ޖަރުމަނުގެ ދާރުލްއާސާރަކުން 1 ބިލިއަން ޔޫރޯގެ ގަހަނާ ވަގަށް ނަގައިފި

ގްރީން ވޯލްޓް މިއުޒިއަމް

ޖަރުމަނުގެ ޑްރެޒްޑެންގެ ދާރުލްއާސާރަކަށް ފަތިހުގެ ވަގުތުގައި ވަދެ ބިއްލޫރިތައް ތަޅާއިގެން "ތާރީޚީ އަދި ސަގާފީ ގޮތުން ބަލާއިރު އަގުނުކުރެވޭނޭ" ގަހަނާ ވަގަށް ގެންގޮސްފިއެވެ.

ޑްރެޒްޑެންގެ ޝާހީ ގަނޑުވަރުގައި ހުންނަ ގްރީން ވޯލްޓް މިއުޒިއަމަކީ ރަނާއި، ރިއްސާއި، އެތުދަތާއި، އަގުބޮޑު ޖަވާހިރުން ހަދާފައިވާ ގިނައަދަދެއްގެ ގަހަނާ ހުރި ތަނެކެވެ. އެތަނުން އަލިމަހާއި (ޑައިމަންޑާއި)، ޔާގޫތުން (ރޫބީން) ހަދާފައިވާ 18 ވަނަ ގަރުނުގެ 3 ސެޓް ޖަވާހިރު ވަގަށް ގެންގޮސްފައި ވާކަމަށް ވެއެވެ. އެއިން ކޮންމެ ސެޓެއްގައި 37 އެތިކޮޅު ހިމެނެއެވެ. ޖަރުމަނުގެ ބިލްޑް ނޫހުން ބުނެފައިވާގޮތުގައި ވަގަށް ނެގި ގަހަނާގެ އަގު 1 ބިލިއަން ޔޫރޯއަށް އަރައެވެ.

ސީސީޓީވީ ކެމެރާތަކުން ފެންނަ ގޮތުގައި ދަގަނޑު ފްރޭމް ޖަހާފައި ހުރި ކުޑަ ދޮރެއް ހަލާކުކޮށްލައިގެން އެ ތަނަށް ވަދެފައި ވަނީ ދެ ފިރިހެނެކެވެ. ފަތިހު 5 ޖެހިއިރު (ރާއްޖޭ ގަޑިން ހެނދުނު 9 ޖެހިއިރު) އެ ތަނުގެ އެލާމް ސިސްޓަމުން އެލާމް އަޅަން ފެށިތާ 5 މިނެޓްގެ ތެރޭގައި ފުލުހުން ތިބީ އެތަނުގައެވެ. އެހެންނަމަވެސް، އޭރު ވަގުން ވައްކަންކޮށްގެން ފިލައިފިއެވެ. ވަގުން ވަނީ ވައްކަންކުރަން ވަނުމުގެ ކުރިން އެ ސަރަހައްދުގައި ހުރި ކަރަންޓު ޑިސްޓްރިބިއުޝަން ފޮށީގައި އަލިފާން ރޯކޮށް އެ ސަރަހައްދުން ކަރަންޓު ކަނޑައިލާފއެވެ.

ސެކްސަނީގެ ވެރިޔާ އޮގަސްޓް ދަ ސްޓްރޯންގް 1723 ވަނަ އަހަރު ބިނާކުރި ގްރީން ވޯލްޓް މިއުޒިއަކަމަކީ ޔޫރަޕްގައި ހުރި އެންމެ ތާރީޚީ އެއް ދާރުލްއާސާރެވެ. ދާރުލް އާސާރު ހަދާފިއި ވަނީ ޑަރެޒްޑެންގެ ތާރީޚީ ޝާހީ ގަނޑުވަރުގެ ކޮޓަރިތަކުގައެވެ. މިއަދު ވަގުން ވަތް ބަޔަކީ އެތަނުގެ އެންމެ އާސާރީ ގަހަނާތައް ދައްކާލަން ބަހައްޓާފައި ހުރި ބައެވެ.

ސެކްސަނީގެ ދާރުލްއާސާރުތަކާ ބެހޭ ޑިރެކްޓަރު މާރިއޯން އެކާމަން ވިދާޅުވި ގޮތުގައި ދާރުލްއާސާރުން ވަގަށް ނެގި ގަހަނާތައް ބާޒާރުގައި ވިއްކުމަކީ ނުވާނޭ ކަމެކެއެވެ. އެއީ އެންމެންނަށް ވެސް އެ ގަހަނާތައް ފެނުމުން އެނގޭނެތީއެވެ.

ވަގުން އެ ސެޓްތައް ވަކިވަކި ކުރަން މަސައްކަތްކުރުމަކީ އެކަށީގެންވާ ކަމެއް ނޯންތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ވިދާޅުވީ 'އެކަން ވާނީ ވަރަށް ގެއްލުންދެނިވި ކަމަކަށެވެ."

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.