ސްރީލަންކާގެ އާ ވަޒީރުންގެ މަޖިލިސް އެކުލަވާލައިފި

ސްރީލަންކާގެ އާ ވަޒީރުންގެ މަޖިލިސް ރައީސު ގޮތާބޭ ރާޖަޕްކްސާއާއެކު

ސްރީންލަންކާގައި މި މަހުގެ 18 ވަނަ ދުވަހު ރައީސުކަމާ ހަވަލުވެވަޑައިގެންނެވި ރައީސު ގޮތާބޭ ރާޖަޕަކްސާ އިއްޔެ ބޮޑުވަޒީރަކަށް އައްޔަންކުރެއްވި ކުރީގެ ރައީސު އަދި އޭނާގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސާގެ ވަޒީރުންގެ މަޖިލީހަށް ހަމަޖެއްސެވި 15 ވަޒީރުން މިއަދު ހެނދުނު މަގާމުގެ ހުވައިކުރައްވައިފިއެވެ.

އައު ވަޒީރުންގެ މަޖިލީހުގައި ބޮޑުވަޒީ މަހިންދަ ރާޖަޕަކްސާ ވަނީ ފިނޭންސް، އިކޮނޮމިކްސް ޕޮލިސީ، ކަލްޗަލް އަދި ރެލިޖަސް އެފެއާޒް، އާބަން ޑިވޮލޮމްޕްމަންޓް އަދި ހައުސިންގ އާ ބެހޭ ވުޒާރާތަކާ ހަވާލުވެވަޑައިގެންފައެވެ.

އަވަސް އާއްމު އިންތިޚާބެއް ބާއްވައި އާ ސަރުކާރެއް އިންތިޚާބުކުރެވެންދެން ވަގުތީ ގޮތުގައި މަސައްކަތްކުރުމަށް އެކުލަވާލެވުނު ވަޒީރުންގެ މަޖިލީހުގައި ޚާރިޖީ ވަޒީރުކަމާ ހަވާލުވެވައިގަތީ ދިނޭޝް ގުނަވަރްދަނާ އެވެ. ސްކިލް ޑިވޮލޮޕްމަންޓް އެންޑް ލޭބާ ވުޒާރާއާ ހަމވާލުވެވަޑައިގަތީވެސް އޭނާއެވެ. ގުނަވަރްދަނާއަކީ ވާތުފިޔައިގެ ޕާޓީއެއް ކަމަށްވާ މަހާޖަނަ އެކްސާތު ޕެރަމޫނާ (އެމްއީޕީ) ލީޑަރެވެ. އޭނާ ވަނީ ކުރީގެ ސަރުކާރުތަކުގައި ވެސް ދެ ފަހަރެއްގެ މަތިން ވަޒީރުކަން ކުރައްވާފައެވެ.

ރައީސު ގޮތާބޭ އަދި ބޮޑުވަޒީރު މަހިންދާގެ ބޭބޭފުޅު ޗަމަލް ރާޖަޕަކްސާ ވެސް ވަނީ ދެ ވުޒާރާއާ ހަވާލުވެވަޑައިގެންފައެވެ. އެއީ އެގްރިކަލްޗާ އެންޑް ރޫރަލް ޑިވެލެޕްމަންޓާއި، އިންޓާނަލް ޓްރޭޑް އެންޑް ފުޑް ސެކިއުރިޓީއެވެ.

ސްރީލަންކާގެ އިގުތިސާދަށް އެންމެ މުހިއްމު އެއް ވުޒާރާ ކަމުގައިވާ ޓޫރިޒަމް އެންޑް އޭވިޝަން ހަވާލުކުރެއްވީ ޕްރަސަންނަ ރަނަތުންގާއާއެވެ.  މީގެ އިތުރަށް ރަނަތުންގާ ވަނީ އިންޑަސްޓްރިއަލް އެކްސްޕޯޓްސް ވުޒާރާއާވެސް ހަވާލުވެވަޑައިގެންފައެވެ. އޭނާއަކީ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ގެ ބޭފުޅެކެވެ. އަދި 1996 ވަނަ ސްރީލަންކާއަށް ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން އަރްޖުނާ ރަނަތުންގާގެ ކޮއްކޯފުޅެވެ.

"ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް އަހަރެން މަރުހަބާކިޔަން. އަހަރުމެން މިތިބީ އިރުކޮޅެއް ކުރިން އައްޔަންކުރެވުނު ވަގުތީ ވަޒީރުންގެ މަޖިލީހާ އެކުގައި އާއްމު އިންތިޚާބު ބާއްވަންދެން ސްރީލަންކާގެ ހުރިހާ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އިންތިޒާރުގައި." އާ ވަޒީރުންގެ މަޖިލިސް އެކުލަވާލުމަށް ފަހު ނެރުއްވި ބަޔާނެއްގައި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ ވިދާޅުވެފައި ވެއެވެ.

ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންގެ ތެރޭގައި ޖަސްޓިސް ހިއުމަން ރައިޓްސް އެންޑް ލީގަލް ރިފޯމްއާ ހަވާލުވެވަޑައިގެންނެވި ނިމަލް ސިރިޕާލާ ޑިސިލްވާ، ފިޝަރީޒް އެންޑް އެކުއާޓިސް ރިސޯސަސްގެ ވަޒީރު ޑަގްލަސް ދޭވަނަންދާ، ހެލްތް އަދި މިވެންސް އެފެއާޒް އަށް އައްޔަންކުރެއްވި ޕަވިތުރާދޭވީ ވަންނިރާރައްޗީ، އިންފޯމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އަދި ހަޔާ އެޑިއުކޭޝަނާ ހަވާލުވެވަޑައިގެންނެވި ޑރ. ބަންޑުލާ ގުނަވަރްދަނާ ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރަށް ޖޮންސްޓަން ފެނާންޑޯ ރޯޑްސް، ހައިވޭސް އަދި ޕޯޓްސް އެންޑް ޝިފިންގްއާ ހަވާލުވެވަޑައިގެންނެވި އިރު، އިންޑަސްޓްރީއާ ބެހޭ ވަޒީރަކީ ވިމަލް ވީރަވަންސާއެވެ. މަހިންދަ އަމަރަވީރާ އަކީ ޓްރާންސްޕޯޓް އަދި އަދި ޕަވާ އެންޑް އެނާޖީގެ ވަޒީރެވެ. އެސް. އެމް. ޗަންދްރަސޭނާއަކީ ލޭންޑް ޑިވޮލޮޕްމަންޓްގެ އިތުރަށް އެންވައިރަންމަންޓް އެންޑް ވަލްއިޑް ލައިފާ ބެހޭ ވަޒީރެވެ. ޕްލާންޓޭޝަން އެންޑް އެކްސްޕޯޓް އެގްލިކަލްޗާއާ ހަވާލުވެވަޑައިގަތީ ރަމޭޝް ޕަތިރަނާއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.