައް ފާހަގަ ކުރަން ފަށައެވެ.

މޮނޮލިންގުއަލް ނުވަތަ އެންމެ ބަހަކުން ވާހަކަ ދައްކާ މާހައުލެއްގައި ބޮޑުވާ ކުއްޖާ، އުމުރުން ހަ މަހާ ބާރަ މަހާ ދޭތެރޭ އެ ބަހުގެ އަޑުތަކަށް ފަރިތަވެއެވެ. އެއީ އޭނާގެ މާދަރީ ބަހުގެ އަޑުތަކެވެ. އުމުރުން އެއް އަހަރު ފުރޭއިރު މި ކުދީން (މޮނޮލިންގުއަލް ކުދީން) އެކުދީންނަށް ލިބިފައިވާ ބޭރު ބަހުގެ އަޑު ތައް ފާހަގަ ކުރުމުގެ ގާބިލުކަން ކުޑަވާން ފަށައެވެ.

 

ކުޑަ ކުދީންގެ ސިކުނޑި މަސައްކަތްކުރަނީ ކިހިނެއް؟

ދެ ބަހުން ވާހަކަދައްކާ މާހައުލަކަށް ބޮޑުވާ ކުއްޖާ އަށް އެ ދެބަހުގެ އަޑުތަކުގެ ތަފާތު ފާހަގަކުރަން އެނގިދާނެތޯ މިއީ އުފެދޭ ސުވާލެކެވެ. އޭނާއަށް އެ ދެ ބަހަށް ޚާއްޞަ ވެވިދާނެ ބާވައެވެ؟ އެހެން ކަމަށްވާނަމަ މިފަދަ ކުދީންނާ މޮނޮލިންގުއަލް ކުދީން ބަސް ދަސްކުރާ ގޮތް ތަފާތު ވަނީ ކޮަންގޮތަކުން ހެއްޔެވެ؟

މޮނޮލިންގުއަލް ކުދީންނާ ބައިލިންގުއަލް ކުދީން ވާހަކަ ދައްކަން ދަސްކުރާ ގޮތް ދެނެގަތުމަށްޓަކައި އެކުދީންގެ ސިކުނޑި މަަސައްކަތް ކުރާގޮތް އެނގެން ޖެހެއެވެ. ބައިލިންގުއަލް ކުދީން ބަސް ދަސްކުރުމުގައި މޮނޮލިންގުއަލް ކުދީންނާ ތަފާތުވާ ގޮތް އެނގެން އެފަދަ ކުދީންގެ ބެލެނިވެރިން ބޭނުންވާތީއެވެ. 

ޔުނިވަރސިޓީ އޮފް ވޮޝިންގޓަންގެ ރިސާރޗް ސައިންޓިސްޓެއް ކަމުގައިވާ ނަޖާ ފަރޖަން ރަމިރެޒް އާ އޭނާގެ ބައިވެރިން ދާދި ފަހުން ވަނީ ބަސް ދަސްކުރާއިރު ކުދީންގެ ސިކުނޑި މަސައްކަތް ކުރާގޮތް ދިރާސާ ކޮށްފައެވެ. މި ދިރާސާގައި ބައިވެރިކޮށްފައިވަނީ މޮނޮލިންގުއަލް އަދި ބައިލިންގުއަލް މާހައުލުގައި ބޮޑުވަމުން އަންނަ، އުމުރުން 11 މަހުގެ ކުދީންނެވެ. މޮނޮލިންގުއަލް ކުދީންގެ ގޮތުގައި ބައިވެރިކޮށްފައިވަނީ ހަމައެކަނި އިނގިރޭސި ބަހުން ވާހަކަ ދައްކާ މާހައުލުގައި ބޮޑުވަމުން އަންނަ ކުދީންނެވެ. ބައިލިންގުއަލް (ދެ ބަހުން ވާހަކަ ދައްކާ މީހުން) ކުދީންގެ ގޮތުގައި ބައިވެރި ކޮށްފައިވަނީ ހަމަ އެކަނި އިނގިރޭސި އާއި ސްޕެނިޝް ބަހުން ވާހަކަ ދައްކާ މާހައުލުގައި ބޮޑުވާ ކުދީންނެވެ. މި ދިރާސާގައި ބޭނުންކޮށްފައިވަނީ މެގްނިޓޯ އިންސެފެލޯގްރެފީ (މެގް) ކިޔާ ޓެކްނޮލޮޖީއެކެވެ. މި ޓެކްނޮލޮޖީގެ އެހީގައި އިނގިރޭސި  ބަހުގެ އަޑުތަކާއި ސްޕެނިޝް ބަހުގެ އަޑުތައް އަހަމުން ކުދީން ދިޔައި އިރު އެކުދީންގެ ސިކުނޑީން އެއަޑުތައް ފާހަގަ ކުރާ ވަގުތާއި އަދި ސިިކުނޑީގައި އެ ހަރަކާތް ހިނގާ ތަން ފާހަގަ ކުރެވުނެވެ.

