ޢަލީ މޫސާ ދީދީއާ އެންމެ ފަހުން ބައްދަލުވީ ދުވަސް

ޢަލީ މޫސާ ދީދީގެ ވަކިވުމަކީ ހިތާމައެކެވެ. އެއީ ވަރަށް ގާތް އެކުވެރިއެކެވެ. ހިތްހެޔޮ ލަފާވެރިއެކެވެ. އޭނާގެ ހަނދާންތައް ޒަމާާނަށް ދެމި ހުންނާނޭ ފޫހިފިލުވިއެކެވެ.

އަޅުގަނޑަށް ޢަލީ މޫސާ ދީދީއާ ބައްދަލުވީ ސްޕޯޓްސް ޑިވިޝަނުގައި އަޅުގަނޑު މަސައްކަތް ކުރި ދުވަސްވަރު އެ ތަނުންނެވެ. އެ ދުވަސްވަރު އެ ތަނުގައި ކުރާ ހުރިހައި މަސައްކަތެއްހެން ކުރައްވަނީ އޭނާއެވެ. ބޮތްކެއް އެނދިޔަސް، ގޮނޑިއެއްގެ ފައި ބިނދުނަސް، ނައިލޯނު ކެނޑުނަސް، ވަޑައިގަންނަވާނީ އަލްދީއެވެ. އާދެ، ޢަލީ މޫސާ ދީދީ އެވެ.

އޭނާއަކީ މަސައްކަތެއްގައި ފޫހިފުޅުވާ ބޭފުޅެއް ނޫނެވެ. ކިތަންމެ ގިނަ ވަގުތަކު ކަމެއްގައި އުޅުއްވާން ޖެހިވަޑައިގަތަސް، ކުޑަވެސް ފޫހިކަމެއް ނުދައްކަވައެވެ. ކޮންމެ ވަގުތަކު ގުޅައިލިޔަސް ހަމަ ވަގުތުން ވަޑައިގަންނަވައެވެ.

1980 ފެ ފަހު އަހަރުތަކުގެ ތެރޭގައި މާލެއަށް ބޮޑު ރާޅު އެރި ދުވަސްވަރު އޭނާ އުޅުއްވީ ވަރަށް އަވަދި ނެތި ސްޕޯޓްސް ޑިވިޝަނުގެ މަސައްކަތެއްގެ ތެރޭގައެވެ. ރާޅު އަރައި، އޭނާގެ ގެއަށްވެސް ލޮނުގަނޑު ވަނެވެ. ގެއިން ގުޅާފައި އެ ވާހަކަ ދެންނެވީމާ ހަދަންވާ ގޮތް ވިދާޅުވެ ދެއްވިއެވެ. އެކަމަކު ގެއަކަށް ވަޑައެއް ނުގަނެއެވެ. އަޅުގަނޑު އެކަމާ ސުވާލު ކުރީމާ ވިދާޅުވިއެވެ. "އަހަރެން މިހިރީ މަސައްކަތަކާ ހަވާލު ވެގެން ވަކި ވަގުތަކަށް ނިންމަން އެއްބަސް ވެގެންނެވެ. އެހެންވީމާ މި ކަންތައްތައް ހުއްޓާލާފައި ނުއެއް ދެވޭނެއެވެ. ގޭގައި ތިބި ކުދިންނަށް ﷲ ކޮންމެވެސް މަގެއް ދައްކަވާނެއެވެ."

އެ ދުވަސްވަރު ލޮނުޒިޔާރަތް މަގުންނާއި، އޭރުގެ މެރިން ޑްރައިވުން (މިހާރުގެ ބޮޑުތަކުރުފާނު މަގުން) ހާލުގައި ޖެހުނު ގޭގެއަށް އެހީވާން ދިޔަ މީހުންގެ ތެރޭގައިވެސް އޭނާ އުޅުއްވިއެވެ.

ސްޕޯޓްސް ޑިވިޝަނުގެ މި ކަހަލަ އެތައް ހަނދާނެއް އެބަހުއްޓެވެ. ނުފިލާ ކަހަަލަަ އެތައް ހަނދާނެކެވެ.

