ރާއްޖެއިންކުރި ޑައިވް ދުނިޔޭގެ ރެކޯޑު ފޮތަށް އަރައިފި

މިއަހަރު އޮކްޓޯބަރ އެއްވަނަ ދުވަހު ރާއްޖޭގައި ގާއިމްކުރި ފްރީޑައިވް ވޯލްޑް ރެކޯޑް ބަލައިގަނެ ރަސްމީކޮށް ދުނިޔޭގެ ރެކޯޑު ފޮތަށް އަރުވައިފިއެވެ.

ގިނީސް ވޯލްޑް ރެކޯޑު ފޮތަށް މިރެކޯޑު ރަސްމީކޮށް އަރާފައިވާކަން ހާމަކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ރާއްޖެއިން މި ރެކޯޑު ހަދައިފައިވަނީ 521 މީހުން ޑައިވްގައި ބައިވެރިކޮށްގެންނެވެ. މި ޑައިވްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ބައިވެރިވެ ވަޑައިގެންނެވެ.

"ނޭވާ"ގެ ނަމުގައި މިޑައިވް ބޭއްވީ ކ. ބަރޮހުގެ ފަޅުތެރޭގައެވެ. ރައީސްގެ އިތުރަށް ސަރުކާރުގެ އިސްވެރިން ވެސް މިޑައިވްގައި ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ރެކޯޑު ހަދާފައިވަނީ ތިން މީޓަރު އަޑީގައި 30 ސިކުންތަށް ނޭވާ ހިފަހައްޓައިގެން ތިބެގެންނެވެ.

މީގެ ކުރިން މި ރެކޯޑު އޮންނަނީ އިޓަލީއަށެވެ. 2009 ވަނަ އަހަރު އެގައުމުން މިރެކޯޑު ހަދާފައިވަނީ 280 މީހުން ބައިވެރިކޮށްގެންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.