އެމެރިކާގެ މެރިލޭންޑް ސްޓޭޓުގެ ބްލޮޓިމޯގައި ޒުވާނެއްގެ ގަޔަށް ބަޑިޖަހައި މަރާލުމުގެ ކުށް ސާބިތުވެ އުމުރުދުވަހަށް ޖަލަށްލީ ތިން ޒުވާނުން ހޯމަދުވަހު ދޫކޮށްލައިފިއެވެ. އެ ތިން މީހުން ދޫކޮށްލީ ޖަލުގައި 36 އަހަރު ހޭދަކުރުމަށް ފަހުއެވެ.
އަލްފްރެޑް ޗެސްޓްނަޓް، ރެންސަމް ވޮޓްކިންސް އަދި އެންޑްރޫ ސްޓުވާޓްގެ މައްޗަށް ހުކުމްކޮށް 1983 ވަނަ އަހަރު ޖަލަށްލީ އުމުރުން 14 އަހަރުގެ ކިޔަވާކުއްޖެއް ކަމުގައިވާ ޑިވިޓް ޑަކެޓް މަރާލުމުގެ ކުށުގައެވެ. އޭރު ޗެސްޓްނަޓް އަދި ވޮޓްކިންސްގެ އުމުރުން 16 އަހަރެވެ. ސްޓުވާޓަށްވީ 17 އަހަރެވެ.
ހޯމަ ދުވަހު ބޮލްޓިމޯ ސާކިޓް ކޯޓުގެ ފަނޑިޔާރު ޗާލްސް ޖޭ. ޕީޓާސް ވަނީ އެ ތިން މީހުންގެ ވެސް ކުށެއް ނެތް ކަމަށް ނިންމަވައި ތިން މީހުން ދޫކޮށްލުމަށް ހުކުމްކުރައްވާފައެވެ.
"ޖިނާއީ އަދުލުގެ ނިޒާމުގެ ނަމުގައި، ތިޔަ ތިން މީހުންގެ ކިބައިން އަހަރެން މާފަށް އެދެން. އަހަރެންނަށް އެނގޭ މާބޮޑު މާނެއް ނެތް ކަމެއް ކަންވެސް." ހުކުމް ނިންމަވާލައްވަމުން ފަނޑިޔާރު ވިދާޅުވިއެވެ.
ނުބައި ހުކުމެއްގައި އުމުރުގެ ބޮޑު ބައި ޖަލުގައި ހޭދަކުރި ތިން މީހުންގެ ތެރެއިން ޗެސްޓްނަޓް އެމީހުންގެ މައްސަލަ ބަލައިދިނުމަށް އެދި ސިޓީލުމުން އެ ތިން މީހުންގެ ފަރާތުން މެރިލޭންޑް ސްޓޭޓުގެ ކޮންވިކްޝަން އިންޓެގްރިޓީ ޔުނިޓަށް މައްސަލަ ހުށަހެޅުއްވީ ބޮލްޓިމީ ސިޓީގެ ސްޓޭޓް އެޓާނީ މެރިލިން މޮސްބީއެވެ.
މައްސަލައިގެ ތަހުގީގު އަލުންކޮށް، މައްސަލަ އަލުން ބަލައި ނިމުނުއިރު މަރުވި ޒުވާނާ ގަޔަށް ބަޑި ޖަހާފައި ވަނީ އުމުރުން 18 އަހަރުގެ އެހެން ޒުވާނެކެވެ. އޭނާ ވަނީ ބަޑިޖެހުމުގެ ހާދިސާއެއްގައި 2002 ވަނަ އަހަރު މަރުވެފައެވެ.
"އަހަރެން ނުދެކެން މިއީ ކަމިޔާބީއެއް ކަމަށް. މިއީ ހިތާމަވެރިކަމެއް. މި ތިން މީހުންނަށް ލިބުނުގެ ގެއްލުމުގެ ބަދަލު ދެވޭނެ ގޮތެއް ނޫންނާނެ. އަހަރުމެން މިވަނީ އެމީހުންގެ އުމުރުގެ އަގުހުރި ދުވަސްތަކުން 36 އަހަރު ވަގަށް ނަގާފައި." ސްޓޭޓް އެޓާނީ މޮސްބީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަވަސް ޖަވާބު ހޯދަން އުޅުމުގެ ނަތީޖާ ހިތާމަވެރި ވާނެކަމުގެ ފިލާވަޅު މިމައްސަލައިން ލިބިގަންނަން ޖެހޭ ކަމުގައެވެ.
36 އަހަރަށް ފަހު ޖަލުން ސަލާމަތްވި 3 މީހުންވެސް ވަނީ ނުހައްގުން ޖަލުގައި ހޭދަކުރަން ޖެހުނު ދުވަސްތަކަށް ބަދަލު ހޯދަން ދައުވާކުރާނެ ކަމުގައެވެ.