އޭގެ ފަހުން ޢަލީ މޫސާ ދީދީ އަޅުގަނޑާ ގުޅުން ކަނޑުއްވައެއް ނުލައްވައެވެ. އަބަދުވެސް ޚަބަރު ބައްލަވައެވެ. ދޭތެރެދޭތެރެއިން ގުޅުއްވައެވެ. ގެއަށް ގެންދަވައިގެން ސައި ދެއްވައި، އެކި ކަހަލަ ވާހަކަތައް ވިދާޅުވެ ހައްދަވައެވެ. ލިޔުއްވައިފައި ހުންނަ އެއްޗެހި ވިދާޅުވެ ދެއްވައެވެ. ފޮތްތައް ދައްކަވައެވެ.

އެންމެ ފަހުން އަޅުގަނޑާ އޭނާޔާ ބައްދަލުވީ ފަހުން އުޅުއްވާ ގެއިންނެވެ. ހެންވޭރު އާމުލިންނެވެ. ރޭގަނޑުގެ ވަގުތެއްގައެވެ. އެއީ ކޮޅުނބަށް ވަޑައިގަތުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. އެ ރޭ އެ ގެއަށް ދިޔައީ އަޅުގަނޑާއި ޙަސަން ޝާކިރު މުޙައްމަދާ ދެ މީހުންނެވެ.

އާދައިގެ މަތީން އަޅުގަނޑުމެން ގޮވައިގެން ވަޑައިގެންނެވީ އޭނާގެ ކުޑަ އޮފީސް ކޮޓަރިއަށެވެ. އެއީ އޭނާ ލިޔުއްވާން އިންނަވާ އޮފީހެވެ. އެތާނގައި ފޮތާއި، ކޮންޕިއުޓަރާއި، ޕުރިންޓަރު ހުއްޓެވެ. އެތާނގައި އިންނަވައިގެން ލިޔުއްވައިފައި އަދި ޗާޕު ނުކޮށް ހުރި ބައެއް ފތް އަޅުގަނޑުމެންނަށް ދެއްކެވިއެވެ. އަދި ތަންތަންކޮޅު ވިދާޅުވެ ދެއްވިއެވެ. ލިޔުއްވައިފައި ނެތް ބައެއް ވާހަކަވެސް ވިދާޅުވަމުން ގެންދެވިއެވެ. އެ ރެޔަކީވެސް އެތައް މަޢުލޫމާތެއް އަލަށް ލިބުނު ރެއެކެވެ.

އެ ރޭ އޭނާ ލިޔުއްވައިފައި ހުރި ބައެއް ފޮތް ސޮއި ކުރައްވައިފައި އަޅުގަނޑުމެން ދެ މީހުންނަށް ދެއްވިއެވެ. އެކަން ނިންމަވައިފައި ވިދާޅުވިއެވެ. "ސައި ބޯން ވާނެއެވެ. އަހަރެން ވަރަށް މީރުކޮށް ބޮންބޭ ޓީ ހަދަމެވެ. ކޮންމެހެންވެސް ރަހަ ބައިލާން ވާނެއެވެ."

ސައި ބޯން ކާ ކޮޓަރިއަށް ދާން ނުކުންނަން ހިނގައިގަތްތަނާ އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ ދޮރުގެ މަތީގައި ފާރުގައި އެލުވައިފައި ހުރި ހުދު ބޯޑެކެވެ. އެ ބޯޑަކީ ސިޔާސީ ވާހަކަތަކުގެ ތެރެއިން އަޅުގަނޑުމެން އަޑު އަހާ "ކުޑަ ކާފާއި ބޮޑު ކާފު"ގެ ބޯޑެކެވެ. އޭގައި ލިޔެފައި އޮތީ ފެންނަ ކަމަށް ވަނީ ނަމަ ބޮޑު ކާފު ޖަހާށޭ، ނުފެންނަ ކަމުގައި ވަނީ ނަމަ ކުޑަ ކާފު ޖަހާށޭއެވެ. ދެ ކާފު ކުރަހާފައިވެސް ހުއްޓެވެ. އެއީ ބޮޑު ރަނގަޅު ފާހަގައަކާއި، ކުޑަ ރަނގަޅު ފާހަގައެކެވެ. ބޯޑާ ބެހޭ ގޮތުން ސުވާލު ކޮށްލީމާ ވިދާޅުވިއެވެ. "ތިޔައީ ހަމަ އަސްލު ބޯޑެކެވެ. ރާއްޖޭގެ ރަށެއްގެ ވޯޓުލާ މަރުކަޒުގައި ބަހައްޓައިފައި ހުއްޓާ ފެނިގެން އަގު ދީފައި ގަނެގެން ގެނައި ބޯޑެކެވެ."

