ރާއްޖެ އިސްލާންވުން ފާހަގަ ކުރާ ޖަލްސާ ރާއްޖޭގެ ހަތަރު ރަށެއްގައި އެއްފަހަރާ

ރާއްޖެ އިސްލާންވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި އަހަރު ބާއްވާ ޚާއްސަ ޖަލްސާ ރާއްޖޭގެ ހަތަރު ތަނެއްގައި އެއް ފަހަރާ ބާއްވަވާނެ ކަމަށް މިނސްޓަރ އޮފް ހޯމް އެފެއަރޒްގެ ނާއިބު އަޙްމަދު ސަލީމް (މާޒް ސަލީމް) ވިދާޅު ވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށްޓަކައި ބޭއްވި ބައްދަލު ވުމެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި ޖަލްސާ ކުރިއަށް ދާނީ ކުޅުދުއްފުށިގަޔާއި، އައްޑޫ ސިޓީގަޔާއި، ފޯއްމުލަކު ސިޓީގަޔާއި، މާލޭގައެވެ. މާލޭގެ ޚާއްސަ ޖަލްސާ އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ.

މި އަހަރު ސަރުކާރުން ގަސްތު ކޮށްފައި ވަނީ ރާއްޖެ އިސްލާންވީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރާށެވެ. ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި، އެމްއެންޑީއެފާއި، ދިވެހިބަހުގެ އެކަޑެމީ ގުޅިގެންނެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މި ހަތަރު އޮފީހުންވެސް ވަނީ ބައިވެރި ވެފައެވެ. ބައްދަލުވުން އޮތީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގައެވެ.

މާޒް ސަލީމް ވިދާޅުވި ގޮތުގައި ޚާއްސަ ޖަލްސާތަކުގައި ވާހަކަ ދައްކާނީ އެ ޖަލްސާއެއް ބާއްވާ ސަރަހަދެއްގެ ބަހުރުވައިންނެވެ. ޖަލްސާ ހިނގަމުުން ދާނީ އެއް އެޖެންޑާއެްއްގެ ދަށުންނެވެ. މާލޭގައި ފުރަތަމަ ކީރިތި ޤުރްއާން ކިޔެވުމަށް ފަހު ދެން އެޖެންޑާގައިވާ ގޮތަށް ޖަލްސާ ބާއްވާ ހަތަރު ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުން ބޭފުޅަކު ވާހަކަފުޅު ދައްކަވާނީއެވެ. ޖަލްސާ ހިނގަމުންދާ ގޮތުން ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލަކުން ވަގުތުން ދައްކާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އިސްލާންވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ބާއްވާ އެއް ހަރަކާތަކީ ރާއްޖޭގެ ހުރިހައި މިސްކިތްތައް ސާފު ކުރުމުގެ މަސައްކަތެވެ. އިސްލާމިކް މިނިސްޓަރުގެ ނާއިބު މުޙައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވި ގޮތުގައި މި މަސައްކަތަށް ބޭނުންވާ ބައެއް ކަހަލަ އެހީ އެ މިނިސްޓްރީގައި އޮންނަ މިސްކިތު ފަންޑުން ދެއްވާނެއެވެ. މީގެ އިތުރަށް އެކި ރަށްރަށުގެ އިދާރާތަކުންނާއި، އާއްމުން އިސް ނަންގަވައިގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއެންޑީއެފުން ކުރިއަށް ގެންދާނީ ޖަލްސާ އޮންނަ ރޭ ބާއްވާ ބަޑިބޭހުގެ ކުޅިވަރެވެ.

ދިވެހިބަހުގެ އެކަޑެމީން ވަނީ ތާރީޚީ މައުލޫމާތު ދެއްވުމުގެ ޕްރޮގްރާމްތަކެއް ރާއްވަވާފައެވެ. މީގެ އިތުރަށް މަޒުމޫނު ލިޔުމާއި ޅެން ހެދުމުގެ މުބާރާތެއް ބާއްވަވައި އެ މުބާރާތްތަކުގެ ނަތީޖާ ދުވަހުގެ ޚާއްސަ ޖަލްސާގައި ފާޅު ކުރައްވާނެ ކަމަށް އެކަޑެމީގެ ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖެ އިސްލާންވީ ދުވަހަކީ ޖުމާދަލް އައްވަލު މަހުގެ 1 ވަނަ ދުވަހެވެ. މިއަހަރު އެ ދުވަސް ދިމާވަނީ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހާއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.