ޑރ. އަފްރާޝީމް އަވަހާރަކޮށްލި ޙާދިސާއާއި ހަރުކަށި ފިކުރާ ޖަމީޢަތުއްސަލަފާ ގުޅުން، އޮތްކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައި ވީނަމަވެސް އެ ރިޕޯޓު އެކުލަވާލެއްވުމުގައި ސަލަފްގެ ބަހެއް ހޯދައިފައި ނުވާކަން އިއްޔެ އެޖަމްޢިއްޔާއިން ބޭއްވި ނޫސްވެރިންގެ ބަދަލުވުމުން ސާފުވެއްޖެއެވެ.
އެޖަމްޢިއްޔާގެ ދީނީ ޢިލްމުވެރިއެއްކަމަށް ޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ ޖަމީޢަތުއް ސަލަފާ ބައްދަލުކުރަން ވެސް މަރުތައް ތަޙްޤީޤްކުރާ ރިޔާސީ ކޮމިޝަނުން އެދިވަޑައިގެންފައި ނުވާކަމަށެވެ. އަދި އެޖަމްޢިއްޔާގެ އެއްވެސް ބޭފުޅަކާ ވެސް ސުވާލު ކުރައްވައިފައި ނުވާކަމަށެވެ. ޖަމީޢަތުއްސަލަފްގެ ޞައިޚެއްގެ ގޮތުގައި ޝައިޚް މުޙައްމަދު ލަތީފާ ސުވާލުކުރަށްވައިފައިވާކަމަށް ރިޕޯރޓްގައި ބުނެފައި ވީނަމަވެސް ޝައިޚް ލަތީފަކީ އެއްވެސް އިރެއްގައި އެޖަމްޢިއްޔާގެ ބޭފުޅެއް ނޫންކަމަށް ސަލަފުން ބުނެއެވެ.
"އެބޭފުޅާ (ޝައިޚް ލަތީފް) އާ ސުވާލުކޮށްފައި އެއީ އަޅުގަނޑުމެންގެ ބޭފޫޅެކޭ ވިދާޅުވުމަކީ، ވަރަށްބޮޑު ގޯހެއް. އަޅުގަނޑުމެންނާ ބައްދަލުކުރާކަށް މަރުކޮމިޝަނުން އެދިފައެއްވެސް ނުވޭ. އަޅުގަނޑުމެންގެ ޖަމްޢިއްޔާގެ އެއްވެސް ބޭފުޅަކާ އެއްވެސް ސުވާލެއްވެސް ކޮށްފައެއް ނުވޭ" ސަލަފްގެ ދީނީ ޢިލްމުވެރިއެއްކަމަށްވާ ޝައިޚް ސަމީރު ވިދާޅުވިއެވެ.
ޝައިޚް ސަމީރު ވިދާޅުވީ ޑރ އަފްރާޝީމް އަވަހާރަކޮށްލުމުގެ ހާދިސާއަކީ އެކި ދުވަސްވަރު އެކިގޮތަށް އެކި ބޭފުޅުން ވާހަކަ ދައްކަމުން ދިޔަ މައްސަލައެއް ކަމަށެވެ. ކުރެވިފައިވާ ތަޙްޤީޤުތަކުން ވެސް ޖަމީޢަތުއްސަލަފްގެ ބައިވެރި ވުމެއް އޮތްކަމަކަށް ވެސް އަދި ދީނި ޢިލްމުވެރިންގެ މައްޗަށް ތުޙުމަތު ތަކެއްކޮށްފަ ވެސް ނުވާއިރު އެޖަމްޢިއްޔާގެ ނަން ހިމަނައިގެން އެހެން މަޤްޞަދުތަކެއް ޙާޞިލްކުރުމަށް މަސައްކަތް ކުރަމުންދާތަން ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ އަފްރާޝީމް އަވަހާރަކޮށްލުމުގައި ސަލަފުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް އެ ޖަމިއްޔާގެ ރައީސް ޝައިހް އަބްދުﷲ ބިން މުހައްމަދު ވެސް ވަނީ ވިދާޅުވެފައެވެ. ބުހުތާނު ދޮގު ހަދައިގެން ޖަމިއްޔަތުއްސަލަފު ފްރޭމްކުރުމަށް ކުރަމުންދާ އަނިޔާވެރި އަމަލުތައް އެޖަމްޢިއްޔާއިން ވަނީ ކުށްވެރިކުރައްވައިފައެވެ.
ސަލަފްގެ ނާއިބް ރައީސް ޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވީ އެ ޖަމިއްޔާއަކީ ޤާނޫނީ އިމުގެ ތެރެއިން ހިންގަމުންދާ ޖަމިއްޔާއެއް ކަމަށެވެ. އެއްވެސް ކަމެއް ވަންހަނާކޮށްގެން އެޖަމްޢިއްޔާއިން ކުރަމުން ނުގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ބާރުގަދަ ނުފޫޒު ގަދަ ފަރާތްތަކެއްގެ ބޭނުމަށް ނުވަތަ، ގޮތްތަކެއް ރާވާ ހިންގައިގެން ފްރޭމް ކޮށްގެން ވިއަސް ޖަމީޢަތުއް ސަލަފް އުވާލެވިދާނެ ކަމަށެވެ. އެ ޖަމްޢިއްޔާ އުވާލިކަމުގައި ވިއަސް، ދިވެހި ފަސްގަނޑުގައި އިސްލާމްދީން ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ޝައިޚުންނާއެކުގައި އެވަގުތެއްގައި އޮތް ޕްލެޓް ފޯމެއްގައި ކުރިއަށް ގެންދެވުމަށް އޭނާ ވަނީ ދިވެހި ރައްޔިތުނަނަށް އިލްތިމާސް ކުރައްވައިފައެވެ.
ޑރ އަފްރާޝީމްގެ އަވަހާރަކޮށްލުމުގެ މައްސަލައިގެ ރިޕޯރޓްގައި ފާހަގަ ކޮށްފައިވާ ހައްދު ފަހަނައަޅައިފައިވާ ފިކުރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާމެދު ލަސްނުކޮށް ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުއެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ވަނީ ނިންމާފަ އެވެ. އެ ރިޕޯރޓްގައި ފާހަގަ ކޮށްފައިވާ ހައްދު ފަހަނައަޅައިފައިވާ ފިކުރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ލިސްޓްގައި ހަތަރު ޖަމާޢަތެއް ފާހަގަ ކޮށްފައިވާއިރު އެންމެ ކުރީގައި ވަނީ ޖަމީޢަތުއްސަލަފެވެ. ޖަމީޢަތުއްސަލަފުން 2012 ން 2018 އަށް ހިންގާފައިވާ ފައިސާގެ އެންމެހާ މުޢާމަލާތްތަކާބެހޭ ތަފްސީލާއި އަދި އަހަރީ ހިސާބު އެނގޭނެ ރިޕޯރޓެއް ސަރުކާރުގެ ކަމާބެހޭ އިދާރާއިން 241 ކޮމެޓީއަށް ހޯދުމަށްވެސް ވަނީ ނިންމައިފައެވެ.
ޖަމީޢަތުއް ސަލަފަކީ ރާއްޖޭގެ ގިނަ ދީނީ ޢިލްމްވެރިންތަކެއް ހިމެނިވަޑައިގަންނަވާ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރަމުން އަންނަ ޖަމްޢިއްޔާއެވެ.