މޮނޮލިންގުއަލް މާހައުލުގައި ބޮޑުވާ ކުދީންނާ ބައިލިނގުއަލް މާހައުލުގައި ބޮޑުވާ ކުދީންގެ ސިކުނޑި މަސައްކަތް ކުރާ ގޮތް ވަރަށް ތަފާތު ކަން މި ދިރާސައިން ހޯދުނެވެ.

11 މަހަކީ އެއް ލަފުޒު ބޭނުންކޮށްގެން ކުދީން ވާހަކަ ދައްކަން ފަށާ އުމުރެވެ. ދިރާސާގައި ކުދީންގެ ސިކުނޑި މަސައްކަތް ކުރާގޮަތް ހޯދުމަށް އެއްކުރި ރިކޯޑުތަކުން ދައްކާގޮތުގައި:

-        މޮނޮލިންގުއަލް (އިނގިރޭސި) ގޭބިސީ ތަކުގައި ބޮޑުވާ ކުދީންގެ ސިކުނޑިއަށް ފާހަގަ ކުރެވުނީ ހަމައެކަނި އިނގިރޭސި ބަހުގެ އަޑުތަކެވެ. އެކުދީންގެ ސިކުނޑިން ސްޕެނިޝް ބަހުގެ އަޑުތައް ފާހަގައެއް ނުކުރެއެވެ. (ސްޕެނިޝް ބަހަކީ އެކުދީންނަށް ބޭރު ބަހެކެވެ.)

-        ސްޕެނިޝް ބަހާއި އިނގިރޭސި ބަހުން ވާހަކަ ދައްކާ ގޭބިސީ ތަކުގައި ބޮޑުވާ ކުދީންގެ ސިކުނޑިން އިނގިރޭސި ބަހާއި ސްޕެނިޝް ބަހުގެ އަޑު ފާހަގަ ކުރިއެވެ.

ނަޖާ އާ އޭނާގެ ބައިވެރިންގެ ހޯދުންތަކުން ދައްކާގޮތުގައި ކުދީން ގެންގުޅޭ މީހުން ވާހަކަ ދައްކާ ބަސް ނުވަތަ ބަސްތަކުގެ އަޑުތަކަށް އެކުދީންގެ ސިކުނޑި ހޭނެއެވެ. މޮނޮލިންގުއަލް ކުއްޖެއްގެ ސިކުނޑި ހޭނޭނީ އެއް ބަހުގެ އަޑު ތަކަށެވެ. ބައިލިންގުއަލް ކުއްޖެއްގެ ސިކުނޑި ހޭނޭނީ ދެ ބަހުގެ އަޑު ތަކަށެވެ. އުމުރުން އެގާރަ މަހުގައި ކުއްޖާގެ ސިކުނޑީގެ ހަރަކާތް ހުންނަ ގޮތަކުން އެކުއްޖާ ގެންގުޅެފައިވަނީ ކޮންކަހަލަ ގޭ ބިސީ އެއްގައިކަން ދެނެގަނެވޭނެއެެވެ.

 

ދެ ބަސް ދަސްކުރުމަކީ ރަނގަޅު ކަމެއްތަ؟

ދެ ބަހުން ވާހަކަ ދައްކާ މައިންބަފައިންނަށް ލިބޭ ދަރީން ފުރަތަމަ ވާހަކަ ދައްކަން ފަށާނީ ކޮން ބަހަކުންތޯ ބަލަން އެމީހުން ޝައުގުވެރިވެއެވެ. އެގޮތުން ދަރީން ވާހަކަ ދައްކަން ފަށާނެ ދުވަހަކަށް އިންތިޒާރު ކުރެއެވެ. މި ފަދަ ބެލެނިވެރިން ބޭނުންވާހައި އަވަހަށް ބައެއްފަހަރު އެމީހުންގެ ދަރިން ވާހަކަ ނުދައްކައެވެ.

ނަޖާ ގެ ދިރާސާ އިން ހޯދުނުގޮތުގައި ބައިލިންގުއަލް ކުދީންގެ ސިކުނޑި އިނގިރޭސި އަޑުތައް ފާހަގަ ކުރުމުގައި މޮނޮލިންގުއަލް ކުދީންގެ ސިކުނޑިއާ އެއްވަރަށް ހަރަކާތްތެރިވެއެވެ. މިއިން ދޭހަވަނީ ބައިލިންގުއަލް ކުދީން ވެސް މޮނޮލިންގުއަލް ކުދީންނާ އެއް ރޭޓެއްގައި އިނގިރޭސި ބަސް ދަސްކުރަމުން ދިޔަކަމެވެ.

