ރާއްޖެ އިސްލާމް ވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދާންް ރާވާފައިވާ ޕްރޮގްރާމުގެ ތެރޭގައި ހިމެނޭ "މެދު ޒިޔާރަތް އާއްމުންނަށް ދައްކައިލުން" ނުބާއްވަވާ ގޮތަށް ހަމަ ޖެއްސެވީ ރަނގަޅަށް ތައްޔާރު ނުވެވޭތީ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒްގެ ނާއިބު މުޙައްމަދު މުޞްޠަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.
އާފަަތިހާ ވާހަކަފުޅު ދައްކަވަމުން މުޞްޠަފާ ވިދާޅުވި ގޮތުގައި ތައްޔާރީތައް ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކުރަން ޖެހުމުގެ ސަބަބުން މެދު ޒިޔާރަތް ދައްކައިލުމުގެ ކަންތައް އެދެވޭ ގޮތަކަށް ކުރިއަށް ގެންދެވޭ ވަރެއް ނުކުރެއްވުނެވެ.
"ރައްޔިތުންނަށް ދައްކާއިރު އެކަށީގެންވާ ފެންވަރަކަށް ތައްޔާރު ވާން ވާނެ. އަޅުގަނޑުމެން ތައްޔާރު ކުރި ލުއި ފޮތްވެސް ޗާޕެއް ނުކުރެވޭ. އަނެއްކާ އެތަން ވަރަށް ބޮޑަށް މަރާމާތުވެސް ކުރަން ޖެހިފައި ހުރީ." މުޞްޠަފާ ވިދާޅު ވިއެވެ.
މުޞްޠަފާ ވިދާޅުވި ގޮތުގައި މިހާރުވެސް އެ ތަނަށް ކަށިވެލި ލުމާއި، އެހެނިހެން މަސައްކަތް ކުރިއަށް އެބަ ދެއެވެ.
މެދު ޒިޔާރަތް ދެއްކުމަކީ ބިދުޢައެއްގެ ފެށުން ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވޭ ނޫންތޯ ދެންނެވީމާާ މުސްޠަފާ ވިދާޅުވިއެވެ. "ހުރިހައި ކަމެއްގައިވެސް ޚިޔާލު ތަފާތު ވުމާއި، ޚިލާާފުތައް ހުރޭ ނޫންތޯ؟ އެހެންވީމާ މި ކަމުގައި އެފަދަ ޚިޔާލު ތަފާތު ވުމެއް އޮތުމަކީ މާ ބޮޑު މައްސަލައަކަށް ވަނީ ކީއްވެގެންތޯ؟"
މި މައްސަލައިގައި ބައެއް ޢިލްމުވެރިން ޚިޔާލު ތަފާތުކޮށް ވާހަަކަފުޅު ދެއްކެވި ނަމަވެސް އެހެން ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ ދީން މަނާ ކުރާ ކަމެއް ނޫނެވެ. އާފަތިހާ ވާހަކަފުޅު ދެއްކެވި ޢިލްމުވެރިޔަކު ވިދާޅުވިއެވެ. "އެއީ ގަބުރުސްތާނަށް ޒިޔާރަތް ކުރުމެއް ނޫންތޯ؟ ކޮބައިތޯ އެކަމުގައި އޮތް މައްސަލައަކީ؟ ޢުމްރާ ފަދަ ދަތުރުތަކުގައި އުޙުދުގެ ޝަހީދުން ފަސްދާނު ލެވިފައިވާ ތަނަށްވެސް ޒިޔާރަތް ކުރުވައެއް ނޫންތޯ؟"
އެ ބޭފުޅާ ވިދާޅުވި ގޮތުގައި ތަނަކަށް ޒިޔާރަތްކޮށް އެތަނެއް ބަލައި ހެދުމަކީ އެއްގޮތަކަށްވެސް ބިދުޢައެއް ނޫނެވެ.
މެދު ޒިޔާރަތް މި ފަހުގެ ތާރީޚެއްގައި އެންމެ ފަހުން ޢާއްމުންނަށް ހުޅުވައިލީ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރުއެވެ. އޭރު އިސްލާމިކް މިނިސްޓަރަކަށް ހުންނެވީ ރާއްޖޭގެ އެންމެ އެންމެ ޢިލްމުވެރި އެއް ދަންނަބޭކަލަކު ކަމުގައިވާ ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީއެވެ.