ގާސިމްގެ ރައްދު ޔާމީނަށް: ކޮލިޓީއެއް ނެތް، އިޚްލާސްތެރިކަމެއް ނެތް، އޮތީ ހުސް އަމިއްލަ އެދުން

ދާދިފަހުން ޕީޕީއެމް އާއި ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއަށް އަމާޒުކޮށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް ގާސިމް ރޭގައި ރައްދު ދެއްވައިފިއެވެ.

ޖޭޕީއަށް މެމްބަރުންތަކެއް ސޮއި ކުރުމަށް ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ ރައީސް ޔާމީނަށް އަމާޒު ކުރައްވައި ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން ރައީސް ޔާމީނަށް ނިސްބަތް ކުރައްވައި ގާސިމް ވިދާޅުވީ ޔާމީނަކީ އެއްވެސް ކޮލިޓީއެއް ހުރި ބޭފުޅެއް ނޫންކަން ބުއްދިއެއް ހުރި މީހަކަށް ވިއްޔާ އެނގޭނެ ކަމަށެވެ.

ރައީސް ޔާމީނަށް އިޝާރާތް ކުރައްވައި ގާސިމް ގޮވާލެއްވީ އަމިއްލައަށް ހަޑި ނުހާވާށާއި، އަދި "މޮޔަ ނުގޮވާށޭ" އެވެ. ގާސިމް ވިދާޅުވީ ރައީސް ޔާމީނަށް މިހާރު އެގޮވެނީ "ކޮސް" ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީން ކިބައިގައި "އަމިއްލަ އެދުން ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތް" ކަމަށެވެ.

"އިހުލާސްތެރި ކަމެއްވެސް ނެތްކަން. އިހުތިރާމެއްވެސް ނެތްކަން. ޝުކުރުވެރި ކަމެއްވެސް ނެތްކަން ކިތަންމެ ބޮޑު ޤުރުބާނީއެއް ވިޔަސް" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނަކީ ކޮންމެ ފަހަރަކުވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅެއް ކަމަށާއި، ނަމަވެސް 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު  ނަގާލެއްވީ ރައީސް ޔާމީން ކަމަށް ވިދާޅުވިއެވެ. އެގޮތުން ޤާނޫނަށް ބަދަލު ގެނެސްގެން، ގާސިމް ފްރޭމްކޮށް ޖަލަށް ލައްވަން ރައީސް ޔާމީން މަސައްކަތް ކުރެއްވިކަން ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ޖަލަށްލާން ހަމަ ކަނޑައެޅިގެން ރާވައިގެންކަން އެންމެން ވެސް ޖަލަށްލީ" ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ބަހުގެ ހަމަލާތަކެއް ޔާމީނަށް އަމާޒު ވެގެން މިދިޔައީ ޕީޕީއެމްއިން އެންމެ ފަހުން ބޭއްވި ޖަލްސާގައި ގާސިމަށް އަމާޒު ކުރައްވައި ރައީސް ޔާމީންވެސް ބަހުގެ ހަމަލާތަކެއް ދެއްވާފައި ވަނިކޮށެވެ. އެ ޖަލްސާގައި ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ގާސިމް ޖަލަށް ލައްވަން ހުކުމް ކުރުމާއި، އައިސީޔޫގައި ގާސިމް އޮންނެވި ވާހަކަ އާއި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުއްވުމުން އެނބުރި ވަޑައިނުގެންނެވި ވާހަކަފުޅު ދައްކަވާފައެވެ. އަދި އެކަންކަން ބެލޭނެ ދުވަހެއް އަންނާނެ ކަމުގައި ޔާމީން އެރޭ ވިދާޅުވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.