ބަައިލިންގުއަލް ކުދީންގެ ބެލެނިވެރިން ކަންބޮޑުވާ އެހެންކަމެއްވެސް އޮވެއެވެ. އެމީހުންގެ ދަރީންނަށް މޮނޮލިންގުއަލް ކުދީންގެ ބަސްކޮށާރުގައި ހުންނަ ވަރަށް ލަފުޒު ތައް ނޭނގިދާނެތިީއެވެ. އޭގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކުލެވެއެވެ. އެހެނީ އެކުދީންނަށް ބަސް އަޑު އަހަން ލިބޭ ވަގުތު އޮންނާނީ ދެބަހުގެ މެދުގައި ބެހިފައެވެ. އެހެންކަމުން ކޮންމެ ބަހަކުންވެސް އިވޭ ލަފުޒު ތައް ނިސްބަތުން މަދުވާނެއެވެ. މިހާތަނަށް ހެދިފައިވާ ހުރިހާ ދިރާސާ ތަކުން ދައްކާ ގޮތުގައި މިފަދަ ކުދީން ދެބަހަށް ވެސް ކުޅަދާނައެވެ. އެއް ބަހަށް މޮޅުވެފައި އަނެއް ބަހަށް ދެރަ ކަމަކަށް އަދި މިހާތަނަށް ހޯދިފައި ނުވެއެވެ.    

ބަސް ކޮށާރުގެ މުއްސަނދި ކަމަށް ބަލާއިރު މޮނޮލިންގުއަލް ކުދީންނާ ބައިލިންގުއަލް ކުދިންގެ ބަސް ކޮށާރު އުޅެނީ އެއްވަރެއްގައެވެ. ނުވަތަ ނުވަތަ ބައިލިންގުއަލް ކުދީންގެ ބަސް ކޮށާރު ތަންކޮޅެއް މުއްސަންޖެވެ.

ނަޖާ ފާހަގަ ކޮށްފައިވާ ގޮތުގައި އޭނާގެ ހަތަރު އަހަރުގެ ދަރިފުޅަކީ އިނގިރޭސި ބަހާއި ސްޕެނިޝް ބަހާއި އަދި ސްލޮވީން ބަހުން ވާހަކަ ދައްކާ ކުއްޖެކެވެ. އޭނާ ސްޕެނިޝް އަދި އިނގިރޭސި ބަހުން ވާހަކަ ދައްކާ އިރު ނިންމުންތައް ގެންގުޅެނީ ސްލޮވީނު ބަހުގައި ނިންމުންތައް ގެންގުޅޭ ގޮތަށެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ކުދީން "ކޯޑް ސްވިޗް" ކުރަނީ  ނުވަތަ ބަސް މަސްހުނި ކުރަނީ ބޮޑެތި މީހުން ބަސް މަސްހުނި ކުރާތީއެވެ. ބޮޑެތި މީހުންނާއި ކުޑަކުދީން ވާހަކަ ދައްކާ އިރު ކޯޑު ސްވިޗު ކުރަނީ ތަރުތީބެއް ނެތިގެނެއް ނޫނެވެ. އެމީހުން އެކަން ކުރަނީ ބަހުގެ ހަމައިގައި އެކަން އޮންނަ ވަކި އުސޫލަކުންނެވެ.

މޮނޮލިންގުއަލް ކުދީންނާ ޚިލާފަށް ބައިލިންގުއަލް ކުދީން ވާހަކަ ދައްކާއިރު ލަފުޒެއް ހަނދާނަށް ނުގެނެވިއްޖެނަމަ ނުވަތަ ނޭނގޭނަމަ އޭނާގެ ދެވަނަ ބަހުން ފަސޭހަކަމާ އެކު އެބަސް ލިބިގަނެއެވެ. އުމުރުން ދެ އަހަރުގެ ކުދީން އެމީހުންނާ ވާހަކަ ދައްކާ މީހާގެ ބަހުރުވަ ދަސްކޮށް އެގޮތަށް އެމީހަކާ ވާހަކަ ދައްކައެވެ. ނުވަތަ އެ ގާބިލުކަން ލިބިގެންވެއެވެ.