ސަޔަށް ހުރީ ބޮންބޭ ޓީއާއި، ކުޅި ކާާޖާއާއި، ދެތިން ވައްތަރުގެ ބިސްކޯދެވެ. ސައި މޭޒު ދޮށުގައިވެސް އެކި ކަހަލަ ވާހަކަތައް ވިދާޅުވެ ދެއްވިއެވެ. މައިގަނޑު ވާހަކައަކަށް އޮތީ ކެޔޮޅުކަމުގެ ވާހަކައާއި، ކެއްކުމުގެ ވާހަކައެވެ. ކޮންމެ ހޮނިހިރު ދުވަހަކު އޭނާގެ ހުރިހައި ބޭފުޅުންނަށް ޖާފަތެއް ބާއްވަވާ ވާހަކައެވެ.

ސައިގެ ބުރު ނިމިގެން އަނެއްކާވެސް އަޅުގަނޑުމެން ގޮވައިގެން ވަޑައިގަތީ އޮފީސް ކޮޓަރިއަށެވެ. އެ ކޮޓަރިއަށް ވެންނެވުމުގެ ކުރިން، އޮފީހުގެ ދޮރާ ދިމާވާ ގޮތަށް ބޭރުގައި ހުރި ފޮތް ހަރުގަނޑަކުން ވަރަށް ބޯ ފޮތެއް ނަންގަވައި އަޅުގަނޑުމެންނަށް ދެއްކެވިއެވެ. އެއީ ސީނު ކަރައިގެ ބޭސް ފޮތެކެވެ. އެ ފޮތުގެ ދެ ވޮލިއުމެއް އޮތެވެ. އޭފޯ ސައިޒަށްވުރެ ބޮޑު ފޮތުގެ ބޯ މިނުގައި ތިން އިންޗި ވަރު ހުންނާނެއެވެ. އަޅުގަނޑު ގާތު ވިދާޅުވިއެވެ. "މި ދެ ފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރަން ބޭނުމެވެ. ކޮށް ދީފިއްޔާ ބުނު އަގެއް ދޭނަމެވެ. މިއީ ސީދާ ޗައިނާއިން ވަރަށް އަގު ބޮޑުކޮށް ގަނެގެން ގެނައި ދެ ފޮތެވެ." އަޅުގަނޑަކީ ބޭސްވެރިކަމުގެ ބަހުރުވަ ދަންނަ މީހަކީމެއް ނޫނީމޭ، އެހެންވީމާ ތިޔަ ވަރުގެ ކަމެއް ކުރެވޭނޭ ހެންނެއް ހިޔެއް ނުވެއޭ ދެންނެވީމެވެ. އެހެން ދެންނެވިޔަސް އެ ވާހަކަ ދުލެއް ނުކުރައްވައެވެ. އެންމެ ފަހުން ވިދާޅުވީ ފަހުން އެ ވާހަކަ އަދި ދައްކާނީ ކަމުގައެވެ.

މި ފަހަރުވެސް އޮފީހުގައި ކުޑަ އިރުކޮޅަކު އަޅުގަނޑުމެންނާ ވާހަކަފުޅު ދެއްކެވިއެވެ.

