އަވަސް ފިޔަވަޅު ނާޅައިފިނަމަ މިރާއްޖެ އަނބުރާ ނުލިބޭނެ: މީކާއިލް

މި ރާއްޖޭގައި ނޭދެވޭ އެތައްކަމެއް ހިނގަމުންދާއިރު އެކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭ ކަމަށްވާނަމަ ރާއްޖެ އަނބުރާ ނުލިބިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިރާއްޖޭގައި ބައެއް ކަންކަން ކުރަމުންދާ ފަރާތްތައް ވެސް އެނގިފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީއާއި، ނޫސްވެރިޔާ، ރިޟްވާން މަރާލި ޖަމާޢާތްތައް ވެސް ސާފު ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ ދީނީ ޚިޔާލު ތަފާތުވުމުން ނުވަތަ ބައްޔަތު ނުހިފުމުން ވަޅިޖަހައި، އިސްލާމް ދީނުގެ ނަމުގައި ކުދިން ރޭޕްކުރުން ވެސް ރާއްޖޭގައި އެބަހިނގާ ކަމަށެވެ. އަދި އައިއެސްގެ ދިދަ ޖަހައިގެން ރަށްރަށަށް އަރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކެފޭތަކުގެ ބިއްލޫރި ތަޅަމުންދާއިރު އެކަންކަމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަފްރާޝީމް/ރިލްވާން މެރި ޖަމާތްތައް ސާފުވާއިރު، ބައްޔަތު ނުހިފައިގެން، ވަޅި ޖަހާއިރު، އިސްލާމް ދީނުގެ ނަމުގާ ކުދިން ރޭޕްކުރާއިރު، އައިއެސް ދިދަ ޖަހައިގެން ރަށެއް ފަތަހަ ކުރާއިރު، ކެފޭތަކުގެ ބިއްލޫރިތަޅާ އިންޒާރުދޭއިރު، ފިޔަވަޅު އެޅުން އަވަސްނުކޮށްފިނަމަ، މިރާއްޖެ އަނބުރާ ނުލިބޭނެ،" އޭނާ ކުރެއްވި ޓުވީޓުގައި ވެއެވެ.

އަފްރާޝީމާއި، ރިޟްވާން މަރާލި "ޖަމާއަތްތައް ސާފުވާއިރު" މިހެން ވިދާޅުވެފައި އޮތަސް އެއީ ކޮން ޖަމާއަތްތަކެއް ކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ. ދީނުގެ ނަމުގައި ކުދިން ރޭޕް ކުރަމުންދާ ކަމަށް ވިދާޅުވީ ޢުމުރުން 13 އަހަރުގެ ކުއްޖަކާ ކޯޓުން ބޭރުން ކައިވެނިކޮށްގެން އުޅޭ މައްސަލައަށް ކަމަށް ބެލެވެއެވެ. އެ އަންހެން ކުއްޖާއާ "އިނދެގެން" އުޅެނީ ބުރާސްފަތި ދުވަހުގެރޭ ވަޅިޖަހައި ކަނޑައަށް އެއްލާލި މީހާ ކަމަށް ވެއެވެ. އޭނާ ގަޔަށް ވަޅިޖެހީ މީކާއީލް ވިދާޅުވެފައިވާ ފަދައިން ދީނީކަމަކަށް "ބައްޔަތު ނުހިފައިގެން" ކަމަށް ވެއެވެ.

އައިސްސިސްގެދިދަ ޖަހައިގެން ރަށަކަށް އަރައި ފަތަހަކުރަމުންދާ ކަމަށް ވިދާޅުވެފައވަނީ ށ. މާއުނގޫދުއަށް ދިއަ ބަޔަކުދަތުރުކުރި ލަނޑާ ދޯންޏެއްގައި އައިސިސްގެ ދިދަ ނަގައިގެން އެރަށަށް ދިއުމުންނެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން މީކާއިލް ވިދާޅުވީ މިފަދަކަންކަން ހުއްޓުވައި ފިޔަވަޅު އެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީސް ވާނީ ޗުއްޓީއަށް ނުގޮސް ޓެރަރިޒަމާބެހޭ ބިލް ފާސް ކޮށްދެއްވާފައި ކަމަށެވެ. ދެއޮތީ ތަންފީޒީ އިދާރާތަކުގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅަންވީ ފުލުހުންނާއި ޕްރޮސެކިއުޓާރޖެނެރަލް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "މަޖލީހުންވާނީ ޗުއްޓީއަށް ނުގޮސް ދައުރުން ބޭރުގައި ކައުންޓަރ ޓެރަރިޒަމްގެ ބިލް ފާސްކޮށްދީފައި. އެއީ މައްސަލައިގެ ޙައްސާސްކަމުން، ވަގުތުން ވަގުތަށް ފާސްކުރަންޖެހޭ ބިލެއް ކަމަށްދެކޭތީ. ދެންއޮތީ ތަންފީޒީ އިދާރާ ތަކުގެ ދައުރު،" މީކާއިލް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ރަގަޅު ކުރަންޖެހެނީ ހިންގުމުގެ ނިޒާމު. ހުރިހާ ނުރަނގަޅު ކަންކަން ހިގަމުންދަނީ މަގާމުގެ ނުފޫޒު ބޭނުންކުރުމާއި، ސަރުކާރުގެ ކަރަޕްޝަނާއި ހަސަދަޔާއި ފިތުނައާއި ސިޔާސީ ބޭނުމަށް ދޮގު މައުލޫމާތު ފެތުރުމުންނާއި ރައްޔިތުން އިތުބާރުކުރާ ސަރުކާރުގެ އިދާރާތައް ނެތުމުގެސަބަބުން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.