ދިރާސާ ތަކުން ދައްކާ ގޮތުގައި ކޯޑު ސުވިޗު ކުރުމަކީ ބައިލިންގުއަލް ނުވަތަ ދެބަހުން ވާހަކަ ދައްކާ ކުދީންގެ ބަސް ތަރައްގީ ވާ ކަމުގެ ސިފައެކެވެ. އެއީ އެކުދީންނަށް ލިބިފައިވާ އާދަޔާ ޚިލާފު ހުނަރެއްވެސް މެއެވެ. ބަހަވީ ގޮތަށް ދަންނަަވާނަމަ އެއީ އެކުދީންނަށް ލިބިފައިވާ "ބައިލިންގުއަލް އެޑްވާންޓޭޖް" އެކެވެ.

 

ދެބަހުން ވާހަކަ ދައްކަން އެނގުމުން ލިބޭ ފައިދާއަކީ ކޮބާ؟

ބައިލިންގުއަލް ގޭބިސީ އެއްގައި ބޮޑުވާ ކުދީންނަކީ އެކުއެކީގައި ދެ ބަސް އަށަގަތުމުގެ ނުވަތަ ދެ ބަސް ދަސް ކުރުމުގެ ނަސީބު ލިބިފައިވާ ކުދީންނެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅޭ ގިނަ ކުދިންނަކީ ބައިލިންގުއަލް ކުދީންނެވެ.

ދެ ބަހުން ވާހަކަ ދައްކާ މީހުންނާ ކުދީންގެ ވިސްނުން އެހެން ކުދީންނާ އަޅާ ބަލާއިރު ރަނގަޅު ކަމަށްވެއެވެ. އެއީ އެމީހުންގެ ސިކުނޑި ދެބަހަށް ސަމާލުވެ މަސައްކަތް ކުރާތީއެވެ. އޭގެ ސަބަބުން މީހާ ކަންކަމަށް ދޭ ސަމާލު ކަމާއި ދެ ބަސް ފާހަގަ ކުރަން ދޭ ސަމާލުކަން އިތުރުވެއެވެ. އަދި ކުރިމަތިވާ މައްސަލަތަކަށް ފަސޭހަ ކަމާއެކު ހައްލު ހޯދައެވެ. ކަންކަން ތަހައްމަލު ކުރުމުގެ ގާބިލުކަން ވެސް ބައިލިންގުއަލް މީހުންނަށް ލިބިފައިވެއެވެ. އެހެން ފިކުރުތަކާއި ސަގާފަތަށް އިހުތިރާމު ކުރަން އެނގެއެވެ. ވާހަކައެއް ބުނާ ގޮތުން އޭގެ ނަތީޖާ ނުކުމެދާނެ ގޮތަކާ ދޭތެރޭ ވިސްނައެވެ. އެހެންމީހުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގެއެވެ. ބައިލިންގުއަލް މީހަކަށް ވުމުން ތިން ވަނަ ބަހެއް ދަސް ކުރަންވެސް އެމީހަކަށް ފަސޭހަވެއެވެ.

ދަރީންނަށް އެއް ބަހަށްވުރެ ގިނަ ބަސް އެނގެން ބޭނުން ކަމުގައި ވާނަމަ ވީހާވެސް ތުއްތު އިރު އެކަމަށް މަސައްކަތް ފަށާށެވެ. އޭނާގެ މާދަރީ ބަހުން ވާހަކަ ދައްކަން ފެށުމުގެ ކުރިން އެހެން ބަސް ބަހުގެ އަޑު ތަކަށް ހާނުވާށެވެ. އެހެންނަމަވެސް ހަދާނުގައި ބަހައްޓަންވީ ކަމެއް ފާހަގަ ކޮށްލާނަމެވެ. އަޑުތަކަށް ރަނގަޅަށް ނުހޭނެނީސް ދަރީން ބަހަށް މޮޅު ކުރާން ބަސް މަސްހުނިކޮށްގެން ދަރީންނާ ވާހަކަ ނުދައްކާށެވެ. އަޑު ތަކަށް ހޭނެމުން ދާއިރު ދަރީންނަށް އޮޅޭ ގޮތަށް އެކި ބަސް ބަހުގެ އަޑުތައް ބޭނުން ނުކުރާށެވެ. ކޯޑު ސުވިޗު ކުރުން ދަރީންގެ އަމިއްލަ އިޚްތިޔާރަށް ދޫކޮށްލާށެވެ. ދެ ބަސް ނުވަތަ އެއަށްވުރެ ގިނަ ބަސް އެނގުމަކީ ކުއްޖާގެ އެހެންނިހެން ގާބިލިއްޔަތުތަކަށް ވެސް ލިބޭ ކުރިއެރުމެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.