ދީބާޖާއަށް 174 މިލިއަން ރުފިޔާ ދިނުމަށް ނިންމަވައިފި

ދީބާޖާއަށް 174 މިލިއަން ރުފިޔާ ދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު އާފަތިހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް އެގޮތަށް ނިންމެވީ ސެޓްލްމެންޓް ކޮމީޓީން މައްސަލަ ބެލުމަށްފަހު ފައިސާދޭން ރައީސަށް ލަފާ ދެއްވުމުން ކަމަށެވެ.

އެހެންނަމަވެސް އެފައިދާ އަދި ދޫކޮށްފައި ނުވާކަމަށާއި ފައިސާދޭނެ އުސޫލެއް ވެސް ކަނޑައަޅާފައި ނުވާކަމަށެވެ. ފައިސާދޭނީ އެއްކޮށްތޯ އިންސްޓޯލްމެންޓު އުސޫލުންތޯ ވެސް އަދި ނިމިފައި ނުވާކަމަށް ހޫދު ވިދާޅުވިއެވެ.

މިއީ 2011 ވަނަ އަހަރު އުތުރުގެ އަތޮޅުތަކަށް ފެރީގެ ޚިދުމަތް ދިނުމަށް  އެކުންފުންޏާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރުމުން ދޭންޖެހޭ ފައިސާއެވެ. އެފައިސާ ދޭންޖެހުނީ އެ މައްސަލަ ދީބާޖާއިން ކޯޓަށް ހުށަހަޅުމުން އެކުންފުޏަށް  348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސްޕްރީމް ކޯޓުން ޙުކުމް ކުރުމުންނެވެ.

ދީބާޖާއަށް 174 މިލިއަން ރުފިޔާ ދޭން ރައީސަށް ލަފާ ދެއްވީ ކޯޓުން ބޭރުގައި މައްސަލަ ޙައްލު ކުރުމަށް ކުންފުންޏާއެކު ސެޓްލްމަންޓް ކޮމެޓީން މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.