އަޅުގަނޑުމެން ދެ މީހުން ގެއިން ނުކުންނަން ހިނގައިގަތީމާ ފަހަތުން ވަޑައިގެން ގެއަށް ވަންނާން އޮންނަ ހަނި ގޯޅީގައި އިންދަވާފައި ހުރި އެކި ކަހަލަ ގަސްގަސް ދައްކަވައި މަޢުލޫމާތު ދެއްވިއެވެ. އެ ގޯޅީގެ ދިގު މިނުގައި ގާތްގަނޑަކަށް ވިއްސަކަށް ފޫޓު ހުންނާނެއެވެ. ފުޅާ މިނުގައި ހުންނާނީ ގާތްގަނޑަކަށް ތިން ފޫޓެވެ. ގޯޅީގެ އެއް ކޮޅުން އަނެއް ކޮޅަށް އެއް ފަރާތުގައި ހުރީ އެކި ކަހަލަަ ގަސް އިންދާފައެވެ. އެތާނގައި ނެތް ވައްތަރެއްގެ ގަހެއް ނެތޭވެސް ދެންނެވިދާނެއެވެ. ދިވެހި ރުކާއި، ފަތްކޭލަށް ދާންދެން ހުއްޓެވެ. ފޯނުގެ ބައްތީން އަލި ކުރައްވައިގެން އެކި ގަސްގަސް ހޯއްދެވި ގޮތާއި ބަލަހައްޓަވާ ގޮތް ވިދާޅުވަމުން ގެންދެވިއެވެ. ބައެއް ގަސްގަހުގައި އަޅާފައި ހުރި މަލާއި، ގަހުގެ ފަތުގެ ވަސް ދައްކަވަމުން ގެންދެވިއެވެ. އޭނާގެ ބަގީޗާ ފޮޓޯ ނަގަން ދުވާލުގެ ވަގުތެއްގައި އަންނާނަމޭ އަޅުގަނޑު ދެންނެވީމެވެ. އެކަމަކު އޭނާ އަޅުގަނޑުމެންނާ ވަކިވެވަޑައިގެން ދާއިމީ ގޮވައްޗަށް އެ ވަޑައިގަތީ އަޅުގަނޑަށް ފޮޓޯ ނަގަން ނުދެވެނީހެވެ. ވަރަށް ދެރައެވެ.

މި ދެންނެވީ އަޅުގަނޑާ އެ ގޮތަށް ބައްދަލު ކުރެއްވި އެތައް ބައްދަލުވުމެއްގެ ތެރެއިން އެންމެ ބައްދަލުވުމެއްގެ ވާހަކައެވެ. ނަވާގަން ގައި ހުންނަ އޭނާގެ އޮފީސް ކޮޓަރީގައި އެއް ރެޔަކު އެގާރަ ޖެހީއްސުރެ މެންދަމުން އަލިވެ ތިންގަޑި ބައި ވާންދެން ތިބީމެވެ. ހަމަ އެކި ކަހަލަ ވާހަކަތައް އަޅުގަނޑަށް ވިދާޅުވެ ދެއްވުމުގައެވެ. އޭގެ ތެރެއިން ބައެއް ވާހަކައަކީ ސިޔާސީ ވާހަކައެވެ. ބައެއް ވާހަކައަކީ އަޅުގަނޑަށް ދެއްވާ ނަސޭހަތުގެ ވާހަކައެވެ. އެ ދުވަސްވަރަކީ އޭނާގެ ދޮށީ ދަރިކަލުން މޫސާ ޢަލީ ޖަލީލު ޑިފެންސް މިނިސްޓަރު ކަމުން ވަކި ކުރެއްވި ދުވަސްވަރެވެ. އެ ވާހަކަ ދެއްކީމާ ވިދާޅުވިއެވެ. "ތިޔައީ އަހަރެން ވިސްނާ ކަންކަމެއް ނޫނެވެ. އަހަރެންގެ އެއްވެސް ދަރިޔަކު ދުވަހަކުވެސް އިސްލާމް ދީނަށާއި، މި ގައުމަށް ދެރައެއް ލިބޭ ކަހަލަ ކަމެއް ނުކުރާނެއެވެ. އެފަދަ ކަމެއްގައި ބައިވެރިއެއްވެސް ނުވާނެއެވެ. އެހެންވީމާ އަހަރެން ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟"

ޢަލީ މޫސާ ދީދީއަކީ ސަކަ މިޒާޖެއްގެ އުފާވެރި ބޭފުޅެކެވެ. ދުވަހަކުވެސް ދެރަފުޅު ވެފައި، ނުވަތަ ކޯފާ ވެފައި ހުއްޓައެއް ނުދެކެވެ. އެއީ އެ ފަދަ ކަމެއް ދިމާ ނުވާތީއެއް ނޫނެވެ. އޭނާއަކީ އެކަހަލަ އިދިކީލި ކަމެއް ދައްކަވާ ބޭފުޅެއް ނޫނެވެ. އަބަދުވެސް ފެންނާނީ ހިނިތުންވެވަޑައިގެން ހުންނަވަނިކޮށެވެ.

މާތް ﷲ ޢަލީ މޫސާ ދީދީއަށް ސުވަރުގެ މިންވަރު ކުރައްވާށެިެވ. އޭނާގެ ޒިކުރާ އަބަދުމެ ތާޒާކަންމަތީ ދަމަހައްޓަވާށިއެވެ. އާމީން.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.