ދުނިޔޭގެ ފާޚާނާ ދުވަސް 2019': 673 މިލިއަން މީހުން ފާޚާނާކުރަނީ ހާމަ ތަންތަނަށް'

މިއަދަކީ އދ. ން ފާހަގަކުރާ މިއަހަރުގެ ދުނިޔޭގެ ފާޚާނާ ދުވަހެވެ. މިދުވަސް ފާހަގަކުރުމުގެ މަގުސަދަކީ ފާޚާނާއަށް ވަކި ޚާއްސަ ދުވަހެއް ފާހަގަކުރުމެއް ނޫނެވެ. އިންސާނުންގެ ނަޖިހަކީ އެންމެ ނުރައްކާތެރި ބަލި ފެތުރޭ ވަސީލަތަކަށް ވާތީ، ރައްކާތެރި ގޮތުގައި ގަޟާހާޖަތްކުރުމުގެ މުހިއްމުކަމާމެދު މީހުން ހޭލުންތެރި ކުރުމެވެ.

"އެކަކުވެސް ބާކީނުކުރޭ" މި ޝިއާރުގެ ދަށުން މިއަހަރު ދުނިޔޭގެ ފާޚާނާ ދުވަސް ފާހަގަކުރާއިރު، އދ. ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަދިވެސް 673 މިލިއަން މީހުން ފާޚާނާކުރަނީ ހާމަ ތަންތަނަށެވެ. އަދި ސިއްހީ ގޮތުން ރައްކާތެރިނޫން ގޮތުގައި ފާޚާނާ ބޭނުންކުރުމުގެ ސަބަބުން ބޭރަށް ހިންގުން ފަދަ ބަލިތަކުގައި އަހަރަކު 4 ލައްކަ 32 ހާސް މީހުން މަރުވެއެވެ. އަދިވެސް އދ. އިން ހާމަކޮށްފައިވާ ގޮތުގައި ގާތްގަނޑަކަށް ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ކަމުގައިވާ، 4 ބިލިއަން މީހުންގެ ގޭގައި ފާޚާނާ ނުހުރެއެވެ.

އަދިވެސް އދ. އިން ހާމަކޮށްފައިވާ ގޮތުގައި ނުސާފު ފެންބުއިމާއި، ސިއްހީ ނޫން ގޮތަށް ފާޚާނާ ކުރުމާއި، ރަނގަޅަށް އޮތް ނުދޮވުމުގެ ސަބަބުން ބޭރަށް ހިންގުން ޖެހިގެން ދުނިޔޭގައި އަހަރަކު 2 ލައްކަ 97 ހާސް ކުދިން މަރުވެއެވެ. އަދި ބޭރަށް ހިންގުން ފަދަ ފާޚާނާކުރުމުގެ ސިއްހަތާ ގުޅިފައިވާ ބަލިތަކުގެ ސަބަބުން ގައުމުތަކުގެ އުފެއްދުންތެރިކަން އަހަރަކު %5 ދަށްވެއެވެ.

ބައިނަލްއަގުވާމީ ފާޚާނާގެ ދުވަސް ފާހަގަކުރަމުންދާއިރު، ދުނިޔޭގައި ހާމަ ތަންތަނަށް ގަޟާހާޖަތްކުރާ މީހުން އެންމެ ގިނައީ އިންޑިޔާގައެވެ. ބޮޑުވަޒީރު މޯދީގެ އިންތިޚާބީ ކެންޕޭނުގައި އިންޑިޔާގައި ހާމަ ތަންތަނަށް ގަޟާހާޖަތްކުރުން ހުއްޓިއްޖެ ކަމަށާއި އެކަމަށްޓަކައި ރަށްފުށުގައި ސަރުކާރުން 110 މިލިއަން ފާޚާނާ ހަދައިދީފައިވާ ކަމަށް ވިދާޅުވިއަސް އިންޑިޔާގައި ހާމަތަންތަނަށް ފާޚާނާކުރާ މީހުން އަދިވެސް ވަރަށް ގިނައެވެ.

އަންދާޒާތަކުން އެނގޭ ގޮތުގައި އިންޑިޔާގެ ރަށްފުށުގެ އަވަށްތަކުގެ ދިރިއުޅޭ 300 މިލިއަން މީހުން މިހާރުވެސް ގަޟާހާޖަތްކުރަނީ ދަނޑުތަކާއި، ކޯރުތަކުގެ އައްސޭރި ފަދަ ހާމަ ތަންތަނަށެވެ. ފަގީރު ބައެއް ހިސާބުތަކުގެ އާބާދީގެ %40 މީހުން ފާޚާނާ ބޭނުންނުކުރެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. އިންޑިޔާގެ ރަށްފުށުގެ އަވަށްތަކުގެ ދިރިއުޅޭ 300 މިލިއަން މީހުން މިހާރުވެސް ގަޟާހާޖަތްކުރަނީ ދަނޑުތަކާއި، ކޯރުތަކުގެ އައްސޭރި ފަދަ ހާމަ ތަންތަނަށެވެ. ފަގީރު ބައެއް ހިސާބުތަކުގެ އާބާދީގެ %40 މީހުން ފާޚާނާ ބޭނުންނުކުރެއެވެ.

    Modi mithanah laari nuossaa thimeehunnah eheeve dhiniyyaa maa ran'galhennu.
    Edhumaa hure hama vedhun kurevenee dhoa .amilla rayyithun thihaaluga ulhey iruves

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.