ޗައިނާގެ އެހީތެރިކަމާއެކު ސިވިލް ސާވިސްގެ ދާއިރާއަށް ކުރިއެރުން ލިބޭނެ: ޑރ. ޢަލީ ޝަމީމް

ޗައިނާ ފަދަ ސިވިލް ސަރވިސްގެ ޚިދުމަތް ކުރިއަރާފައިވާ ޤައުމެއްގެ ޕްރޮފެސަރުންގެ ޓީމަކުން އެ ޤައުމުގެ ހިންގުމުގެ ދާއިރާގެ ތަޖްރިބާތައް ރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުންނާ ޙިއްސާކުރުމަކީ އެގޭ ފައިދާ ރާއްޖެއަށް ލިބޭނެ ކަމެއް ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މިއަދު ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު މިހެން ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަނާއި ޗައިނީޒް ނެޝަނަލް އެކަޑަމީ އޮފް ގަވަރނަންސް އާ ގުޅިގެން މިއަދު ފެށި ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. "އެގްޒެކެޓިވް ޓްރެއިނިންގ ޕްރޮގްރާމް ފޯރ މޯލްޑިވްސް ސިވިލް ސަރވަންޓްސް 2019" ގެ ނަމުގައި ފެށި މި ޕްރޮގްރޫމުގައި ޖުމްލަ ތިން ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ.

ޑރ. ޝަމީމް ވިދާޅުވެފައިވަނީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށްބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމެއް ކަމަށެވެ. ޚާއަސަކޮށް ރާއްޖޭގެ ސިވިލް ސަރވިސް ތަރައްޤީއަށް ދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްގެ ޓީމުގެ ފަރާތުން ޒޫ ޒިޔާންއާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް ވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ސަފީރު ވާހަކަފުޅުގައި ސިވިލް ސަރވިސް ކޮމިޝަނާއި ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސް އާއިއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތުހަމަވެފައިވާތީ އަލުން އެއްބަސްވުމެއްގައި އަންނަ އަހަރު ސޮއިކުރެވޭނެ ކަމުގައި ވިދާޅުވިއެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ދުވަހުގެ ސެޝަންތައް ކުރިއަށް ގެންދާނީ ސުޕަވައިޒަރީ ލެވެލްގެ މުވައްޒަފުންނަށެވެ. އަދި ދެވަނަ ދުވަހުގެ ސެޝަންތައް ޚާއްސަ ވެގެންދާނީ ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިންނަށް ކަމަށް ސިވިލްސާވިސްކޮމިޝަނުން ވިދާޅުވެފައިވެއެވެ. އަދި 3 ވަނަ ދުވަހުގެ ސެޝަންތަކުގައި ބައިވެރިވެވަޑައިގަންނަވާނީ ޑިރެކްޓަރ ޖެނެރަލް ލެވެލްގެ މުވައްޒަފުން ކަމަށްވެސް ވިދާޅުވެފައިވެއެވެ. މި ތަމްރީން ޕްރޮގްރާމު ކުރިއަށް ގެންދަވަނީ މިއީ ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްގެ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ.

މި ސެޝަނުގައި ސިވިލް ސަރވިސްގެ އެކި އިދާރާތަކުން 80 މުވައްޒަފުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.